ރާއްޖޭގައި ޓީޗަރުން މޫނު ބުރުގާ އަޅައިގެން ކިޔަވައިދިނުމަށް މި ސަރުކާރުގެ އިސް ބޭފުޅުން އަންގަވަނީ ހުޅަނގުގެ ގައުމުތައް ރުއްސަން ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.

ޓީޗަރުން މޫނު ފެންނަ ގޮތަށް ކިޔަވައިދިނުމަށް އަންގައި އެކުލަވާލި އައު ގަވާއިދަށް، ވެރިކަން ކުރާ ޕާޓީ، އެމްޑީޕީގެ އިސް މެމްބަރުންނާއި، ސަރުކާރުގެ އިސް ބޭފުޅުން ދިފާއުކުރަމުން ގެންދާއިރު، މިއީ އިސްލާމްދީނާ ހިލާފަށް އަޅާ ފިޔަވަޅެއް ކަމަށް ބުނެ ގިނަ ބައެއްގެ ފާޑުކިޔުންތައް ވަނީ އަމާޒުވެފަ އެވެ. އަދި މިކަން މިހެން ނުކުރުމަށް ގޮވާލައި ދީނީ އިލްމުވެރިންނާއި، އާންމުން ދަނީ ސޯޝަލް މީޑިއާގައި އަޑު އުފުލަމުންނެވެ.

ސޯޝަލް މީޑިއާގައި އުމަރު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރާއްޖެއަކީ އިސްލާމީ ދައުލަތެއް އޮތް ތަނެއް ކަމަށެވެ. އަދި އިސްލާމީ ދައުލަތެއްވާ ގައުމެއްގައި މޫނު ބުރުގާ އަޅަން މަނާކުރެވިގެން ނުވާނެ ކަމަށާއި، އެކަން މަނާކުރުމުގެ ބަހަނާއެއްގެ ގޮތުން ސަރުކާރުން ބުނާ ވާހަކަތައް ދެކޮޅުނުޖެހޭ ކަމަށް އުމަރު ވަނީ ވިދާޅުވެފަ އެވެ.

އޭގެ އިތުރުން އުމަރު ވިދާޅުވީ މިކަންކަމަކީ ހުޅަނގުގެ ގައުމުތައް ރުއްސަން ރާއްޖޭގެ ސަރުކާރުން ކުރަމުން ގެންދާ މަސައްކަތްތަކެއް ކަމަށެވެ.

"މިއީ ހުޅަނގުގެ ގައުމުތައް ރުއްސުމަށް ދައްކާ ވާހަކަތަކެކެވެ،" އުމަރު ވިދާޅުވި އެވެ.

އުމަރު ވަނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އަމިއްލަ ގޮތުން ވާދަ ކުރައްވާނެކަން ވެސް އިއުލާނުކުރައްވާފަ އެވެ.