އަލަށް އުފެއްދުމަށް "އިހްލާސްތެރި ޕާޓީ މޯލްޑިވްސް" ގެ ނަމުގައި އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅި ޕާޓީއަށް ދީފައިވާ ހުއްދަ އެ ކޮމިޝަނުން ބާތިލްކޮށްފި އެވެ.

އިލެކްޝަނުން ކުރި ޓުވީޓެއްގައި ބުނީ އެ ކޮމިޝަނުން އިހްލާސްތެރި ޕާޓީ މޯލްޑިވްސްގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމަށް މ. ކެލަން މުހައްމަދު އިސްމާއިލަށް ދީފައިވާ ހުއްދަ ބާތިލްކުރުމަށް މިއަދު އެކޮމިޝަނުން ނިންމި ކަމަށެވެ.

އިލެކްޝަނުން އެ ޕާޓީއަށް ދީފައިވާ ހުއްދަ އަލުން ބާތިލްކޮށްފައިވަނީ މިމަހުގެ ތިން ވަނަ ދުވަހު އެ ޕާޓީ އުފެއްދުމަށް ހުއްދަދިނުމަށްފަހު އެވެ.

ނަމަވެސް އެޕާޓީ ހެދުމަށް ދީފައިވާ ހުއްދަ އަލުން ބާތިލްކޮށްފައި ވަނީ ކޮން ސަބަބަކާ ގުޅިގެން ކަމެއް އެ ކޮމިޝަނުން އަދި ހާމަކޮށްފައެއް ނުވެ އެވެ.

އިލެކްޝަނުން ވަނީ މީގެ ކުރިން ވެސް "ކަރިޝްމާ ޕާޓީ މޯލްޑިވްސް"ގެ ނަމުގައި ޕާޓީއެއް ހެދުމަށް މުހައްމަދު އިސްމާއިލް ހުށަހެޅުމުން، އެއީ ސިޔާސީ ޕާޓީއަކަށް ކިޔުމަށް އެންމެ އެކަށީގެންވާ ނަމެއް ނޫން ކަމަށް ކަނޑައަޅައި، އެ ނަމުގައި ޕާޓީއެއް އުފެއްދުމަށް ހުއްދަ ނުދީފަ އެވެ.

އެއަށްފަހު އެ ޕާޓީގެ ނަން ބަދަލުކުރުމަށްފަހުގައި "އިހްލާސްތެރި ޕާޓީ މޯލްޑިވްސް" ގެ ނަމުން ހުށަހެޅި ނަމަވެސް ޕާޓީ ރަޖިސްޓްރީ ކުރެވުމުގެ ކުރިން އިލެކްޝަނުން މިއަދު އެ ހުއްދަ ވަނީ ބާތިލްކޮށްފަ އެވެ.