މިދިޔަ އަހަރު ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށްގެންދިން ހަމަލާއާ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއި ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރާ ގުޅުމެއް އޮތް ކަމަށް ގަބޫލުކުރެއްވޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު (ބޮންޑެ) ވިދާޅުވެއްޖެ އެވެ.

ބޮންޑޭ މިހެން ވިދާޅުވީ މިއަދު ރައްޔިތުން މަޖިލީހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

ފުލުހުންގެ ތެރޭގައި ގަސްތުގައި ގޯސް ހަދާ ފުލުހުން އެބަތިބި ކަމަށް ބަންޑާރަ ނައިބު އިބްރާހީމް ރިފްއަތު ވިދާޅުވެފައިވަނިކޮށް، އެފަދަ ފުލުހުން ނެތް ކަމަށް ހޯމް މިނިސްޓަރު އިމްރާން ވިދާޅުވުމާ ގުޅިގެން އެ ދެ ބޭފުޅުންގެ ތެރެއިން އިތުރުފުޅު ހައްދަވާ ބޭފުޅެއް ހޯދައި އެ ބޭފުޅަކާމެދު ފިޔަވަޅުއެޅުމަށް ގޮވައިލައްވައި ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފު އުމަރު ހުށަހެޅުއްވި ކުއްލި މައްސަލައިގެ ބަހުސްގައި ވާހަކަ ދައްކަވަމުން ބޮންޑޭ ވިދާޅުވީ ހޯމް މިނިސްޓަރު އިމްރާނައަކީ ބަޣާވާތުގައި އެންމެ އިސްކޮށް ހުންނެވި ބޭފުޅާކަން އެނގޭ ކަމަށާއި، ރައީސް މުހައްމަދު ނަޝީދާ ގުޅޭ ގޮތުން ވަރަށް ހުތުރުކޮށް ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު ވާހަކަދައްކަވާފައިވާ ކަމަށެވެ. އަދި ރައީސް ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާއާ އެ ބޭފުޅުންނާ ގުޅުމެއް އޮތް ކަމަށް މިހާރު ވަރަށް ބޮޑަށް ޤަބޫލުކުރެއްވޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އަދި ގޮއްވާލި ބޮމުގެ ހާދިސާއާ އަޅުގަނޑަށް ވަރަށް ބޮޑަށް ގަބޫލުކުރެވޭ އެ ފަރާތްތަކާ ގުޅުން ހުރިކަން. ރައީސް ނަޝީދު އަވަހާރަކޮށްލަން އެ ގޮއްވާލި ބޮން ހަމަ ސީދާ އެ ފަރާތްތަކާ ގުޅޭކަން އަޅުގަނޑަށް ވަރަށް ބޮޑަށް ކަށަވަރުވެއްޖެ،" ބޮންޑޭ ވިދާޅުވި އެވެ.

އަދާލާތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ އާއި ނައިބު ރައީސް އަލީ ޒާހިރު. ފޮޓޯ: އަވަސް

މިޖަލްސާގައި އިތުރަށް ވާހަކަ ދައްކަވަމުން ބޮންޑޭ ވިދާޅުވީ ރައްޔިތުންނަށް ބާރު ހޯއްދަވައިދެއްވުމަށް މަސައްކަތްކުރައްވަނީ ރައީސް ނަޝީދު ކަމަށެވެ. އެގޮތުން މަޖިލީހުގެ 40 އިންސައްތަ ގޮނޑިއަށް އެމްޑީޕީ ވާދަކުރަން ނިންމާފައިވަނިކޮށް ހުރިހާ ގޮނޑިއަކަށް އެމްޑީޕީން ވާދަކުރަން ނިންމެވީ ރައީސް ނަޝީދު ކަމަށް ބޮންޑެ ވިދާޅުވި އެވެ.

އަދި މިހާރު ސަރުކާރުގެ އަތް ދަށުގައި އެމްޑީޕީގެ ގައުމީ މަޖިލީހުގެ އަޣުލަބިއްޔަތު އޮތުމާއެކު ސަރުކާރު ޖަވާބުދާރީކުރެވޭނެ ގޮތެއް މިއަދު ނެތް ކަމަށާއި، ޑިމޮކްރަސީ މިހާރު މިއޮތީ ފުނޑުފުނޑުވެފައި ކަމަށްވެސް އޭނާ ތުހުމަތުކުރެއްވި އެވެ. އަދި މަޖިލީހުގެ މެންބަރުން ތިއްބެވީ ހަކުރުގަނޑެއްގައި ޖެހިވަޑައިގެން ކަމަށާއި އުޅުއްވަނީ މެހިތަކެއްހެން ކަމަށްވެސް ބޮންޑެ ވިދާޅުވި އެވެ.