ނަސްރުގެ ދުވަހު ހަނދާންކޮށްދެނީ ދިވެހިންގެ ތެރޭގައި އަބަދުވެސް ޚާއިނުން ތިބޭކަން ކަމަށާއި އަދި އެތައް ބަޔަކު ޝަހީދުވެ ދަނީ މި ފަސްގަނޑު މިނިވަން ކުރުމަށް ކަމަށް ކުރީގެ ނައިބް ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެ އެވެ.
މިއަދު ފާހަގަ ކުރައްވަމުން ގެންދާ ނަސްރުގެ ދުވަހާއި ގުޅިގެން ޑރ. ޖަމީލު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ ދިވެހިންގެ ތެރޭގައި އަބަދުވެސް ޚާއިނުން ތިބޭކަން ކަމަށެވެ.
"މިއަދު ހަނދާންކޮށްދެނީ ދިވެހިންގެ ތެރޭގައި އަބަދުވެސް ޚާއިނުން ތިބޭކަން. އެތައް ބަޔަކު ޝަހީދުވެދަނީ މިފަސްގަނޑުގެ މިނިވަންކަމަށްޓަކާކަން" ޑރ. ޖަމީލް ވިދާޅުވި އެވެ.
މީގެ އިތުރުން ޖަމީލް ކުރެއްވި އެހެން ޓުވީޓްގައި ވިދާޅުވީ ބޭރު ސިފައިންނަށް ރާއްޖެ ހިފިދާނެ ކަމަށް ބުނާ މިނިސްޓަރު އަދި ބޭރު ސިފައިން ތިބުމަށް ވަކާލާތުކުރާ އެމްޑީޕީއަކީ އެދުވަހުގެ ޚާއިނުން ފަދަ ޣައްދާރު ބައެއް ކަމަށެވެ. މިއަދު ދަސްކުރަންވީ އެންމެ ބޮޑު ފިލާވަޅަކީ މިއީ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
ބެލެވޭ ގޮތުގައި މިއީ މިހާރުގެ ޑިފެންސް މިނިސްޓަރު މާރިޔާއަށް އަމާޒުކުރައްވާ ޖަމީލް ދެއްވި ބަހުގެ ހަމަލާއެކެވެ. ޖަމީލު އެފާހަގަ ކުރަށްވަނީ، އިންޑިއާގެ މީޑިއާއަކަށް މާރިޔާ ދެއްވި ބަސްދީ ގަތުމެއްގައި، އިންޑިއާ ސިފައިން ބޭނުން ނަމަ ރާއްޖެއަށް ހަތިޔާރާއެކު އަރާ ރާއްޖެ ހިފިދާނެ ކަމަށް ވިދާޅުވެފައިވާ ބަސްފުޅަށް ކަމަށް ބެލެވެ އެވެ.
1988 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ ތިން ވަނަ ދުވަހު ދިވެހި ޚާއިނުންގެ ބަޔަކު ލަންކާގެ ކުލީ ސިފައިން ގޮވައިގެން އައިސް މާލެއަށް އަރައި ދިން ހަމަލާތަކުގައި 19 ދިވެހިން ވަނީ ޝަހީދު ވެފައެވެ. މިދުވަސް މީގެ ކުރިން ކުލަގަދަ ގޮތެއްގައި ފާހަގަކުރަމުން އައިސްފައި ވީނަމަވެސް އެމްޑީޕީގެ ތިން އަހަރުގެ ވެރިކަމުގައި ނަސްރުގެ ދުވަސް ކުލަގަދަ ގޮތެއްގައި ފާހަގަ ނުކުރާ ކަމަށްބުނެ އިދިކޮޅު ސިޔާސީ ވާދަވެރިން އޭރުވެސް އެމްޑީޕީއަށް ފާޑުކިޔާފައި ވެ އެވެ.