ފުވައްމުލަކު އެއާޕޯޓުގައި މަސައްކަތް ކުރާ މޯލްޑިވިއަންގެ ދެ މުވައްޒަފަކަށް ވަޅިން ހަމަލާދީ ގިނަ އަދަދެއްގެ ފައިސާ ރޭ ފޭރިގެންފި އެވެ.

ރޭ ދަންވަރު ވަގުތެއްގައި އެ ހާދިސާ ހިނގާފައިވާއިރު، މޯލްޑިވިއަންގެ އޮފިޝަލަކު ބުނީ ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލީ އެ އެއާޕޯޓުގައި މަސައްކަތް ކުރާ ދެ މުވައްޒަފުން މަސައްކަތް ނިންމައި ބޭންކަށް ފައިސާ ޖަމާކުރަން ދިޔަ ވަގުތުގައި ކަމަށެވެ.

"ފުވައްމުލަކު އެއާޕޯޓުގައި މަސައްކަތް ކުރާ އަޅުގަނޑުމެންގެ ދެ ސްޓާފުން ސޭލްސް ނިންމާ ބެންކަށް ފައިސާ ޖަމާކުރަން ދިޔަ ވަގުތު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލާ ފައިސާތައް ފޭރިގަނެފި. މިކަން މިހާރުވާނީ ފުލުހުންނަށް ހުށަހަޅާފައި. މި ހާދިސާގައި ޒަހަމްވި މުއައްޒަފަށް ހޮސްޕިޓަލުގައި ފަރުވާ ދިނުމަށް ވަނީ ދޫކޮށްލާފައި،" އެ ކުންފުނިން ބުންޏެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ވަޅިން ހަމަލާދިނުމަށް ފަހުގައި 93،850 ރުފިޔާގެ އިތުރުން 448 ޑޮލަރު ވެސް ފޭރިފައިވެ އެވެ.

މި ހަމަލާގައި ޒަހަމްވި ދެ މުވައްޒަފުން ފުވައްމުލަކު ހޮސްޕިޓަލަށް ގެންގޮސް ފަރުވާދިނުމަށްފަހު މިހާރު ވަނީ ދޫކޮށްލާފަ އެވެ.