ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ހޮޓެލް ޖެންގައި ހުންނެވުމަށް ދުވާލަކަށް 33،246ރ. ދައުލަތުން ހޭދަކުރާ ކަމަށް ފިނޭންސް މިނިސްޓްރީން މިއަދު ބުނެފި އެވެ.

އެ މިނިސްޓްރީން "ހުރިހާ"އާ ހިއްސާކުރި މައުލޫމާތުގައިވާ ގޮތުން އެ ހޮޓަލުގައި ނަޝީދު 21 ދުވަހު ހުންނެވުމަށް މިހާތަނަށް 698،168ރ. ވަނީ ހޭދަވެފަ އެވެ. މިއީ ބޭސްފަރުވާއަށް ފަހު އެމަނިކުފާނު ރާއްޖެއަށް ވަޑައިގެންނެވި ފަހުން މިހާތަނަށް ހިނގާފައިވާ ހަރަދެވެ.

މާލޭގައި ހުންނަ އެންމެ އަގުބޮޑު ހޮޓަލުގައި އެ މަނިކުފާނު ހުންނަވާތީ ގިނަ ބަޔަކު ދަނީ ފާޑުކިޔަމުންނެވެ.

ޖެންގައި ހޮޓަލުގައި ނަޝީދު ހުންނަވާ ގޮތަށް ހަމަޖައްސާފައި ވަނީ އެމަނިކުފާނު އަވަހާރަކޮށްލަން ދިން ބޮމުގެ ހަމަލާއާ ގުޅިގެން ސަލާމަތީ ސަބަބުތަކަކަށްޓަކަ އެވެ. ހޮޓެލް ޖެންގައި އެމަނިކުފާނު ހުންނަވާއިރު ސެކިއުރިޓީ ބަލަހައްޓާ ސިފައިން ވެސް ޖެންގައި ތިބެ އެވެ. ނަމަވެސް މިހަރަދުގެ ތެރޭގައި ސިފައިން ތިބުމަށް ކުރާ ހޭދަ ހިމެނޭ ކަމެއް ސާފެއް ނުވި އެވެ.

ރައީސް ނަޝީދު ހޮޓެލް ޖެންގައި ހުންނަވާ ގޮތަށް ސަރުކާރުން ހަމަޖެއްސީ، މިދިޔަ މެއި މަހުގެ ތެރޭގައި އެމަނިކުފާނު އަވަހާރަކޮށްލަން ދިން ބޮމުގެ ހަމަލާ އަށް ފަހު ބޭރުގައި އުޅުއްވައި ރާއްޖެ ވަޑައިގަތުމުންނެވެ.

އެމަނިކުފާނު މިދިޔަ މަހުގެ ތެރޭގައި މާލެ ވަޑައިގަތީ ފަރުވާ އަށް ފަސް މަސް ވަންދެން ޖަރުމަނުގަ އާއި އިނގިރޭސިވިލާތުގައި ހުންނެވުމަށް ފަހު އެވެ. މިވަގުތު ވެސް އުޅުއްވަނީ ރާއްޖެއިން ބޭރުގަ އެވެ.

ފިނޭންސް މިނިސްޓްރީން ދިން މައުލޫމާތުތަކުގައިވާ ގޮތުން ހަމަލާގައި ލިބުނު ޒަހަމްތަކަށް ރާއްޖެ އިން ބޭރުން ފަރުވާ ހޯއްދެވުމަށް 1.6 މިލިއަން ރުފިޔާ ހޭދަވެފައިވެ އެވެ. އެއީ އިނގިރޭސިވިލާތުން ހޯއްދެވި ފަރުވާ އަށް ހަރަދުވި 1.5 މިލިއަން ރުފިޔާ އާއި ޖަރުމަން ވިލާތުން ފަރުވާ އަށް ހަރަދުވި 164،601 ރުފިޔާ ހިމެނެ އެވެ.

ރައީސް ނަޝީދު ހޮޓެލް ޖެންގައި ހުންނެވުމަށް ހިނގާ ހަރަދު ހަމަޖައްސަނީ ކޮން އުސޫލަކުން އަދި ކޮން ތަނެއްގެ ބަޖެޓުން ކަމެއް ސާފުވާ ގޮތެއް ނުވި އެވެ.