މާސްކު ނާޅައި އުޅެވޭނެ ހާލަތަށް ރާއްޖެ އަދި ނުދާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ(އެޗްޕީއޭ)ގެ އެޕިޑިމިއޮލޮޖިސްޓް ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވެއްޖެ އެވެ.

ކޮވިޑް-19 އިން ސަލާމަތްވުމަށް އެޗްޕީއޭއިން މާސްކު އެޅުން ހިމަނާފައިވާއިރު، މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޑރ. އަފްޒަލް ވަނީ ކޮވިޑުން ރައްކާތެރިވުމަށް މާސްކު އެޅުމަކީ ބަލިން ރައްކާތެރިވުމަށް އެޅޭ އެންމެ ބޮޑު އެއް ފިޔަވަޅު ކަމުގައި ފާހަގަކުރައްވާފަ އެވެ.

"މާސްކް އެޅުމަކީ މި ބަލިން ރައްކާތެރިވުމަށް އެންމެ ބޮޑު އެއް ފިޔަވަޅު ކަމަށްވާތީވެ، އެކަން އަދިވެސް ދޫކޮށްލާ ހިސާބަކަށް އަޅުގަނޑުމެންގެ ހާލަތެއް ނުދޭ، އެހެންވެ އަދިވެސް މާސްކް އެޅުން ވަރަށް މުހިންމު،" އޭނާ ވިދާޅުވި އެވެ.

ފަހަކަށް އައިސް ރާއްޖޭގައި ކޮވިޑު ފެތުރޭ އަދަދު ގިނަވެފައިވާއިރު، އަތޮޅުތެރޭގެ ބައެއް ރަށްތަކަށް އަދިވެސް އަރައި ފޭބުން ވަނީ މަނާކޮށްފަ އެވެ. އަދި ކޮވިޑުގެ ހާލަތުން ރާއްޖެ އެއްކޮށް ސަލާމަތް ނުވާކަން ފާހަގަކުރައްވައި ޑރ. އަފްޒަލް ވަނީ ކުރިއަށް އޮތް ޗުއްޓީގެ ދުވަސްތަކުގައި މިކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އެދިފަ އެވެ.

އެގޮތުން ޗުއްޓީ ދުވަސްތަކުގައި ވިޔަސް ޒަރޫރީ ބޭނުމަކަށް ނޫނީ ބޭރަށް ނުނިކުތުމަށާއި، ގިނައިން މީހުން އެއްވާ ތަންތަނަށް ދާނަމަ ގައިދުރުކަން ދެމެހެއްޓުމުގެ އިތުރުން ކޮންމެ ތަނަކަށް ދާއިރު ވެސް މާސްކު އެޅުމަށް ޑރ. އަފްޒަލް ވަނީ އިލްތިމާސްކޮށްފަ އެވެ.

ކޮވިޑުން ގައުމު އަރައިގަތުމަށްޓަކައި ފަރުދީ ޒިންމާ އަދާކުރުން މުހިންމު ކަމުގައި ފާހަގަކުރައްވައި ޑރ. އަފްޒަލް ވަނީ ކޮވިޑު އެއްކޮށް ނައްތާލެވޭނީ އެންމެންގެ އެއްބާރުލުން ވެސް އެއްވަރަކަށް ލިބިގެން ކަމަށެވެ. އަދި ޑޮކްޓަރުންނާއި ކަމާ ބެހޭ ހުރިހާ އިދާރާތަކުން ދޭ އިރުޝާދުތަކަށް ބޯލަނބައި އަމަލު ކުރުމަށް ޑރ. އަފްޒަލް ވަނީ އިލްތިމާސްކޮށްފަ އެވެ.

ބަލިން ރައްކާތެރިވުމަށް މާސްކު އެޅުމުގެ މުހިންމުކަން ފާހަގަކުރައްވައި އަތޮޅު ކްލަސްޓާގެ ހެޑް، އަބްދުﷲ މައުރޫފް ވެސް ވަނީ މާސްކު އެޅުމަށް ނަސޭހަތްތެރިވެފަ އެވެ. އަދި މާސްކު އެޅުމަށް އަންގާފައިވާއިރު ވެސް އެކަން ގިނަ މީހުން ނުކުރާކަން ފާހަގަކުރައްވައި އޭނާ ވަނީ މާސްކު އެޅުމުގެ އުސޫލުތަކަށް އަދި އެއްވެސް ބަދަލެއް ނުގެންނަ ކަމަށް ވިދާޅުވެފަ އެވެ.