ޚަރުތޫމް (އޮކްޓޯބަރު 26)- އެމެރިކާއިން ސޫދާނަށް ދޭން ރާވާފައިވާ 700 މިލިއަން ޑޮލަރުގެ އެހީ ސަސްޕެންޑްކޮށް، އެ ގައުމުގައި އޮތް އިންތިގާލީ ސަރުކާރު ވެރިކަމުން ދުރުކުރި ބަޣާވާތް ކުށްވެރިކޮށްފި އެވެ.

ސޫދާނުގެ އަސްކަރިއްޔާއިން އެ ގައުމުގެ ބޮޑުވަޒީރު އަބްދަލާ ހަމްޑޮކް އާއި، އިސް އޮފިޝަލުން ހައްޔަރުކޮށް، އަސްކަރިއްޔާއިން އިއްޔެ ވެރިކަމާ ހަވާލުވުމާ ދެކޮޅަށް އެ ގައުމުގައި ފުޅާ ދާއިރާއެއްގައި މުޒާހަރާތައް ކުރަމުން އެބަގެންދެ އެވެ.

ސޫދާންގެ ޑޮކްޓަރުންގެ ކޮމިޓީން ބުނެފައި ވަނީ، މުޒާހަރާގެ ބައެއް ބައިވެރިންގެ ގަޔަށް އަސްކަރީ ސިފައިން ބަޑިޖަހައި، މަދުވެގެން ތިން މީހުން މަރާލައި، އިތުރު އެތައް ބަޔަކު ޒަޚަމްކޮށްލާފައިވާ ކަމަށެވެ.

އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ބުނީ އެހީގެ ފަންޑުތައް "ވަގުތުން މަޑުޖައްސާލަމުންދާ" ކަމަށާއި، އަދި ސޫދާން ޑިމޮކްރެޓިކް ސަރުކާރަކަށް ބަދަލުވުމަށް ތާއީދުކުރާނެ ކަމަށެވެ.

ތަރުޖަމާނު ނެޑް ޕްރައިސް ވިދާޅުވީ އަސްކަރީ ލީޑަރުން މިސްރާބު ބަދަލުކޮށް މަދަނީ ސަރުކާރު އަލުން އިއާދަނުކޮށްފިނަމަ އިތުރު އެހީތައް ވެސް ނުރައްކަލަށް ހުށަހެޅިދާނެ ކަމަށެވެ.

"މަދަނީން އިސްނަގައިގެން އުފައްދާފައިވާ އިންތިގާލީ ސަރުކާރާއި އެސަރުކާރާ ގުޅިފައިވާ މުއައްސަސާތައް އުވާލުމަށް އަޅުގަނޑުމެން ވަރަށް ސާބިތުކަމާއެކު ދެކޮޅު ހަދާ، އެ މުއައްސަސާތައް ވަގުތުން އިއާދަކުރުމަށް ގޮވާލަން. ބޮޑުވަޒީރު ހަމްޑޮކް އާއި އެހެން ވެސް މަދަނީ ލީޑަރުން ހައްޔަރު ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން،" އެމެރިކާގެ ޚާރިޖީ ވަޒީރު އެންތަނީ ބްލިންކެން ނެރުއްވި ބަޔާނެއްގައި ވިދާޅުވި އެވެ. "އަސްކަރީ ފައުޖުތަކުން އެ މީހުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދީ ވަގުތުން ދޫކޮށްލަން ޖެހޭ. މި އަމަލުތަކުގެ ސަބަބުން ގައުމު ޑިމޮކްރަސީއަށް ބަދަލުވުމުގެ މަރުހަލާ ހުއްޓުމަކަށް އައުމުގެ ފުރުސަތު އެބައޮތް ކަމަށާއި މިއީ ސޫދާނުގެ ސުލްހަވެރި އިންގިލާބަށް ހިޔާނާތްތެރިވުން."

އަސްކަރީ ބަޣާވާތުގެ ސަބަބުން ބައިނަލްއަގްވާމީ މުޖުތަމައުން ވަނީ އދ. އާއި ޔޫރަޕިއަން ޔޫނިއަން (އީޔޫ) ފަދަ ގައުމުތަކުން ވަރަށް ބޮޑަށް ކުށްވެރިކޮށްފަ އެވެ. އދގެ ސަލާމަތީ މަޖިލީހުގެ ކުއްލި ބައްދަލުވުމެއް އަންގާރަ ދުވަހުގެ މެންދުރުފަހު ބާއްވަން ވެސް ތާވަލްކޮށްފައިވެ އެވެ.

ބްލިންކެން އިތުރަށް ވިދާޅުވީ، މުޒާހަރާގެ ބައިވެރިންނާ ދެކޮޅަށް ހަމަނުޖެހުން ހިންގާ ކަމުގެ ރިޕޯޓްތައް ލިބެމުންދާތީ ބައިޑަންގެ ސަރުކާރުން "ނުހަނު ކަންބޮޑުވާ" ކަމަށެވެ.

ސުލްހަވެރި މުޒާހަރާގެ ބައިވެރިންނާ ދެކޮޅަށް ސޫދާނުގެ ސަލާމަތީ ބާރުތަކުން ލައިވް ވަޒަން ބޭނުންކޮށްފައިވާ ކަމަށް ދެކެވޭ ވާހަކަތަކާ މެދު ނުހަނު ކަންބޮޑުވާ ކަމަށް ވެސް ބުނެފައިވެ އެވެ.

"ސުލްހަވެރި މުޒާހަރާގެ ބައިވެރިންނާ ދެކޮޅަށް ސަލާމަތީ އޮފިޝަލުން ހިންގާ ހަމަނުޖެހުންތައް ވަގުތުން ހުއްޓާލަން ޖެހޭ. އަދި އިންޓަނެޓްގެ ހިދުމަތް އަލުން އިއާދަކުރުމަށް ވެސް އިލްތިމާސްކުރަން."

މި ބާރުތައް އަސްކަރިއްޔާއިން އަތުލީ، ސޫދާނުގެ ސޮވެރިން ކައުންސިލްގެ ކޮންޓްރޯލް މަދަނީ ލީޑަރުންގެ ދަށަށް ބަދަލުކުރުމުގެ ހަފްތާތަކެއް ކުރިންނެވެ. ސޫދާނުގެ އަސްކަރިއްޔާގެ އިސް އޮފިޝަލެއް ކަމަށްވާ ޖެނެރަލް އަބްދުލް ފައްތާހް ބުރުހާން ވަނީ ސިޔާސީ ހަމަނުޖެހުންތަކުގެ ސަބަބުން ކައުންސިލް އުވާލަމުންދާކަން އިއުލާން ކުރައްވާފަ އެވެ.

މި ބަޣާވާތް އައިސްފައި މިވަނީ ސޫދާނުގެ ޒަމާންވީ ޚުދުމުހުތާރު ވެރިޔާ އުމަރު އަލް ބަޝީރުގެ ވެރިކަން ވައްޓާލުމަށް މަދަނީ މުޒާހަރާތަކުން މަޖުބޫރުކުރިތާ ގާތްގަނޑަކަށް ދެ އަހަރު ފަހުންނެވެ. -- އެސޯސިއޭޓެޑް ޕްރެސް