އެމެރިކާގެ އެމްބަސީއެއް ރާއްޖޭގައި ހުޅުވަން ނިންމާފައިވާ ކަމަށް ފޮރިން ސެކްރެޓަރީ މައިކް ޕޮމްޕެއޯ މިއަދު ވިދާޅުވެއްޖެ އެވެ.

ރާއްޖެއަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއެކު ބޭއްވި ރަސްމީ ބައްދަލުވުމަށްފަހު ޝެރެޓަން މޯލްޑިވްސްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕޮމްޕެއޯ ވިދާޅުވީ ރާއްޖޭގައި އެމްބަސީއަކާއެކު އެމްބެސެޑަރެއް ވެސް ހުންނާނެ ކަމަށެވެ.

އެމެރިކާގެ ޚާރިޖީ ވަޒީރު ޕޮމްޕެއޯ އާއެކު ފޮރިން މިނިސްޓަރު ޝާހިދު ޝެރެޓަން ރިސޯޓުގައި ނޫސްވެރިންނާ މިއަދު ވާހަކަދައްކަވަނީ. ފޮޓޯ: ފޮރިން މިނިސްޓްރީ

އެ ނޫސްކޮންފަރެންސްގައި ވާހަކަދައްކަވަމުން ސެކްރެޓަރީ ވިދާޅުވީ މިއީ ވަރަށް ރީތި ގައުމެއް ކަމަށާއި ރާއްޖެ ވަޑައިގެންނެވުމުން ވަރަށް ބޮޑަށް އުފާކުރައްވާ ކަމަށެވެ. އަދި އެ ބައްދަލުވުމުގައި ރާއްޖޭގެ ރައްކާތެރިކަމާ ބެހޭ ގޮތުން މަޝްވަރާކުރެވުނު ކަމަށް ވެސް ޕޮމްޕެއޯ ވިދާޅުވި އެވެ.

ޕޮމްޕެއޯ ވަނީ ރާއްޖެ ވަޑައިގެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ވެސް ބައްދަލުކުރައްވައިފަ އެވެ.

ރައީސް އޮފީހުން ބުނީ އެ ބައްދަލުވުމުގައި ސެކްރެޓަރީ ޕޮމްޕިއޯ ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ވަޑައިގަތުމުން އެ މަނިކުފާނަށް މަރުޙަބާ ވިދާޅުވުމަށްފަހު އެ މަނިކުފާނާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން ވަނީ ގިނަ ދާއިރާތަކަކުން ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުންތައް އިތުރަށް ބަދަހިކުރެވޭނެ ގޮތްތަކާ ގުޅޭގޮތުން މަޝްވަރާކުރައްވާފައިވާ ކަމަށެވެ. މި ގޮތުން، ދެ ގައުމުގެ ދެމެދުގައި އޮތް ދޭދޭ ގުޅުމާއި، ބައިނަލްއަޤްވާމީ މައިދާނުގައި ގުޅުން ބަދަހިކުރުން އިތުރުކުރުމާއި، ވިޔަފާރީގެ ގުޅުންތަކާއި އިންވެސްޓްމެންޓުތައް އިތުރުކުރުމާ ގުޅޭގޮތުން ދެ ބޭފުޅުން މަޝްވަރާކުރެއްވި ކަމަށް ވެސް އެ އޮފީހުން ބުންޏެވެ.

އެމެރިކާގެ ޚާރިޖީ ވަޒީރު ޕޮމްޕެއޯ އާއެކު ފޮރިން މިނިސްޓަރު ޝާހިދު ޝެރެޓަން ރިސޯޓުގައި މިއަދު ރަސްމީ ބައްދަލުވުން ކުރިޔަށް ގެންދަވަނީ. ފޮޓޯ: ފޮރިން މިނިސްޓްރީ

"މީގެ އިތުރުން، ތިމާވެށި ހިމާޔަތްކުރުމާއި، ސައިބަ ސެކިއުރިޓީ ވަރުގަދަކޮށް ނިރުބަވެރިކަމާއި ދެކޮޅަށް ކުރަމުންދާ މަސައްކަތްތައް ހަރުދަނާކުރުމާއި، އިންޑޯ-ޕެސިފިކް ސަރަޙައްދުގެ މިނިވަންކަން ދަމަހައްޓައި، އެ ސަރަޙައްދުގެ ވިޔަފާރި ކުރިއެރުވުމާ ގުޅޭގޮތުން ވެސް ދެ ބޭފުޅުން ޚިޔާލު ބަދަލުކުރެއްވި. ހަމަ މިއާއެކު، ރާއްޖޭގައި އެމެރިކާގެ އެމްބަސީއެއް ޤާއިމުކުރުމާ ގުޅޭގޮތުން ވެސް ދެ ބޭފުޅުން މަޝްވަރާކުރެއްވި،" ރައީސް އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.

އެ އޮފީހުން ބުނީ ފާއިތުވި އަހަރުތަކުގެ ތެރޭގައި ރާއްޖޭގެ ތަރައްގީއާއި ކުރިއެރުމަށް ކުރަމުންދާ މަސައްކަތްތަކަށް އެމެރިކާއިން ފޮރުކޮށްދެމުންދާ އެހީތެރިކަން އިތުރުކޮށްފައިވާ ކަމަށެވެ. މި ގޮތުން، ކޮވިޑް-19 ގެ ހާލަތާ ގުޅިގެން އެމެރިކާއިން ރާއްޖެއަށް ފޯރުކޮށްދީފައިވާ މާލީ އެހީތެރިކަމާއި ސިއްހީ ދާއިރާއާ ގުޅުންހުރި ސާމާނުގެ އެހީތެރިކަން ފާހަގަކޮށްލެވޭ ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.

" މި ގޮތުން، ކޮވިޑް-19 އާ ގުޅިގެން ޔުނައިޓެޑް ސްޓޭޓްސް އޭޖެންސީ ފޮ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް މެދުވެރިކޮށް އެމެރިކާއިން ރާއްޖެއަށް ފޯރުކޮށްދޭ ދެ މިލިއަން އެމެރިކާ ޑޮލަރުގެ އެހީއާއި، 2019 ވަނަ އަހަރުގެ މާރިޗު މަހުގެ 12 ވަނަ ދުވަހު ދެ ގައުމުގެ ދެމެދު ވެފައިވާ ޑިވެލޮޕްމަންޓް އޮބްޖެކްޓިވް ގްރާންޓް އެސިސްޓެންޓް އެއްބަސްވުމުގެ ދަށުން ފޯރުކޮށްދޭ 35 މިލިއަން އެމެރިކާ ޑޮލަރުގެ އެހީ ފާހަގަކޮށްލެވޭ،" އެ އޮފީހުން ބުންޏެވެ.