ބޮލީވުޑްގެ މަޝްހޫރު ދެ ތަރިން ކަމަށްވާ ކެޓްރީނާ ކެއިފް އާއި ވިކީ ކޯޝަލް ކައިވެނިކޮށްފި އެވެ.

ހަމައެކަނި އާއިލާ އާއި ގާތް ރައްޓެހިންނަށް ދައުވަތު ދީގެން މި ދެ ފަންނާނުންގެ ކައިވެނި ހަފްލާ ކުރިއަށް ގެންގޮސްފައި ވަނީ އިއްޔެގެ ހަވީރުގެ ވަގުތެއްގައި ރާޖިސްތާނުގެ ސިކްސް ސެންސަސް ފޯޓް ބާރްވާރާގަ އެވެ.

މީޑިއާއަށް ވެސް ސިއްރުން ކައިވެނީގެ ހަފްލާކަންތައް ރާވަމުން ގޮސްފައިވާއިރު ކައިވެނީގެ ހަފްލާ ބާއްވާފައި ވަނީ ސިއްހީ ގޮތުންނާއި ސަލާމަތީ ގޮތުން ވަރުގަދަ ފިޔަވަޅުތަކާ އެކު އެވެ. ވިކީ އާއި ކެޓްރީނާ ވަނީ އެ މީހުންގެ ސޯޝަލް މީޑިއާ އެކައުންޓުތަކުގައި ކައިވެނީގެ ހަފްލާގެ ފޮޓޯތައް މިހާރު އާންމުކޮށްފަ އެވެ.

އެ ފޮޓޯތަކުން ފެންނަ ގޮތުން ކެޓްރީނާ ކައިވެންޏަށް ލައިގެން ހުރީ ރަތް ކުލައިގެ ލެހެންގާއެކެވެ. އަދި ވިކީ ލައިގެން ހުރީ ޕީޗު ކުލައަކަށްދާ ޝޭރްވާނީއެކެވެ.

https://www.instagram.com/p/CXRDUMnPb5n/?utm_source=ig_embed&ig_rid=a8c54bce-9384-4479-93a8-9bd58207eb7d

މި ކައިވެނީގެ ހަފުލާ އަށް ރަސްމީކޮށް ދައުވަތު ދީފައި ވަނީ ގާތްގަނޑަކަށް 120 މީހަކަށެވެ. އޭގެ ތެރޭގައި ބޮޑަށް ހިމެނެނީ ދެ ފަރާތުގެ އާއިލާގެ މީހުންނާއި ފިލްމު އިންޑަސްޓްރީގެ އެންމެ ގާތް މީހުންނެވެ. އެގޮތުން މިރަސްމިއްޔާތުގައި ބައިވެރިވި ފަންނާނުންގެ ތެރޭގައި ކަބީރް ޚާން، ނޭހާ ދުޕިއާ އަދި ގުރްދާސް މާން ހިމެނެ އެވެ.

ފަހުގެ ތާރީހެއްގައި ދެ މަފިރިންގެ ރައްޓެހިންނަށާއި ބޮލީވުޑްގެ ފަންނާނުންނަށް ރިސެޕްޝަނެއް ބާއްވާނެ ކަމަށްވެ އެވެ.

https://www.instagram.com/p/CXRDUNSvWlZ/?utm_source=ig_embed&ig_rid=8426f03d-453d-4dbc-beb3-38e4ca0e78ce

ބައެއް މީޑިއާތަކުން ކުރިން ރިޕޯޓްކޮށްފައިވާ ގޮތުގައި ދެ ތަރިން ކައިވެންޏަށް ފަހު ވަރަށް އަވަހަށް ހަނީމޫނަށް ރާއްޖެ އަންނާނެ އެވެ. އެހެންނަމަވެސް މިކަމާ ގުޅިގެން އެ ދެ ފަންނާނުން ވަކި އެއްޗެއް ހާމަކޮށްފައެއް ނުވެ އެވެ.

ދެ ތަރިން ކައިވެންޏަށް ފަހު، ސޮއިކޮށްފައި ހުރި ފިލްމީ މަސައްކަތްތަކަށް ވަގުތުދޭން ފަށާނެ ކަމަށް ވެސް ބައެއް މީޑިއާތަކުން ވަނީ ބުނެފަ އެވެ.