އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މައިކް ޕޮމްޕެއޯ ރާއްޖެ އަށް އިއްޔެ ކުރެއްވި ރަސްމީ ދަތުރުގައި މަސައްކަތް ކުރެއްވީ ރާއްޖެ އާއި ޗައިނާ ދޭތެރެ ޖައްސަން ކަމަށް ބުނެ ޗައިނާ އިން މިއަދު ރައްދު ދީފި އެވެ.

ޕޮމްޕެއޯ ރާއްޖެ އަށް ކުރެއްވި ކުރު ދަތުރުގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާ އެކު އިއްޔެ ބޭއްވެވި ޕްރެސް ބްރީފިންގައި ޗައިނާ އަށް ވަރަށް ބޮޑަށް ފާޑުވިދާޅުވި އެވެ. އޭނާ ވިދާޅުވީ ޗައިނާގެ އަމަލުތައް ހުރި ގޮތުން ރާއްޖެ ފަދަ ކުދި ޖަޒީރާ ގައުމުތަކުގެ ސަލާމަތީ ކަންތައްތައް ވަރުގަދަކުރުން ކުރިއަށް ވުރެ މުހިއްމު ވެފައިވާ ކަމަށެވެ. ޗައިނާގެ ކުންފުނިތަކުން ކަނޑަށް ކުނި އަޅައި ތިމާވެއްޓަށް ގެއްލުންދެމުންދާ ކަމަށް ވެސް އޭނާ ތުހުމަތު ކުރެއްވި އެވެ. އޭނާ ވަނީ ލަންކާއަށް ކުރެއްވި ދަތުރުފުޅުގައި ވެސް މިމޭރުމުން ވާހަކަދައްކަވައިފަ އެވެ.

ޕޮޕްޕެއޯގެ އެ ވާހަކަތަކަށް ރައްދުދީ، ދެ ބަހުން ނެރުނު ދިގު ބަޔާނެއް ޓުވިޓާގައި އާއްމުކުރެއްވީ ރާއްޖޭގައި ހުންނަވާ އެ ގައުމުގެ ސަފީރު ޒަންގް ލިޒޮންގް އެވެ. އެ ޓްވީޓްގައި ބަޔާނުގެ ލިންކް ހިމަނުއްވާފައި އޮތީ "މާލޭގެ މޫސުން މިއަދު ރީތި" ކަމަށް ވިދާޅުވެ، ޗައިނާގެ އެހީ އާއި އެ ގައުމުން ނެގި ލޯނަކުން ފަންޑުކޮށްގެން ހަދާފައިވާ ސިނަމާލެ ބްރިޖްގެ ފޮޓޯއަކާ އެކުގަ އެވެ.

އެ ބަޔާނުގައި ޕޮމްޕެއޯ ދެއްކެވި އެކި ވާހަކަތަކަށް ވަކިވަކިން ރައްދުދީފައި ވެ އެވެ.

"ޕޮމްޕެއޯގެ ދަތުރުގައި ވަރުބަލިކަމެއް ނެތި ފެތުރުއްވީ ޗައިނާއާ ބެހޭ ދޮގު ވާހަކަ އެވެ. މަސައްކަތްކުރެއްވީ ޗައިނާ އާއި ދިވެހިރާއްޖެ ދޭތެރެޖައްސާށެވެ. އެމެރިކާގެ އަމިއްލަ އެދުމާއި އެހެން ގައުމުތަކަށް ނުފޫޒު ފޯރުވުމުގެ ސިޔާސަތަކީ ސުލްހަވެރި އަދި ހަމަޖެހޭ ބައިނަލް އަގުވާމީ ގުޅުންތަކަށް އޮތް ނުރައްކަލެކެވެ." ޗައިނާގެ ބަޔާނުގައި ބުންޏެވެ.

ރާއްޖެ އާއި ޗައިނާ ޖައްސަން އެމެރިކާ މަސައްކަތްކުރި ކަމަށް ތުހުމަތުކުރުމަށް ފަހު އެ ބަޔާނުގައި ރާއްޖެއަށް އަމާޒުކޮށް ބުނެފައިވަނީ ތަރައްގީ އާއި މިނިވަން ސުލްހަވެރި ހާރިޖީ ސިޔާސަތެއް ގެންގުޅުމަކީ ކޮންމެ ގައުމެއްގެ ވެސް ހައްގެއް ކަމަށެވެ. ގައުމުތަކުން އެގޮތަށް ކަންތައް ކުރުމުގެ ބަދަލުގައި ވަކި ފަރާތަކަށް ޖެހުމަށް ކުދި ގައުމުތަކަށާއި މެދު ފަންތީގެ ގައުމުތަކަށް ޕޮމްޕެއޯ ފާޅުގައި ބާރުއަޅުއްވަމުން ގެންދަވާ ކަމަށް ވެސް ޗައިނާ އިން ބުންޏެވެ.

ޗައިނާ އާއި އެމެރިކާއާ ދެމެދު އެންމެ ބޮޑު އަރައިރުމެއް އޮތީ ދެކުނު ޗައިނާކަނޑުގެ ސަރަހައްދެއްގެ މިލްކުވެރިކަމާ މެދު ޗައިނާއިން ކުރާ ދައުވާއާ ހެދި އެވެ. ޗައިނާ ގަބޫލުކުރާ ގޮތުގައި އެއީ ޗައިނާގެ ސަރަހައްދެކެވެ. އެކަމަކު އެ ސަރަހައްދުގެ މިލްކުވެރިކަމާ މެދު ސަރަހައްދުގެ އެހެން ބައެއް ގައުމުތަކުން ވެސް ދައުވާ ކުރެ އެވެ.

އިއްޔެގެ ޕްރެސް ބްރީފިން ގައި ޕޮމްޕިއޯ ވިދާޅުވީ ޗައިނާ އިން ދެކުނު ޗައިނާ ކަނޑުގެ ސަރަހައްދު އަސްކަރީ ގޮތުން ބޭނުންކުރާ ކަމަށެވެ. ޗައިނާގެ ބަޔާނުގައި ބުނީ އެ ސަރަހައްދު "މިލިޓަރައިޒް ކުރަން" ޖެހުނު ސަބަބަކީ އެމެރިކާ ކަމަށާއި އެއީ އެމެރިކާ އިން ޗައިނާގެ ސަރަހައްދުގެ ކައިރީގައި އަސްކަރީ ހަރަކާތްތައް ހިންގުން ކަމަށެވެ.

"އެމެރިކާއިން ގައުމުތަކުގެ ސިޔާދަތަށް އިހުތިރާމްކުރާ ވާހަކަ ޕޮމްޕިއޯ ވިދާޅުވުމުން އެކަން ވައްތަރީ ޖޯކަކާ" ކަމަށް ބަޔާނުގައިވެ އެވެ.

ޕޮމްޕެއޯ ކުރައްވާފައިވާ ތުހުމަތުތައް ދޮގުކޮށް ޗައިނާއިން ބުނީ، އެއްވެސް ގައުމެއްގެ ސިޔާދަތަށް އަސަރުކުރާ ގޮތަށް އަދި އެ ގައުމެއްގެ އިގްތިސާދަށް ގެއްލުންވާ ގޮތަށް ޗައިނާއިން އެއްވެސް ކަމެއް ކުރަމުން ނުދާ ކަމަށެވެ. އަދި ހަމައެކަނި ޗައިނާއަށް ފައިދާވާ ގޮތަށް ހާރިޖީ ސިޔާސަތުތައް ބައްޓަންކޮށްފައި ނުވާނެ ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެ އެވެ.

