ވެރިކަން ހޯދަން މަސައްކަތް ކުރައްވީމާ ބަޣާވާތާއި މަނީލޯންޑަރިން އަދި އެމްއެމްޕީއާރްސީގެ ވަގު ފައިސާ ވެސް އޯކޭ ކަމަށް ވިދާޅުވެ، ވިލިމާލޭ ދާއިރާގެ މެންބަރު އަހުމަދު އުޝާމް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ރައްދު ދެއްވައިފި އެވެ.

އެމްއެންޕީގެ ނައިބު ރައީސް އުޝާމް މިހެން ވިދާޅުވީ ކުރިޔަށް އޮތް ކޮމަންޑޫ ދާއިރާގެ ބައި- އިލެކްޝަންގައި ވޯޓު ދޭން ޖެހޭނީ މަސްތުވާތަކެއްޗާއި، ވަގު ވިޔަފާރި އާއި، މަނީ ލޯންޑާ ކުރުމާއި، ބަޣާވާތް ކުރުމާ ދެކޮޅަށް ކަމަށާއި، އެފަދަ ބަޔަކާ އެއްކޮޅަށް ވޯޓު ދީގެން ނުވާނެ ކަމަށް ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި ވާދަކުރާ އެމްޑީޕީގެ ކެންޑިޑޭޓްގެ ކެންޕެއިން ފެށުމަށް ރޭ ބޭއްވި ޖަލްސާގައި ރައީސް ސޯލިހް ވިދާޅުވާ ގުޅިގެންނެވެ.

ރައީސް ސޯލިހު ދެއްކެވި ވާހަކަތަކަށް ރައްދު ދެއްވާ އުޝާމް ކުރެއްވި ޓްވީޓްގައި ވިދާޅުވީ ރައީސްގެ ވާހަކަފުޅުގައި ފާހަގަ ކުރެއްވި ބަޣާވާތުގެ ބައިވެރިންނާއި، އެމްއެމްޕީއާރުސީގެ ހިޔާނާތުގައި ބައިވެރިވެ، އެ ހިޔާނާތުގެ ފައިސާ ލިބުނު މީހުން އެންމެ ގިނައިން ވެސް ތިބީ މިއަދުގެ ސަރުކާރުގައި ކަމަށެވެ.

"ވެރިކަން ހޯދަން އުޅުނުއިރު ބަގާވާތާ މަނީ ލޯންޑަރިންނާ އެމްއެމްޕީއާރުސީގެ ވަގުލާރިތައްވެސް އޯކޭ،" މެންބަރު އުޝާމް ވިދާޅުވި އެވެ.

އެމްޑީޕީ އަބަދުވެސް ތުހުމަތު ކުރާ ގޮތުގައި އެމްއެންޕީގެ ލީޑަރު އަދި ދަނގެތި ދާއިރާގެ މެމްބަރު ކާނަލް ނާޒިމް އަދި ތިމަރަފުށީ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒު އަކީ ރައީސް ނަޝީދު ވެރިކަން ބަޣާވާތަކުން ވައްޓާލުމަށް އެންމެ އިސްކޮށް އުޅުނު ދެ ފަރާތް ކަމަށް ތުހުމަތު ކުރެވެ އެވެ.

މަނީ ލޯންޑާކުރުމާ ދެކޮޅަށް ވޯޓްދޭން ޖެހޭ ކަމަށް ވިދާޅުވެ ރައީސް ސޯލިހް ބަހުގެ ހަމަލާ ދެއްވީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އާއި ޕީޕީއެމަށެވެ. ރައީސް ޔާމީންގެ މައްޗަށް މި ސަރުކާރު އައި ފަހުން މަނީ ލޯންޑަރިންގެ ދައުވާ އުފުލާ އެ ދައުވާ ސާބިތުވާ ކަމަށް ނިންމާ ފަސް އަހަރުގެ ޖަލު ހުކުމެއްވެސް ދަށު ކޯޓުން އިއްވި އެވެ. ނަމަވެސް ސުޕްރީމް ކޯޓުން ވަނީ އެ ހުކުމް ބާތިލުކޮށް ރައީސް ޔާމީން މިނިވަން ކުރައްވާފައެވެ. އޭގެ ފަހުންވެސް މަނީ ލޯންޑަރިންގެ އިތުރު ދެ ދައުވާއެއް ޔާމީންގެ މައްޗަށް އުފުލާފައިވެ އެވެ.

ފެބްރުއަރީ 5 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި ވާދަކުރައްވަނީ ތިން ކެންޑިޑޭޓުންނެވެ. އެއީ ޕީޕީއެމްގެ ފަރާތުން މޫސާ ފަތުހީ އާއި އެމްޑީޕީގެ ފަރާތުން މުހައްމަދު ރާޝިދުގެ އިތުރުން އެމްއެންޕީގެ ފަރާތުން އަބްދުލްހަންނާން އިދުރީސް އެވެ.