ޗައިނާގެ ކުންފުނިތަކުން ރާއްޖޭގައި ކުރިއަށް ގެންދާ ރިސޯޓް ތަރައްގީކުރުމުގެ މަޝްރޫއުތަކެއް މި ސަރުކާރުން ހުއްޓުވާފައިވާނެ ކަމަށް އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ކުރީގެ ރައީސް ނަޝީދު މިހެން ވިދާޅުވީ ދާދިފަހުން ސްރީލަންކާއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން އެގައުމުގެ ނޫހެއް ކަމަށްވާ "އިކޮނޮމީ ނެކްސްޓް" އަށް ދެއްވި އިއްޓަވިއުއެއްގައި އެވެ.

އެ ނޫހަށް ދެއްވި އިއްޓަވިއުއްގައި ނަޝީދު ވިދާޅުވީ ކުރީގެ ސަރުކާރުން ޗައިނާގެ ވިޔަފާރި ވެރިންނަށް ދޫކޮށްފައިވާ ރަށްތަކެއްގެ މަޝްރޫއުތައް މި ސަރުކާރުން ހުއްޓުވާފައިވާ ކަމަށެވެ. އެގޮތުން 2018ގެ ރިޔާސީ އިންތިޚާބުގައި ވައުދުވި ގޮތަށް ޗައިނާއިން ހިންގަމުން އައި ބައެއް ޕްރޮޖެކްޓްތައް ހުއްޓުވާފައިވާ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.

ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި ރާއްޖޭގެ 16 ރަށެއްގައި ޗައިނާއިން އަސްކަރީ ބޭސް އަޅަމުންގެންދާކަން ރައީސް ނަޝީދު ތަކުރާރުކޮށް ތުހުމަތު ކުރައްވަ އެވެ. ރައީސް ނަޝީދު އޭގެ ފަހުން ވިދާޅުވެފައިވަނީ އަސްކަރީ ބޭސް ތަރައްގީކުރަމުން ދިޔައީ ރިސޯޓް ހެދުމަށް ދިން ރަށްތަކެއްގައި ކަމަށެވެ.

މީގެ އިތުރުން ނަޝީދު ވިދާޅުވީ ޗައިނާއިން ހިންގި ޕްރޮޖެކްޓްތަކެއް ހުއްޓުވާލިއިރު އެ ރަށްތަކުގެ މިލްކުވެރިކަމާމެދު ސުވާލު އުފެދިފައިވާ ކަމަށެވެ. އަދި އެ ރަށްތަކުގެ މިލްކުވެރިކަން ކަނޑައެޅުމުގެ މަސައްކަތް ކޯޓްގައި ކުރިއަށްދާ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.

"ޗައިނާ ކުންފުނިތަކުން ކޮންސްޓްރަކްޝަންގެ މަސައްކަތް ކުރަމުން ގެންދިޔަ ހައެއް ނުވަތަ ހަތް ރަށެއް އޮތް. މަސައްކަތްތައް ކުރިއަށް ގޮސްފައި އޮތީ އެކި މަރުހަލާތަކުގައި. އެ ރަށްތަކުގެ މަސައްކަތްތައް ހުއްޓުވާފައި އޮންނަތާ މިހާރު ގިނަ ދުވަސްތަކެއް ވެއްޖެ. ރަށްތަކުގެ ވެރިފަރާތްތައް ކަނޑައެޅުން ކޯޓުގައި ކުރިއަށް ދާނެ،" ކުރީގެ ރައީސް ނަޝީދު ވިދާޅުވި އެވެ.

ޗައިނާއިން ރާއްޖޭގެ ރަށްތަކެއްގައި ހިންގި މަޝްރޫޢުތަކެއް ހުއްޓުވިކަމަށް ރައީސް ނަޝީދު ވިދާޅުވިނަމަވެސް އެފަދަ އެއްވެސް ވާހަކައެއް ސަރުކާރުން އަދި މިހާތަނަށް ހާމަކޮށްފައެއް ނުވެ އެވެ.

ނަޝީދުގެ އިންޓަވިއުގައި އިތުރަށް ވިދާޅުވީ މިއަހަރު ރާއްޖެ އިން ދައްކަން ޖެހޭ ދަރަނި ވަރަށް ބޮޑު ކަމަށާއި އެހެންކަމުން މިއަހަރަކީ ރާއްޖެ އަށް ގޮންޖެހުން ބޮޑު އަހަރަކަށް ވެގެން ދާނެ ކަމަށެވެ.