އިންޑިއާގެ އެންމެ މަގުބޫލު އެއް ރިއަލިޓީ ޝޯ ކަމަށްވާ "ބިގް ބޮސް 15" ކަލާޒް ޓީވީން ދައްކަން ފަށައިފި އެވެ.
ވަރަށް ކުލަގަދަކޮށް ރޭ ޝޯ ކަލާޒް އިން ޕްރިމިއާ ކޮށްފައިވާއިރު، މި ފަހަރުގެ ސީޒަން ވެސް ހޯސްޓްއަކީ މީގެ ކުރީގެ ހަ ސީޒަން ހޯސްޓްކުރި ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ސަލްމާން ޚާން އެވެ.
ރާއްޖެ ގަޑިން ރޭ 9:00ގައި ދައްކަން ފަށާފައިވާ "ބިގް ބޮސް 15" ކުރިއަށްދަނީ ޖަންގަލީ ތީމަށެވެ. މިހާތަނަށް ލިބިފައިވާ މައުލޫމާތުތަކަށް ބަލާލައިރު، މި ފަހަރުގެ ސީޒަންގައި 12 ބައިވެރިޔަކު ބައިވެރިވާނެ އެވެ.
އޭގެ ތެރޭގައި މިދިޔަ މަހު ވޫޓްން ނިންމާލި "ބިގް ބޮސް އޯޓީޓީ"ގެ ކާމިޔާބު ކުރި ދިވްޔާ އަގަރްވާލްގެ އިތުރުން އެޝޯގައި ބައިވެރިން ކަމަށްވާ ނިޝާންތު ބަޓާއި ޝަމީތާ ޝެޓީ އާއި ޕްރިތީކް ސެހަޖްޕާ އެވެ. މީގެ އިތުރުން މިފަހަރު ޝޯގައި ފެންނާނެ ކަމަށް ޔަގީން ވެފައިވާ އިތުރު ބައިވެރިންގެ ތެރޭގައި ކަރަން ކުންދުރާ އާއި އުމަރް ރިއާޒާއި ތޭޖާސްވީ ޕްރަކާޝް އާއި މައިޝާ އައްޔަރް އާއި ސާހިލް ޝްރޮފް އާއި ސިމްބާ ނާގްޕާލްއާއި އަކާސާ ސިންގްގެ އިތުރުން ޑޯނަލް ބިޝްޓް އެވެ.
މިފަހަރުގެ ސީޒަން ވެސް ފަސް މަހަށް ކުރިއަށްދާނެ ކަމަށް ލަފާކުރެވޭއިރު، މި ޝޯގައި އިތުރު ބައިވެރި ވެސް ބައިވެރިވާނެ ކަމަށް ބެލެވެ އެވެ. އެގޮތުން މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި މި ފަހަރުގެ ސީޒަންގައި ބައިވެރިވާ އިތުރު ބައިވެރިންނަކީ ޖޭ ބަންޝާލީ އާއި ވިޝާލް ކޯޓިއަން އާއި އަފްސާނާ ޚާންގެ ވިދީ ޕާންޑިއާ އެވެ.
ރޭ "ބިގް ބޮސް 15" ގެ ޕްރީމިއާ ކޮށްފައިވާއިރު ކަލާޒްއިން ހުރިހާ ބައިވެރިން ކަށަވަރުކޮށް ނުދޭތީ، މި 4 ބައިވެރިން ވެސް ޝޯއިން ފެނިދާނެތޯ ނުވަތަ ނޫންތޯ ބަލާލަން އަދި ޖެހޭނީ ކުޑަކުޑަ އިންތިޒާރެއް ކޮށްލާށެވެ. އަދި މި ނޫން އިތުރު ބައިވެރިން ވެސް ފެނުމަކީ އެކަށީގެންވާ ކަމެކެވެ.
ޖަންގަލީގެ ތީމަކަށް މިފަހަރުގެ ޝޯ ބައްޓަން ކޮށްފައިވާއިރު، ބިގް ބޮސްގެ ރަސްމީ ގެއަށް ވަނުމަށް ބައިވެރިންނަށް ޖަންގަލި ތެރޭގައި ދަތު އުނދަގޫ ދަތުރެއް ކުރަން ޖެހޭނެ އެވެ.
"ބިގް ބޮސް"ގެ އެންމެ ފަހުގެ ސީޒަން ކާމިޔާބުކުރީ ޓީވީގެ މަޝްހޫރު ބަތަލާ ރުބީނާ ދިލައިކް އެވެ.