ރާއްޖޭގެ ހުރި ވަޒީފާގެ ފުރުސަތުތަކުގެ ބޭނުން ހިފުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ޒުވާނުންނަށް އިލްތިމާސްކުރައްވައިފި އެވެ.

ރައީސް ސޯލިހު މިގޮތަށް އިލްތިމާސް ކުރެއްވީ ޒުވާނުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން މިރޭ ހދ. ކުޅުދުއްފުށީގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

މިރަސްމިއްޔާތުގައި އިތުރަށް ރައީސް ސޯލިހު ވިދާޅުވީ މިއަދުގެ ޒުވާނުންނަކީ މާދަމާ ގައުމުގެ ކަންކަމާއި ހަވާލުވާ ތިބި މީހުން ކަމަށާއި މިއަދު ލިބިގެންދާ ފުރުސަތުތަކުގެ ބޭނުން އެންމެ ރަނގަޅަށް ހިފަން ޖެހޭ ކަމަށެވެ. ޒުވާނުންގެ ކިބައިގައި ތަފާތު ހުނަރުތަކާއި ފަންނު ހުރިކަން ފާހަގަ ކުރައްވަމުން ރައީސް ވިދާޅުވީ އެ ހުނަރާއި ފަންނުވެރިކަމުން ގައުމު އުފެއްދުންތެރިކަން އިތުރު ކުރުމަށް މަސައްކަތް ކުރަންޖެހޭ ކަމަށެވެ.

"ހުރިހާ ޒުވާނުންވެސް ވިސްނަންވީ، މިހާރު ތިޔަ ހޭދަކުރަނީ ޢުމުރުގެ އެންމެ އަގުބޮޑު ދުވަސްވަރުކަން. އެ މީހެއްގެ ހަޔާތުގެ ކުރިމަގު ބާއްޖަވެރިކަމުގެ މަތީގައި ބިނާކުރެވޭނީ، ޒުވާން އުމުރުގައި އަޅާ ބިންގާ ސީދާކުރި މިންވަރަކުން. ރާއްޖޭގެ ކޮންމެ ޒުވާނެއްގެ ކިބައިގައި ވެސް ތަފާތު ހުނަރުތަކަކާއި، ތަފާތު ގާބިލުކަމެއް އެބަހުރި. ގައުމު މިއަދު އެދި ގޮވަނީ، ތިޔަ ޒުވާނުންގެ ކިބައިގައި ހުރި ހުނަރާއި ފަންނުވެރިކަމުން، އަދި އުފެއްދުންތެރި ވިސްނުންތަކުން ގައުމަށް ކުރިއެރުން ހޯދައިދިނުމަށް،" ރައީސް ސޯލިހު ވިދާޅުވި އެވެ.

ގިނަ އަދަދެއްގެ ޒުވާނުން ވަޒީފާއެއް ނެތި ތިބިކަން ފާހަގަ ކުރައްވަމުން ރައީސް ވިދާޅުވީ ރާއްޖޭގެ ވަޒީފާގެ ބާޒާރުގައި ބިދޭސީ މަސައްކަތްތެރިން ވަރަށް ގިނައިން ތިބި ކަމަށެވެ. މިއިން ވެސް ރާއްޖޭގައި ވަޒީފާތައް ހުރިކަން ސާބިތުކޮށްދޭ ކަމަށް ރައީސް ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ ތެރޭގައި، މަސައްކަތެއް ނުކޮށް ތިބި، ވަރަށް ގިނަ ޒުވާނުންތަކެއް މިހާރުވެސް އެބަތިބި. ހަމައެއާއެކު، ރާއްޖޭގެ މަސައްކަތު ބާޒާރުގައި، ވަރަށް ގިނަ ޢަދަދެއްގެ ބިދޭސީންވެސް އެބަ ހަރަކާތްތެރިވޭ. މިއިން އެނގެނީ، މަސައްކަތެއް ނުކޮށް ޒުވާނުންތަކެއް ތިއްބަސް، މަސައްކަތު ބާޒާރުގައި ތަފާތު ފުރުސަތުތައް އެބަހުރިކަން،" ރައީސް ވިދާޅުވި އެވެ.

މީގެ އިތުރުން ރައީސް ސޯލިހު ވިދާޅުވީ ޒުވާނުންނަށް ކިޔަވައިދިނުމާއި، މަސައްކަތުގެ ތަމްރީން ހޯދައިދިނުމާއި، ވަޒީފާގެ ފުރުސަތުތައް އިތުރުކުރުމާއި، ގައުމީ ތަރައްގީގައި ޒުވާނުންގެ ބައިވެރިވުން އިތުރުކުރުމަކީ އެކަންކަމާ ދޭތެރޭ ވަރަށް ބޮޑަށް ވިސްނަން ޖެހިފައިވާ ކަމެއް ކަމަށެވެ. އަދި ސަރުކާރުން މިހާރު ޑްރާފްޓްކޮށްފައިވާ "ޒުވާނުން ބިނާކުރުމާއި ހުނަރުވެރިކުރުމުގެ ބިލް" ގެ އެންމެ މުހިންމު އެއް މަގުސަދަކީވެސް އިސްލާމް ދީނަށް ލޯބިކުރާ ދީނުގެ އަސާސްތަކަށް ހުރުމަތްތެރިކޮށް ހިތާ ގައުމިއްޔަތުގެ ސިފަތައް ލިބިގެންވާ ޒުވާނުންތަކެއް ބިނާކުރުންކަމަށް ރައީސް ވިދާޅުވި އެވެ.

"ޒުވާނުންގެ އުންމީދުތައް ހަގީގަތަކަށް ހެދުމަށް މަގު ދައްކައިދީ، ކުރިމަގުގެ ފުރުސަތުތަކަށް މަގުފަހުކޮށްދިނުމަކީ ވެސް މި ބިލްގެ ވަރަށް މުހިންމު މަގުސަދެއް. މިބިލްގެ ސަބަބުން، ގައުމު ކުރިއަރުވައި ރާއްޖެއަށް ޝަރަފާއި ފަހުރު ހޯދައި ދިނުމުގައި، މިހާރަށް ވުރެ ބޮޑަށް ޒުވާނުންގެ ބައިވެރިވުން ލިބޭނެކަމަށް ގަބޫލުކުރެވޭ،" ރައީސް ވިދާޅުވި އެވެ.

މީގެ އިތުރުން ގައުމީ ކަންކަމުގައި އިސްނެގުމާއި ހިންގުމުގެ ރޫހު ޒުވާނުންގެ މެދުގައި އާލާކުރުމުގެ ޕްރޮގްރާމެއް ވެސް މިހާރު ކުރިޔަށްދާކަމަށް ރައިސް ވިދާޅުވި އެވެ. އަދި މަސައްކަތުގެ ހުނަރު ދަސްކޮށްދީ ވަޒީފާގެ ބާޒާރަށް ޒުވާނުން ނެރެން ކުރިއަށް ގެންދާ، އެޕްރެންޓިސްޝިޕް ޕްރޮގްރާމާ ގުޅޭ ގޮތުން ވެސް ރައީސް ވާހަކަދެއްކެވި އެވެ.

"މިއަހަރު ފެށި ނޭޝަނަލް ވޮލަންޓިއާސް ޕްރޮގްރާމްގައި މިއަދާ ހަމައަށް ޖުމްލަ 105 ވޮލަންޓިއަރުން ބައިވެރިވެއްޖެ. އޭގެ ތެރެއިން 40 ވޮލަންޓިއަރުން ތަމްރީން ފުރިހަމަކޮށް މިހާރު އަންނަނީ ގައުމީ ކަންކަމުގައި ބައިވެރިވަމުން. ކޮވިޑް ފެސިލިޓީތަކުގައި ވެސް ބައެއް ވޮލަންޓިއަރުން ވަރަށް މުހިންމު ހިދުމަތްތަކެއް ކުރެއްވި،" ރައީސް ވިދާޅުވި އެވެ.

އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ ދަށުން ދެ ކުންފުންޏަކަށް 19 ޒުވާނުން ތަމްރީންކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާކަން ފާހަގަ ކުރައްވަމުން ރައީސް ވިދާޅުވީ އިތުރު ކުންފުނިތަކާ މަޝްވަރާކޮށް، ކުރިމަތިލި ޒުވާނުން ޝޯޓްލިސްޓް ކުރުމުގެ މަސައްކަތް އެދަނީ ކުރިޔަށްދާ ކަމަށެވެ. އަދި އެ ޕްރޮގްރާމްތަކަކީ 3،000 ރުފިޔާގެ އެލަވަންސެއް ދީގެން، ތަޖުރިބާކާރުންގެ ބެލުމުގެ ދަށުން މަސައްކަތުގެ ހުނަރާއި ތަމްރީން ހޯދައިދޭ ޕްރޮގްރާމްތަކެއްކަން ރައީސް ފާހަގަކުރެއްވި އެވެ.