އެމްޑީޕީގެ އިސްބޭފުޅުން ދެއްކީ ޒާތީ ތަޢައްޞުބު ސަބަބުން އަސްލު އެމްޑީޕީ މަރުވެ މޫނު އަޅާ މަންޒަރު ފެންނަމުން އަންނަ ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެ އެވެ.
އެމްޑީޕީގެ ޗެއާޕާސަން އިންތިހާބާ ދިމާކޮށް އެޕާޓީ ތެރޭގައި ދެ ފެކްޝަނެއް އުފެދި ދެ ފެކްޝަން މެދުގައި އަންނަނީ ބަހުގެ ހަމަލާތަކެއް ދެމުންނެވެ. އެގޮތުން ޗެއާޕާސަންގެ އިންތިހާބު ފަސްކުރުމަށްޓަކައި ބޭއްވި ގައުމީ މަޖިލިސް ތެރޭގައި ވަނީ ހަމަނުޖެހުން ވެސް ހިނގާފަ އެވެ.
އެމްޑީޕީގެ ގައުމީ މަޖިލިސް ތެރޭގައި ހިނގައިދިޔަ ކަންތައްތަކަށް އިޝާރާތް ކުރައްވާ ޑރ. ޖަމީލު ކުރެއްވި ޓުވީޓްގައި ވިދާޅުވީ އެމްޑީޕީގެ އިސް ފަރާތްތަކުން ޑިމޮކްރެސީގެ ނަމުގައި ފޭހުނު އިލޮށިގަނޑު މިއަދު އަމިއްލަ ލޮލަށް ހެރިފައިވާ ކަމަށާއި ހައްގު ބަސް ބުނަން ލިބުނު ކޮންމެ ވަގުތަކު މެންބަރު އިވާމެން ފަދަ ޕާޓީގެ އިސްބޭފުޅުން ދެއްކީ ޒާތީ ތަޢައްޞުބު ކަމަށެވެ.
ޑރ. ޖަމީލް ވިދާޅުވީ މިއަދު ފެންނަނީ އަސްލު އެމްޑީޕީ މަރުވެ މޫނު އަޅާ މަންޒަރު ކަމަށެވެ.
ފާހަގަކުރެވޭގޮތުގައި ވެރިކަންކުރާ އެމްޑީޕީގެ ޗެއަރޕާސަން ހޮވުމުގެ އިންތިހާބާއި ގުޅިގެން އެމްޑީޕީގެ އެތެރޭގެ މަޝްރަހް ވަނީ ވަރަށް ބޮޑަށް ގޯސްވެ ހިޔާލު ތަފާތުވުން ބޮޑުވެފަ އެވެ. އެމްޑީޕީ ދެ ބަޔަކަށް ބެހިފައިވާއިރު ޗެއާޕާސަންގެ މަގާމަށް ގެނައުމަށް ރައީސް ސޯލިހު ތާއީދު ކުރައްވަނީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލަށެވެ. އެހެން ނަމަވެސް އެޕާޓީގެ ޗެއާޕާސަން މަގާމަށް ގެނައުމަށް ރައީސް ނަޝީދު ތާއީދު ކުރައްވަނީ ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ އަށެވެ.
އަންގާރަ ދުވަހުގެ ރޭ ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާ ހޫނުވެ ބަހުގެ ހަމަލާތަކެއް ވަނީ އެބަޔަކު އަނެއް ބަޔަކަށް ރައްދުކޮށްފަ އެވެ.
ގައުމީ މަޖިލީހުގެ ބޮޑު އަޣުލަބިއްޔަތަކުން ފާސްކުރީ ޗެއާޕާސަންގެ އިންތިހާބު އަންނަ މަހުގެ ދޭއްގައި ފަށާ މި އަހަރުގެ ރޯދަމަހަށް ފަހު މޭ 14 ގައި ބާއްވާށެވެ.