ޓިކްޓޮކްގައި ބަރަހާނާ ވީޑިއޯއެއް އާންމު ކުރި މައްސަލައެއްގައި ހައްޔަރުކުރި މުހައްމަދު ނަބީލް (ޔާޔާ ނަބީލް) ދޫކޮށްލައިފި އެވެ.

މި މައްސަލައިގައި ނަބީލް ހައްޔަރުކޮށްފައި ވަނީ މިދިޔަ މަހުގެ ކުރީކޮޅުގަ އެވެ. އެއަށްފަހު ސެޕްޓެމްބަރު މަހުގައި ނަބީލްގެ ބަންދަށް 12 ދުވަސް ޖަހައި ބަންދުގައި ބެހެއްޓުމަށް ފަހުގައި އޭނާ ކްރިމިނަލް ކޯޓުން ދޫކޮށްލާފައި ވަނީ އިތުރަށް ބަންދުގައި ބަހައްޓަން ޖެހޭ ސަބަބެއް ނެތުމުން ކަމަށް ބުނެ އެވެ.

މި މައްސަލައާއި ގުޅިގެން ކޯޓުގައި ނަބީލް ވަނީ އޭނާ އަށް ކުރާ ތުހުމަތު އިންކާރުކޮށްފަ އެވެ. އަދި ލީކުވި ވީޑިއޯއަކީ އޭނާ ހަދައިފައިވާ ވީޑިއޯއެއް ނޫން ކަމަށާއި، އެ ވީޑިއޯއަކީ އޭނާގެ ވީޑިއޯއެއް ނޫން ކަމަށް އޭނާ ވަނީ ބުނެފަ އެވެ.

މީގެ އިތުރުން އޭނާގެ ދިފާއުގައި އޭނާ ބުނީ ޓިކްޓޮކްއަށް 3 މިނެޓްގެ ވީޑިއޯއެއް ނުލެވޭނެ ކަމަށާއި ލެވޭނީ 60 ސިކުންތުގެ ވީޑިއޯ ކަމަށެވެ.

އެހެންނަމަވެސް، އޭނާގެ މައްސަލަ ބެލި ޝަރީއަތުގައި ބަރަހަނާވި ވީޑިއޯގައި ނަބީލް ލައިގެން އުޅުނު ކަމަށް ބުނާ އަންނައުނު، އޭނާ ދިރިއުޅޭ ކޮޓަރިން ފެނިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

ނަބީލް އާންމުންގެ ތެރޭގައި އެނގިފައިވަނީ "ޔާޔާ"ގެ ނަމުންނެވެ. މިގޮތުން އޭނާ ޓިކްޓޮކްގައި އަންހެނުންގެ ހެދުން ލައިގެން ގިނަ ވީޑިއޯ އާންމުކޮށްފައިވާއިރު، އޭނާއަށް ގިނަ ބައެއްގެ ފާޑުކިޔުންތަކާއި ނުރުހުންތެރިކަން ސޯޝަލްމީޑިޔާގައި ވެސް އަމާޒުވެފައިވެ އެވެ.