އެމަނިކުފާނުގެ އެން އިސް ގައުމީ ވާޖިބަކީ ރާއްޖޭގެ އެންމެ މަތީ މަސްލަހަތު ރައްކާތެރިކުރުން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ މިރޭ ކުރިއަށްދިޔަ 1443 ވަނަ އަހަރުގެ ގައުމީ ދުވަހުގެ ރަސްމީ ޖަލްސާގައި ގައުމާ މުހާތަބުކުރައްވާ ދެއްކެވި ވާހަކަފުޅުގަ އެވެ.

ގައުމިއްޔަތުގެ އަސާސީ ބަހާތައް ތަފްސީލުކޮށްދެއްވަމުން ރައީސް ސޯލިހު ވިދާޅުވީ ރާއްޖޭގެ މިނިވަންކަން ދިފާއުކޮށް ރައްކާތެރިކުރުމާއި، ރާއްޖެއާއި ދިވެހީންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމާއި، ދިވެހިންގެ ހިތްތަކުގައިވާ އިސްލާމީ އަގީދާ ހަރުދަނާ ކުރުމާއެކު، އިންސާނީ ޙައްޤުތައް ރައްކާތެރިކުރުމާއި، ޑިމޮކްރަސީގެ ހަމަތައް ދިރުވައި އާލާކުރުން ހިމެނޭ ކަމަށެވެ.

ގައުމީ ދުވަހާއި ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވަނީ ގައުމީ ދުވަހަކީ ދިވެހިންގެ އަމިއްލަވަންތަކަމަށާއި އެއްބައިވަންތަކަށް ވެސް އެންމެ ބޮޑު ކުރިއެރުމެއް ގެނެސްދިން ދުވަސްކަމުގައި ފާހަގަކުރައްވާފަ އެވެ. އަދި ދިވެހި ގައުމިއްޔަތަކީ ކާބަފައިންގެ ފަރާތުން ވާރުތަވެފައިވާ އަމާނާތެއްގެ ގޮތުގައި ފާހަގަކުރައްވާ، ދިވެހި އެންމެހާ ރައްޔިތުން މި އަމާނާތަށް ވަފާތެރިވުމަށް އެމަނިކުފާނު ބާރުއެޅުއްވެވި އެވެ.

1443 ވަނަ އަހަރުގެ ގައުމީ ދުވަހުގެ މުނާސަބާ ފާހަގަކުރުމަށް މިރޭ ބޭއްވި ރަސްމީ ޖަލްސާގެ ތެރެއިން... ފޮޓޯ: ރައީސް އޮފީސް

"ރާއްޖޭގެ ގައުމީ ދުވަސް އެ ބަޠަލެއްގެ މަތިވެރި ޖިހާދަށް ނިސްބަތްވާ، އައްސުލްޠާނުލް ޣާޒީ މުޙައްމަދު ތަކުރުފާނުލް އަޢްޡަމް ސިރީ ސަވާދީއްތަ މަހާރަދުން، އާދެ، އުތީމު ބޮޑުތަކުރުފާނުގެ މަތިވެރި ގައުމީ ޖިހާދުގެ ހަނދާން އައުކޮށް، އެ ހިތްވަރުގަދަ ޤައުމީ ބަޠަލުގެ ފުރާނަފުޅަށް، އެ ރަދުންގެ ގައުމީ ޖިހާދުގެ އެންމެ އިސް ސަފުގައި، މި ދިވެހި ފަސްގަނޑަށްޓަކައި ގުރުބާންވެވަޑައިގެންނެވި، ދެ ތަކުރުފާނާއި ދެ ހާޖީންނާއި ދަންޑެހެލު ކުރެއްވި މަތިވެރި ޖިހާދުގެ ހަނދާން އައުކޮށް، އެ ބަތަލުންގެ ފުރާނަފުޅަށް ވެސް މާތްﷲ ހެޔޮ ރަޙްމަތް ލެއްވުން އެދި ދުއާކުރަން،" ރައީސް ވިދާޅުވި އެވެ.

ހަމަ އެއާއެކު އަހުލާގީ އެންމެ މަތީ މިންގަނޑުގައި ސާބިތުވެތިބޭ ބައެއްގެ ގޮތުގައި، ދަރިން ތަރުބިއްޔަތުކުރުމަށްވެސް އެމަނިކުފާނު މި ރަސްމިއްޔާތުގައި ވަނީ ބާރުއަޅުއްވާފަ އެވެ. އަދި ދިވެހިރާއްޖެއަށާއި ދިވެހިވަންތަކަމަށް، އަދި ދިވެހި ގައުމިއްޔަތަށް ލޯބިކުރާ ބައެއްގެ ގޮތުގައި، ދަރިން މުޖްތަމައަށް ނެރުމަށާއި، ދިވެހިވަންތަ ޝަހުސިއްޔަތެއްގެ ސިފަތައް، ކޮންމެ ދަރިއެއްގެ ކިބައިގައި ހަރުލައްވައިދިނުމަކީ ގައުމީ ވާޖިބަކަށް ހެދުމަށް އެމަނިކުފާނު ވިދާޅުވި އެވެ.

މީގެ އިތުރުން މި ގައުމުގެ އަންނަން އޮތް ޖީލުގެ ހިތްތަކުގައި ގައުމިއްޔަތުގެ ރޫހު އުފައްދައި، ގައުމީ ލޯބި ދިރުވައި އާލާކުރުމުގެ އަޒުމް ކަނޑައެޅުމަށްވެސް މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އެމަނިކުފާނު ވަނީ އެދިވަޑައިގެންފަ އެވެ.

1443 ވަނަ އަހަރުގެ ގައުމީ ދުވަހުގެ މުނާސަބާ ފާހަގަކުރުމަށް މިރޭ ބޭއްވި ރަސްމީ ޖަލްސާގެ ތެރެއިން... ފޮޓޯ: ރައީސް އޮފީސް

މިރޭގެ ރަސްމިއްޔާތުގައި ރައީސް ވަނީ ދިވެހި ދައުލަތަށް ދިގު މުއްދަތެއް ވަންދެން ހިދުމަތް ކުރައްވާފައިވާ ބޭފުޅުންނާއި އަދި މިހާރު ހިދުމަތުގައި ދެމި ތިއްބެވި ބޭފުޅުންގެ ހިދުމަތުގެ އަގު، ޤައުމީ ފެންވަރެއްގައި ވަޒަން ކޮށްފައި ނެތްކަން ފާހަގަކުރައްވާފަ އެވެ. އެހެންކަމުން އެފަދަ ބޭފުޅުންގެ އަގު ވަޒަންކުރުމުގެ ގޮތުން މިއަހަރުގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބާއްވާ ރަސްމީ ޖަލްސާގައި، އެފަދަ ބޭފުޅުންގެ ހިދުމަތުގެ އަގު ގައުމީ ފެންވަރުގައި ވަޒަންކުރަން ފެށުމަށް ސަރުކާރުން ނިންމަވާފައިވާކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ.

މި ރަސްމިއްޔާތުގައި ރައީސް ވަނީ ގައުމީ ދުވަހުގެ ހެޔޮއެދުމާއި ތަހުނިޔާ ރާއްޖޭގެ އެންމެހާ ރައްޔިތުންނަށް އަރިސްކުރައްވާފަ އެވެ.