އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މައިކް ޕޮމްޕެއޯ ރާއްޖެއަށް އިއްޔެ ކުރެއްވި ދަތުރުފުޅަށް އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން މަރުހަބާ ކިޔައިފި އެވެ.
އެ ކޯލިޝަނުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެމެރިކާއަކީ ރާއްޖޭގެ ތަރައްގީގައި ޒަމާންވީ ގާތް ބައިވެރިއެއް ކަމަށެވެ. އަދި ޕޮމްޕެއޯގެ މިދަތުރުފުޅުގެ ސަބަބުން ކުރިއަށް އޮތަނުގައި ވެސް ދެ ގައުމުގެ ދޭދޭ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށް އުންމީދުކުރާ ކަމަށް ބުނެފައިވެ އެވެ.
އެ ކޯލިޝަނުން ބުނީ ޕޮމްޕެއޯގެ ދަތުރުފުޅުގައި ކޮވިޑް-19އިން ރައްކާތެރިވުމަށް ރާއްޖެއިން ކުރާ މަސައްކަތްތަކާއި ރާއްޖޭގެ އިގްތިސާދު ކުރިއެރުވުމަށް ދެ ގައުމުގެ ދެމެދު މަޝްވަރާކޮށް ހެޔޮބަދަލްތަކެއް އަންނާނެ ކަމަށް އުންމީދުކުރާ ކަމަށެވެ. މީގެ އިތުރުން ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީން ޖަލުގައި ހުންނެވި ކަން ފާހަގަކޮށް ގާނޫނާއި ޒަމާނީ ޑިމޮކްރަސީގެ ހަމަތަކާއި އުސޫލުތައް ނަގަހައްޓައި، ރާއްޖެއިން އެ އުސޫލުން ކަންކަން ހިންގުމާ ބެހޭގޮތުން ބައްދަލުވުންތަކުގައި މަޝްވަރާކުރެވުނު ކަމަށް އުންމީދުކުރާ ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެ އެވެ.
އެ ކޯލިޝަނުން ބުނީ ސަރުކާރުން ނަގާފައިވާ ލޯންތަކާއި އިގްތިސާދަށް ކުރިމަތިވެފައިވާ ދަތިތަކާއެކު ކޮރަޕްޝަންގެ ކަންކަން ހުއްޓުވުމަށް ރަނގަޅު ހަރުދަނާ އުސޫލުތަކެއް ގެންނަޖެހޭ ކަމަށެވެ. އަދި ރާއްޖޭގެ އިގްތިސާދު ނަގައި ކޮޅަށްޖެހުމަށް އިތުރު އިންވެސްޓްމަންޓްތައް ރާއްޖެއަށް ބޭނުންވާ ކަމަށާއި އެކަން ކަމަށް އެމެރިކާ ފަދަ ގައުމުތަކުގެ އެހީތެރިކަން ބޭނުންވާކަން ވެސް އެ ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ.