ކޮވިޑުން ދިފާޢުވުމަށް ޖަހާ ވެކްސިން އިތުރު 793 މީހުން ފުރިހަމަކޮށްފި އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު ފުރަތަމަ ޑޯޒް ޖެހި މީހުންގެ ޖުމުލަ ޢަދަދަކީ 393،059 އެވެ.

މީގެ އިތުރުން އަލަށް 793 މީހަކު ވެކްސިންގެ ދެޑޯޒް ފުރިހަމަކުރުމާއިއެކު، ރާއްޖެއިން ވެކްސިން ފުރިހަމަކުރި މީހުންގެ އަދަދު ވަނީ 345،996އަށް އަރައިފަ އެވެ.

އެޗްޕީއޭއިން އާންމުކުރި އެންމެ ފަހުގެ މައުލޫމާތުގައި އަތޮޅުތެރެއިން ވެކްސިންގެ ފުރަތަމަ ޑޯޒް، 17 މީހަކު ޖަހައިފައިވެ އެވެ. އަދި 316 މީހަކު އަތޮޅު ތެރެއިން ދެވަނަ ޑޯޒް ޖަހާފައިވާ ކަމަށް ވެސް އެޗްޕީއޭއިން ބުނެ އެވެ.

ކޮވިޑް ފެތުރުން ހުއްޓުވައި، ބަލިން ރައްކާތެރިވެ ތިބުމަށް ރާއްޖޭގައި މިވަގުތު އާންމުކޮށް ޖަހަމުން ގެންދަނީ ދެ ވެކްސިނެކެވެ. އެއީ އިންޑިއާގެ އެސްޓްރާޒެނެކާ ވެކްސިނާއި، ޗައިނާގެ ސިނޮފާމް ވެކްސިނެވެ.

އެހެންނަމަވެސް ހާއްސަ ހާލަތްތަކުގެ މަތިން ބައެއް މީހުންނަށް ފައިޒާ ވެކްސިން ވެސް ޖަހަމުންދެއެވެ. އޭގެ ތެރޭގައި އުމުރުން 12 އަހަރާއި 18 އަހަރާ ދެމެދުގެ ކުދިންނަށް ވެސް ފައިޒާ ވެކްސިން ޖަހަ އެވެ.