ކޮވިޑް-19 އާއި ގުޅިގެން ދޭން ފަށާފައިވާ ފްރޮންޓްލައިން އެލަވަންސް، ޖުލައި މަހުގެ 15 އާއި ހަމައަށް ސިފައިންނާއި ފުލުހުން ފިޔަވައި އެހެން ހުރިހާ ފަރާތްތަކަށް ދީފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން މިއަދު ބުނެފި އެވެ.
ފިނޭންސް މިނިސްޓްރީން ބުނީ ފްރޮންޓްލައިން ނުވަތަ ކުރީ ސަފުގައި މަސައްކަތްކުރާ މީހުންނަށް އެލަވަންސެއް ދޭން ކަނޑައަޅާފައިވަނީ މާޗް މަހުގެ 7 ކުން ފެށިގެން، ކޯވިޑް-19 އަށް ސީދާ އަދި ނުސީދާ ގޮތުން ހުށައެޅޭ ފަރާތްތަކަށް ކަމަށެވެ. މި އެލަވަންސް ލިބޭ ފަރާތްތަށް ބަހާލާފައިވާ ތިން ކެޓަގަރީއަކީ ހައި ރިސްކް، ލޯވް ރިސްކް އަދި މީޑިއަމް ރިސްކް ކެޓަގަރީ އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ކުރީ ސަފުގައި މަސައްކަތް ކުރާ ފަރާތްތަކަށް އެލަވަންސް ދިނުމުގެ އުސޫލު ކަނޑައަޅައި އެކަމާ ގުޅޭ ހުރިހާ މަސައްކަތްތަކެއް ކުރަނީ މިނިސްޓްރީ އޮފް ހެލްތް، މިނިސްޓްރީ އޮފް ފިނޭންސް، ހެލްތް އިމާޖަންސީ އޮޕަރޭޝަން ސެންޓަރު އަދި ރައީސުލް ޖުމްހޫރިއްޔާގެ އޮފީހާ ގުޅިގެންނެވެ.
ފްރޮންޓްލައިން އެލަވަންސްއާއި ބެހޭގޮތުން ނޫސްވެރިންނާ ވާހަކަދައްކަވަމުން ފިނޭންސް މިނިސްޓްރީގެ ޗީފް ފިނޭންޝަލް ބަޖެޓް އެގްޒެކިއުޓިވް، އަހުމަދު ޝަރުވަސް އާދަމް ވިދާޅުވީ އެންމެ އިސްކަމެއް މިވަގުތު ދީގެން ކުރަމުންދާ ކަމަކީ މާޗް 7 ކުން ޖުލައި 15 ގެ ނިޔަލަށް ކުރީ ސަފުގައި މަސައްކަތްކުރަމުންދިޔަ މުވައްޒަމުންނަށް އެލަވެންސް ދިނުން ކަމަށެވެ. އެގޮތުން ޖުލައި މަހުގެ 15 އާ ހިސާބަށް އައި އިރު ސިފައިންނާއި ފުލުހުން ފިޔަވައި ހުރިހާ މުވައްޒަފުންނަށް އިނާޔަތްވާނީ ދީފައި ކަމަށް ޝަރުވަސް ވިދާޅުވި އެވެ
"މިހާތަނަށް 33.2 މިލިއަން ރުފިޔާ 2948 މީހުނަށް ވަނީ ދޫކޮށްފައި. އަދި 300،000 ރުފިޔާގެ ޕޭމަންޓެއް ވެސް މިހާރު ރެޑީވެފައި އެބައިން،" ޝަރުވަސް ވިދާޅުވި އެވެ.
ސިފައިންނާއި ފުލުހުންނަށް ފްރޮންޓްލައިން އެލަވަނަސް ދެވިފައި ނުވަނީ ކީއްވެގެންތޯ އެހުމުން ޝަރުވަސް ވިދާޅުވީ އެ މުއައްސަސާތަކުން އުސޫލަށް ގެންނަ ބައެއް ބަދަލުތަކާ ގުޅިގެން އެލަވަންސް ނުދެވި ލަސްވަނީ ކަމަށެވެ. އަދި އެ އުސޫލަށް ގެންނަން ހުށައަޅާފައިވާ ބަދަލުތައް ރައީސް އޮފީހުން ސޮއިކޮށް ފާސްކުރުމާއެކު ވީހާ ވެސް އަވަސް މުއްދަތެއްގެ ތެރޭގައި ސިފައިންނާއި ފުލުހުންނަށް އެލަވަންސް ދޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ފްރަންޓްލައިންގައި 3،017 ފުލުހުންނާއި ޑިފެންސްގެ 3،246 މީހުން މަސައްކަތްކުރި ކަމަށް ފިނޭންސް އިން ލަފާކުރެ އެވެ.
"އަންދާޒާމިކުރަނީ މި ދެ މުއައްސަސާއަށް 80 މިލިއަން ރުފިޔާ ހޭދަވާނެ ކަމަށް. ނަމަވެސް އަލުން އެ ގެންނަ ބަދަލުގައި މީހުންގެ އަދަދުތަކަށް ބަދަލުއައުން އެކަށީގެންވޭ،" ސަރުވަޝް ވިދާޅުވި އެވެ.
މިނިސްޓްރީން ބުނީ އެލަވަންސް ދިނުމުގައި ލަސްތަކަކާ ކުރިމަތިލާންޖެހުނީ އެމަސައްކަތަކީ ވަކި އުސޫލެއް އެކުލަވާލުމަށްފަހު ސިސްޓަމްއެއްގެ ދަށުން ކުރަންޖެހޭ މަސައްކަތްތަކަށްވާތީ ކަމަށެވެ. އަދި ސިސްޓަމް އެކުލަވާލުމަށްފަހު އެލަވަންސް ލިބެންވާ ފަރާތްތަކަށް ކަނޑައެޅުމާއި މުވައްޒަފުންގެ މައުލޫމާތު ސިސްޓަމަށް އަޅައި ރެކޯޑު ކުރުމުގައި ހަރަކާތްތެރިވާނީ ވެސް އެ މުއައްސަސާތަކުން ކަމަށް އެ މިނިސްޓްރީން ބުންޏެވެ.
ރޫޓިންގ އުސޫލުން އެލަވަންސްތައް ދިނުމަށް މިހާރު ނިމްމާފައިވާ އިރު، މާރޗް މަހުގެ 7 ކުން ފެށިގެން ޖުލައި މަހުގެ 15 އާއި ހަމައަށް ތިން ފަހަރެއްގެ މަތިން ފްރޮންޓްލައިން އެލަވަންސްވަނީ ދޫކޮށްފަ އެވެ.
ފްރޮންޓްލައިން އެލަވަންސަށް ޝަރުތު ފުރިހަމަވާ މުވައްޒަފުންގެ ތެރެއިން ހައި ރިސްކު ކެޓަގަރީއަށްދާ މުވައްޒަފުންނަށް ދުވާހަކު 500 ރުފިޔާ ދޭން ނިންމާފައިވާއިރު، މީޑިއަމް ރިސްކް މުވައްޒަފުންނަށް 250 ރުފިޔާ އަދި ލޯވ ރިސްކް މުވައްޒަފުންނަށް 200 ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފަ އެވެ.