ވ. އާރަށް މައްސަލައާ ގުޅިގެން ކުރީގެ ރައީސް ޔާމީނަށް ކުރާ ދައުވާތަކަށް މިއަހަރުގެ ނޮވެމްބަރުގައި ހުކުމް އިއްވުމަށް ނިންމި ނިންމުމަށް ޖޫން މަހަށް ބަދަލުކޮށްފި އެވެ.

އެމްއެމްޕީއާރުސީ މެދުވެރިކޮށް އާރަށުގައި ރިސޯޓެއް ތަރައްގީކުރުމަށް ކުއްޔަށް ދިނުމުގެ މުއާމަލާތާއި ގުޅިގެން ޔާމީނަށް ވަނީ ދެ ދައުވާއެއް ކޮށްފަ އެވެ.

އެ ރަށް ވަކި ބަޔަކަށް ދިނުމަށް ރިޝްވަރުގެ ގޮތުގައި އެއް މިލިއަން ޑޮލަރު ގަބޫލު ކުރައްވައި އެ ރުފިޔާ ލޯންޑާ ކުރެއްވި ކަމުގެ ތުހުމަތު ކޮށްފައިވާއިރު، ޔާމީނަށް ކޮށްފައިވަނީ މަނީ ލޯންޑްރިންގެ ދައުވާ އާއި ރިޝްވަތު ގަބޫލުކުރުމުގެ ދައުވާ އެވެ. އަދި ކްރިމިނަލް ކޯޓުން މި ދައުވާތަކުގެ އަޑުއިއްވުން ފަސްކޮށްފައި ވަނީ މިއަހަރުގެ ނޮވެމްބަރު 25 އަށެވެ.

ރައީސް ޔާމީންގެ މައްސަލައިގައި ހުކުމް ކުރުން މިއަހަރު ފަހު ކޮޅަށް ތާވަލުކޮށްފައިވާކަން ޝަރީއަތުގެ މަޖިލީހަށްް އެންގެވީ އެ މައްސަލަ ބައްލަވާ ކްރިިމިނަލް ކޯޓުގެ އިސް ގާޒީ އަހްމަދު ޝަކީލެވެ.

ކުރީގެ ރައީސް ޔާމީންގެ މައްސަލާގެ ޝަރީއަތް އަވަސް ކޮށްފައިވާކަން ކްރިމިނަލް ކޯޓުން އަންގާފައިވާ ކަމަށް އެމަނިކުފާނުގެ ވަކީލުންގެ ޓީމުގައި އިސްކޮށް ހަރަކާތްތެރިވާ ކުރީގެ ނައިބް ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވަނީ "ހުރިހާ" އަށް ކަށަވަރު ކޮށްދެއްވާފަ އެވެ.

ޑރ. ޖަމީލު އިތުރަށް ވިދާޅުވީ ކްރިމިނަލް ކޯޓުން މައްސަލައިގެ ތާވަލު ބަދަލުކުރި ސަބަބު ސާފުކޮށްދީފައި ނުވާތީ، ލިޔުމުން އެކަން ސާފުކުރުމަށް މިހާރު ކޯޓްގައި އެދިފައިވާނެ ކަމަށެވެ.

މައުލޫމާތު މި މައްސަލައިގެ ހުކުމް އަވަސް ކުރީ، ސީދާ ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ރައީސް ހިސާން ޙުސައިންގެ އެންގުމަށެވެ.

މީގެ ކުރިން ވެސް ރައީސް ޔާމީންގެ ފަރާތުން އެމަނިކުފާނުގެ ވަކީލުން މި ދެ މައްސަލަ އަވަސް އަރުވާލައިގެން ކުރިއަށް ގެންދާކަމަށާއި، އެހެން މައްސަލަތަކާ ތަފާތުކުރުން ގެންގުޅޭކަން ތަކުރާރުކޮށް ފާހަގަކޮށްފައިވެ އެވެ.

ރައީސް ޔާމީންގެ މި މައްސަލަގެ އަޑުއެހުންތައް ލައިވް ކުރުމަށް އެމަނިކުފާނުގެ ފަރާތްޕުޅުން އެދުނު ނަމަވެސް ކޯޓުން ނިންމާފައިވަނީ ލައިވް ކުރެވެން އަދި ނެތް ކަމަށެވެ. ނަމަވެސް ޝަރީއަތް ލައިވް ނުކުރަން ނިންމީ ޝަރީއަތައް ނުފޫޒު ފޯރުވާ ގޯސްތަކެއް ހެދުމުގެ ބޭނުމުގައި ކަމަށް ރައީސް ޔާމީންގެ ފަރާތުން ތުހްމަތުކުރެ އެވެ.

ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ތާވަލަށް ބަދަލު ގެނެސް ހުކުމްކުރުން އަވަސްކޮށްފައި މިވަނީ، އެމަނިކުފާނު އިސްވެ ހުންނަވާ ހިންގަވަމުން ގެންދަވާ އިންޑިއާ އައުޓް ކެމްޕޭން ހުއްޓުވާނެ ކަމަށާއި، އަދި ރޯދައިގެ ކުރިން އެމަނިކުފާނު ޖަލަށްލާނެ ކަމުގެ އިންޒާރު އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒް ދެއްވާފައި ވަނިކޮށެވެ.