އަންނަ މަހު ބޭއްވުމަށް ހަމަޖެހިފައިވާ އެމްޑީޕީގެ ޗެއާޕާސަންގެ އިންތިހާބު ފަސްކުރުމާމެދު ގޮތެއް ނިންމުމަށް މާދަމާ ރޭ އެ ޕާޓީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއް ބާއްވަން ނިންމައިފި އެވެ.

އެމްޑީޕީން ބުނީ މާދަމާ ރޭ 8:30 ގައި ގައުމީ މަޖިލީހުގެ ޖަލްސާއެއް ބޭއްވުމަށް ނިންމާފައިވާ ކަމަށެވެ. އެ ޖަލްސާއަކީ އަންނަ މަހުގެ 16 ވަނަ ދުވަހު ބާއްވަން ހަމަޖައްސާފައިވާ އެމްޑީޕީގެ ޗެއާޕާސަންގެ އިންތިހާބު ފަސްކުރުމާމެދު ގޮތެއް ނިންމަން ބާއްވާ ޖަލްސާ ކަމަށް ވެސް އެ ޕާޓީން ވަނީ ބުނެފަ އެވެ.

އެ އިންތިހާބު ފަސްކުރުމާމެދު އިންތިހާބުގައި ވާދަކުރައްވާ ދެ ކެންޑިޑޭޓުންގެ މެދުގައި ވަނީ ހިޔާލުތަފާތުވުންތަކެއް އުފެދިފަ އެވެ. އެގޮތުން އިންތިހާބުގައި ވާދަކުރައްވާ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލްގެ ކެމްޕޭން ޓީމުން ވަނީ އިންތިހާބު ފަސްކުރުމަށް އެދި ހުށަހަޅާފަ އެވެ.

އެއީ ރޯދަ މަހަކާ ދިމާވާތީ، ވޯޓުލުމާއި ކެމްޕޭން ހަރަކާތްތައް ކުރިޔަށް ގެންދިޔުމަށް ދަތިތަކާ ކުރިމަތިވާނެތީ ކަމަށް އެ ކެމްޕޭން ޓީމުގެ ފަރާތުން ބުނެ އެވެ.

ނަމަވެސް އެ އިންތިހާބުގައި ދެން ވާދަކުރައްވާ ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީގެ ކެމްޕޭން ޓީމުގެ ފަރާތުން ވަނީ އިންތިހާބު ފަސްކުރުމަށް ވަނީ ދެކޮޅު ހަދާފަ އެވެ.

ޗެއާޕާސަންގެ އިންތިޚާބުގެ ފޯރިގަދަވެ ދެ ކެންޑިޑޭޓުންނަށް ތާއީދުކުރާ ފަރާތްތަކުގެ މެދުގައި ބަހުގެ ހޫނު ހަމަލާތަކެއް އަންނަނީ ބަދަލުކުރެވުމުންނެވެ.

ފައްޔާޒަކީ ރައީސް ސޯލިހުގެ އަރިސް ބޭފުޅެއްކަމަށްވާއިރު، އިންތިއަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ އަރިސް ބޭފުޅެކެވެ.

އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި ޗެއާޕާސަން ހޮވުމުގެ އިތުރުން އަންހެނުންގެ ރޫހާއި ޒުވާނުންގެ ރޫހުގެ އިސް މަގާމުތަކަށް ވެސް މީހުން ހޮވާނެ އެވެ.