އިދިކޮޅު ޕާޓީ ޕީޕީއެމްގެ ރައީސް އަދި ރާއްޖޭގެ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލާފައިވާ މައްސަލަތަކާ ގުޅިގެން 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި އެމަނިކުފާނު ފެނުން ވަރަށް ނާދިރު ކަމަށް ގަބޫލުކޮށް ގިނަ ބަޔަކު އަންނަނީ އެކި ގޮތްގޮތަށް ވާހަކަ ދައްކަމުންނެވެ. ނަމަވެސް އެ ވާހަކަތަކަށް މީގެ ކުރިން ޕީޕީއެމްގެ ކޯލިޝަން ޕާޓްނަރުން ކަމުގައިވާ ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އާއި އެ ކޯލިޝަންގެ އިސްވެރިން ރައްދު ދެއްވަމުން ވިދާޅުވަނީ 2023 ގައި އޮންނަ އިންތިހާބުގައި ރައީސް ޔާމީން ނުކުމެވަޑައިގަންނަވާނެ ކަމަށެވެ.

އިދިކޮޅު ކޯލިޝަނުން އެހެން ބުނި ނަމަވެސް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމަށް ޕީޕީއެމްގެ ރިޔާސީ ޓިކެޓު ލިބޭނެ ކަމަށް ބުނެ ބައެއް ބޭފުޅުން ވާހަކަދައްކަވަމުން އެބަގެންދެ އެވެ

"އިންޑިޔާ އައުޓް"ގެ ނަމުގައި ހިންގަވަމުން ގެންދަވާ ކެމްޕޭނުގައި ގއ. ވިލިގިލީގައި މިއަދު ބޭއްވި ބައްދަލުވުމުގައި ވާހަކަދައްކަވަމުން ރައީސް ޔާމީން ވަނީ ގާސިމަށް ޕީޕީއެމްގެ ރިޔާސީ ޓިކެޓު ލިބޭނެ ކަމަށް ދެކެވޭ ވާހަކަށް ރައްދު ދެއްވައިފަ އެވެ.

ރައީސް ޔާމީން ވިދާޅުވީ "އަޅުގަނޑުމެން ނުދާނަން ކެނޑިޑޭޓާކު ނެތިގެން ވެސް ގާސިމް އިބްރާހިމް ނެރޭކަށް" ކަމަށެވެ.

ރައީސް ޔާމީން ވިދާޅުވީ ރަށްތަކަށް އައިސް ޕީޕީއެމް/ ޕީއެންސީގެ ނަމުގައި ބައެއް ފަރާތްތަކުން ވާހަކަދައްކަމުންދާ ކަމަށާއި، އެ ވާހަކަތުގެ އަވާގައި ޖެހިވަޑައިނުގަތުމަށް ރައްޔިތުންގެ ކިބައިން އެދިވަޑައިގަންނަވާ ކަމަށެވެ. އެގޮތުން 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ޕީޕީއެމުން ތާއީދުކުރާނީ ގާސިމަށް ކަމަށް ބުނެ ފަތުރަމުން އަންނަ ވާހަކަތައް ޤަބޫލުނުކުރުމަށް ރައްޔިތުންގެ ކިބައިން އެދިވަޑައިގަތުމާއެކު ރައީސް ޔާމީން ވިދާޅުވީ 2023 ވަނަ އަހަރުގެ އިންތިޚާބަކީ ޕީޕީއެމް/ޕީއެންސީން ވަކި ކެންޑިޑޭޓަކު ނެރޭނެ އިންތިޚާބެއް ކަމަށެވެ.

އެ ވާހަކަފުޅު އިތުރަށް ތަފުސީލްކޮށްދެއްވަމުން ރައީސް ޔާމީން ވިދާޅުވީ ޕީޕީއެމުން ނެރޭނެ ރިޔާސީ ކެންޑިޑޭޓުން އެބަ ތިބި ކަމަށާއި ގާސިމަށް ތަނަވަސްކޮށްދޭނެ ފުރުސަތެއް ނޯންނާނެ ކަމަށެވެ އަދި ޕީޕީއެމްގެ ލީޑާޝިޕްގައި އެމަނިކުފާނު ހުންނެވިހާ ދުވަހަކު އިންޑިއާ ސިފައިން މި ގައުމުގައި ބައިތިއްބައިގެން ގައުމަށް "ގައްދާރުވި" އެއްވެސް ސިޔާސީ ލީޑަރަކާއެކު ގުޅުން ނުބާއްވާނެ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.

އިތުރަށް ރައީސް ޔާމީން ވިދާޅުވީ ޕީޕީއެމް/ޕީއެންސީގައި އެމަނިކުފާނުގެ ބަސްފުޅު ހިނގާހާ ހިނދެއްގައި އިންޑިއާ ސިފައިން ރާއްޖޭގައި ޤާއިމުވެގެން ތިބޭ މައްސަލައާ ގުޅިގެން ދިވެހިރައްޔިތުންނަށް ޣައްދާރުވެފައިވާ އެއްވެސް ބަޔަކާއެކު ސިޔާސީ ގުޅުމެއް ނުއުފައްދަވާނެ ކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބެއްގައި ޕީޕީއެމްއިން ވާދަކުރާނީ ވަކިން ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވި އެވެ.

އެންމެ ފަހުން ބޭއްވި މަޖިލިސް އިންތިޚާބުގައި ޖުމްހޫރީ ޕާޓީއަށް ޕީޕީއެމުން ގޮނޑިތަކެއް ދޫކޮށްލި ނަމަވެސް ޕީޕީއެމްގެ އާންމުން އެ ޕާޓީގެ ކެންޑިޑޭޓުންނަށް ވޯޓު ނުދޭ ކަމަށާއި ލީޑަރުންގެ ފަރާތުން ޕީޕީއެމްގެ އާންމު މެންބަރުންނަށް ޝުކުރު އަދާކުރައްވާ ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވި އެވެ.

ރައީސް ޔާމީން ވިދާޅުވީ ޕީޕީއެމަށް އެންމެ މުހިންމުވީ ވަގުތު އެ ޕާޓީ ދޫކޮށް ދިޔަ މެންބަރުންނަށް ދެން އެ ޕާޓީން ފުރުސަތު ނުދޭނެ ކަމަށެވެ. އަދި އެ މެންބަރުން ސިފަކުރައްވަމުން އެމަނިކުފާނު ވިދާޅުވީ އެއީ އޮޑި ފެތުނު ވަގުތު އޮޑިޔަށް ވުރެ އަމިއްލަ އެދުން އިސްކުރި ބައެއްގެ ގޮތުގަ އެވެ.

އެ ބޭފުޅުންގެ ނަން ވިދާޅު ނުވެ އެމަނިކުފާނު ވަނީ ބައެއް ބޭފުޅުންގެ ވަނަވަރު ވެސް ވިދާޅުވެފަ އެވެ.

އުފެދޭ ސުވާލަކީ އަންނަ ރިޔާސީ އިންތިހާބުގައި ރައީސް ޔާމީނަށް ވާދަނުކުރެވިއްޖެ ނަމަ ރިޔާސަތާ ހަވާލުމަށް އިދިކޮޅުން ހުންގާނު ދޭނީ ކޮން ބޭފުޅަކަށް ހެއްޔެވެ؟