މިސްކިތުގެ ހުރުމަތް ކަނޑައި ހަތިމަށް ކުޅު ޖެހި މީހާގެ ބަންދުގެ މުއްދަތު އަނެއްކާ ވެސް އިތުރުކޮށްފި އެވެ.

އިބްރާހިމް މިސްކިތައް އަރައި ހަތިމަކަށް ކުޅުޖެހި މައްސަލާގައި ހައްޔަރުކޮށްފައި ވަނީ 40 އަހަރުގެ ހަސަން ޒިޔާދެވެ. އަދި މި މައްސަލައާ ގުޅިގެން ކްރިމިނަލް ކޯޓުން ވަނީ އޭނާގެ ބަންދުގެ މުއްދަތު އިތުރުކޮށް 15 ދުވަސް ޖަހާފަ އެވެ.

އޭނާ ވަނީ މީގެ ކުރިން ވެސް މިފަދަ އަމަލެއްކުރުމުން ހައްޔަރުކޮށްފަ އެވެ.

އޭނާ ކުރިން ހައްޔަރުކުރީ ރައީސް އޮފީސް ކުރިމައްޗަށާއި ހުކުރު މިސްކިތާއި އިސްލާމީ މަރުކަޒު ތެރެއަށް ކުޑަކަމުދިއުމުންނެވެ. އޭނާގެ މައްޗަށް ދައުވާކުރަން ފޮނުވި ނަމަވެސް އޭރު އޭނާ ބަންދުން ދޫކޮށްލި އެވެ.

ނަމަވެސް މިމަހުގެ ހަތް ވަނަ ދުވަހު އަނެއްކާ ވެސް މިސްކިތަކަށް ވަދެ، އޭނާ ވަނީ އެ މިސްކިތުގެ ހުރުމަތް ކަނޑާލާފަ އެވެ. އެގޮތުން މާލޭގެ މަސްޖިދުލް އިބްރާހިމް މިސްކިތަށް ވަދެ، އޭނާ ވަނީ ހަތިމަކަށް ކުޅުޖަހާފަ އެވެ.

މިކަން ހިނގި ވަގުތު އެ މިސްކިތުގައި ތިބި މީހުން ވަނީ ޒިޔާދު ހިފަހައްޓައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ. މި މައްސަލައާ ގުޅިގެން ކްރިމިނަލް ކޯޓުން ވަނީ ޒިޔާދުގެ ބަންދު އިތުރުކޮށްފަ އެވެ. އަދި އެއީ މުޖުތަމައުގެ ސަލާމަތާއި ރައްކާތެރި ކަމަށް ކަމަށް އެ ކޯޓުން ވަނީ ބުނެފަ އެވެ.

މި މައްސަލައާ ގުޅިގެން ސޯޝަލް މީޑިއާގައި ޒިޔާދުގެ ވާހަކަތައް ދެކެވެމުންދާއިރު، ބައެއް މީހުން ބުނަނީ އޭނާ އަކީ ނަފްސާނީ ބަލިމަޑުކަމެއް ހުންނަ މީހެއް ކަމަށެވެ. ނަމަވެސް ޒިޔާދަކީ ނަފްސާނީ ބަލިމަޑުކަމެއް ހުންނަ މީހެއް ނޫން ކަމަށް ޖެންޑާ މިނިސްޓްރީން ބުނެފައިވެ އެވެ.