އދ. ދަނގެތީ މަރާލާފައި އޮއްވާ ފެނުނު އުމުރުން 57 އަހަރުގެ މަހުމޫދު އަބޫބަކުރުގެ ހަށިގަނޑު އިތުރު ތަހުލީލުތަކަށް މާލެ ގެނެސްފި އެވެ.

ރަހުމު ކުޑަގޮތަކަށް މަރާލައި ފަޅު ގޯއްޗެއްގެ ތެރޭގައި ހުރި ވަޅަކަށް އެއްލާލާފައި މަހުމޫދު ފެނިފައިވަނީ އޭނާ ގެއްލިގެން ހޯދަމުން ދަނިކޮށް އިއްޔެ މެންދުރު 2:30 ހާއިރު އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މިއަދު ޓެސްޓްތައް ހެދުމަށް ފަހު އަލުން އަނބުރާ ދަނގެތިއަށް އަލުން އަނބުރާ މަހުމޫދުގެ ހަށިގަނޑު ފޮނުވާލާނެ އެވެ. މީގެ އިތުރުން ވަޅުލުމަށް ހަމަޖެހިފައިވަނީ އެ ރަށުގައި ކަމަށް މައުލޫމާތު ލިބިފައިވެ އެވެ.

މި މައްސަލައިގަ ފުލުހުން އަދި އެއްވެސް މީހަކު ހައްޔަރެއް ނުކުރެ އެވެ. އެކަމަކު އެ ރަށު މީހުން ތުހުމަތު ކުރާ ތިން މީހަކު ވަނީ ދަނގެތީ ޕޮލިސް ސްޓޭޝަނާއި ހަވާލުކޮށްފަ އެވެ.

މަހުމޫދުގެ މަރުގެ މައްސަލައިގެ ތަހްޤީޤް ލަސްވެގެން އެރަށުގެ ރައްޔިތުން ވަނީ ކަންބޮޑުވުންވެސް ފާޅުކޮށްފަ އެވެ.

ފުލުހުން ބުނީ މަރުގެ މައްސަލާގައި ބަލަންޖެހޭ ކަންކަންބަލައި ތަހްޤީޤްކުރުމަށް ފުލުހުންގެ ޚާއްޞަ ތަހުގީގީ ޓީމެއް އެ ރަށަށް ގޮސްފައިވާ ކަމަށެވެ.

މަހުމޫދަކީ އެ ރަށުގައި ކާޑުގެ ވިޔަފާރި އާއި ހޮޓަލެއް ހިންގާ ވިޔަފާރިވެރި އެކެވެ. އެ ރަށު މީހުން ތުހުމަތު ކުރާގޮތުގައި މަހުމޫދު މަރާލީ ފައިސާގެ މައްސަލައެއްގައި އެވެ.