އެމެރިކާއިން އިސްވެ ފަށާފައިވާ ""އިންޑޯ ޕެސިފިކް ސްޓްރެޓެޖީ" އަކީ ވަކި ގައުމުތަކަށް އަމާޒުކޮށް ބައިނަލްއަގްވާމީ ވިޔަފާރީގެ ވާދަވެރިކަމުގައި އެމެރިކާ ފަހަތަށް ދަމުން ދާތީ ހަމައެކަނި އެ ހަސަދައިގައި ނެރެގެން އުޅޭ ސިޔާސަތެއް ކަމަށެވެ. އޭގައި އެއްވެސް ހާލަތެއްގައި އިންޑިއާ ކަނޑުގެ ސަރަހައްދުގެ މަސްހަލަތު އިސްކޮށްފައި ނުވާ ކަމަށް ބުނެފައިވެ އެވެ.

އެ ނޫސްވެރިންގެ ބައްދަލުވުމުގައި ބޭރުގެ ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ޕޮމްޕެއޯ ވިދާޅުވީ، މޫސުމީ ބަދަލުތަކުން އަރައިގަތުމަށް ދުނިޔެ ގުޅިގެން މަސައްކަތް ކުރަން ޖެހުނު ނަމަވެސް، ބައެއް ގައުމުތަކުން ބައިނަލްއަގްވާމީ ތިމާވެށި ހިމާޔަތް ކުރުމުގެ އެއްބަސްވުންތަކުގައިވާ ކަންކަމާއި ހިލާފަށް ޗައިނާ އަމަލު ކުރަމުން ގެންދާ ކަމަށެވެ.

މިސާލެއްގެ ގޮތުން ޕޮމްޕެއޯ ނެންގެވީ ޗައިނާގެ ކުންފުނިތަކުން އަމަލު ކުރަމުންދާ ގޮތްގޮތެވެ.

މިގޮތުން ތިމާވެއްޓަށް ބެލުމެއް ނެތި ކުނި އެޅުމާއި، ގާނޫނާ ހިލާފަށް މަސް ބާނަމުންދާ ކަމާއި، ދުނިޔޭގެ އެހެން ގައުމަތަކުގެ ކަނޑުގެ އިގްތިސާދީ ސަރަހައްދުން މަސް ބާނައި، އެ ގައުމުގެ އިގްތިސާދަށް ގެއްލުންވާ ގޮތަށް ވެސް ޗައިނާގެ ބައެއް ކުންފުނިތަކުން އަމަލު ކުރަމުންދާ ކަމަށް އޭނާ ތުހުމަތު ކުރެއްވި އެވެ.

"އެމެރިކާއަކީ ޗައިނާއަކީ އަދި ޗައިނާއާ މުޅިން ތަފާތު ގައުމެއް. އެމެރިކާއިން ގައުމުތަކުގެ އިގްތިސާދީ ހާލަތަށާއި، ސިޔާދަތަށް ބައްލަވާނެ. ދުނިޔޭގެ ތިމާވެއްޓަށް ކުރާ އަސަރުތަަކަށް ވިސްނާނެ،" އޭނާ ވިދާޅުވި އެވެ.

އެމެރިކާގެ "އިންޑޯ-ޕެސިިފިކް ސްޓްރެޓެޖީ" އަށް ޗައިނާއިން ފާޑުކިޔާއިރު، އެ ސްޓްރެޓެޖީއަކީ އިންޑިއާ ކަނޑުގައި ޗައިނާގެ ނުފޫޒު ގަދަވިޔަ ނުދިނުމާ ގުޅޭ ގޮތުންނާއި ސަލާމަތީ ކަންކަން އިތުރު ކުރަން ޖެހޭ ކަަމަށް ބުނެ ކުރިއަށްދާ އެއްބަސްވުންތަކެވެ. އެމެރިކާގެ އަސްކަރިއްޔާއިން ވަނީ އިންޑިއާއާއި ރާއްޖޭގެ އަސްކަރިއްޔާއާ ދެމެދު އެއްބަސްވުންތަކެއް ގާއިމްކޮށްފަ އެވެ.