އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މައިކް ޕޮމްޕެއޯ އަންނަ ބުދަ ދުވަހު ރާއްޖެއަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި ދެ ގައުމުގެ ގުޅުމާ ބެހޭ މުހިއްމު ނިންމުތަކެއް އިއުލާންކުރައްވާނެ ކަމަށް އެމެރިކާއިން ބުނެފި އެވެ.
ޕްރިންސިޕަލް ޑެޕިއުޓީ އެސިސްޓެންޓް ސެކްރެޓަރީ އޮފް ސްޓޭޓް ޑީން ތޮމްޕްސަން ނޫސްވެރިންނާ ވާހަކަދައްކަވަމުން ވިދާޅުވީ ސަރަހައްދީ ރައްކާތެރިކަމުގެ މައްސަލަތަކާއި ޓެރެރިޒަމާ ދެކޮޅަށްކުރާ މަސައްކަތުގައި ރާއްޖެއާއެކު މަސައްކަތްކުރެވޭތީ އެމެރިކާ ފަޚުރުވެރިވާ ކަމަށެވެ.
"އަޅުގަނޑުމެން އުއްމީދުކުރަނީ އިތުރު ފުރުސަތުތަކާއެކު މި ގުޅުން ބަދަހިކުރާއިރު އެމެރިކާ- ރާއްޖެ މުހިއްމު ނިންމުންތަކެއް މިދަތުރުފުޅުގައި ސެކްރެޓަރީ ޕޮމްޕެއޯ އިއުލާންކުރައްވާނެ ކަމަށް،" އޭނާ ވިދާޅުވި އެވެ.
ތޮމްޕްސަން ވިދާޅުވީ ޕޮމްޕެއޯ 56، ރާއްޖެއަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅުގައި ރާއްޖޭގެ ޑިމޮކްރެޓިކް އިންސްޓިޓިއުޝަންތަކާއި މަދަނީ ޖަމިއްޔާތައް ހަރުދަނާކުރުމާ ބެހޭ ގޮތުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހާއި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުއާއެކު ރަސްމީ މަޝްވަރާތައް ބާއްވަވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ފޮރިން މިނިސްޓްރީން ބުނެފައި ވަނީ ޕޮމްޕެއޯގެ މަޝްވަރާތަކުގައި ކޮވިޑް-19 އާ ދެކޮޅަށް ކުރަމުންދާ މަސައްކަތްތަކާ ބެހޭ ގޮތުންނާއި ކުރިމަގުގައި ދެ ގައުމުގެ މެދުގައި ގުޅުން ބަދަހިކުރެވިދާނެ ދާއިރާތަކާ ބެހޭ ގޮތުން ދެ ބޭފުޅުން ވާހަކަފުޅު ދައްކަވާނެ ކަމަށެވެ.
ޕޮމްޕެއޯގެ މި ދަތުރުފުޅަކީ 1992 ވަނަ އަހަރުގެ ޖުލައި މަހުގެ 24 ވަނަ ދުވަހު އެމެރިކާގެ އޭރުގެ ޚާރިޖީ ވަޒީރު ޖޭމްސް ބޭކާ ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅަށްފަހު އެމެރިކާ ސަރުކާރުގެ އިސް ބޭފުޅަކު ރާއްޖެއަށް ކުރައްވާ އެންމެ މަތީ ފަންތީގެ ދަތުރުފުޅެވެ. އެކަމަކު 2004 ވަނަ އަހަރު އޭރުގެ ފޮރިން ސެކްރެޓަރީ ކޮލިން ޕަވަލް އޮސްޓްރޭލިއާ ކުރެއްވި ދަތުރުފުޅެއްގައި ކުޑަ ވަގުތުކޮޅަކަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި މަޑުކޮށްލެއްވި އެވެ.