ތިލަމާލެ ބްރިޖް ޕްރޮޖެކްޓްގެ މަސައްކަތަށް ކުރުމަށް ވިލިމާލޭއިން ދިން ބިމުގައި ފެންސް ޖެހުމުގެ މަސައްކަތް މާލެ ސިޓީ ކައުންސިލްގެ ފުރިހަމަ އެއްބާރުލުމާއެކު ކުރިއަށްދާކަމަށް މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

މިސަރުކާރުން ކުރިއަށްގެންދާ އެންމެ ބޮޑު މަޝްރޫއު ތިލަމާލެ ބުރިޖްގެ މަސައްކަތްތަކާ ގުޅިގެން ސިޓީ ކައުންސިލުން ކުރިއަށްގެންދާ މަސައްކަތްތަކާ ބެހޭ ގޮތުން މޭޔަރު ޑރ. މުއިއްޒު ކުރެއްވި ޓުވީޓްގައި ވިދާޅުވީ މި މަސައްކަތް ކުރިޔަށްދަނީ ސިޓީ ކައުންސިލްގެ ފުރިހަމަ އެއްބާރުލުމާއެކު ކަމަށާއި، ސަރުކާރުން އެދުނު ކަންކަމުގައި ސިޓީ ކައުންސިލްގެ އެއްބާރުލުން ދީފައިވާ ކަމަށެވެ.

"ސަރުކާރުން އެދުނު ކޮންމެ ކަމެއްގައި (މަގުމަތީގައި ސްމޯކިންގް އޭރިއާއެއް ހެދުން ފިޔަވާ) ކައުންސިލް އިން ވާނީ އެއްބާރުލުން ދީފައި،" މުއިއްޒު ކުރެއްވި ޓުވީޓެއްގައި ވިދާޅުވި އެވެ.

ބްރިޖްގެ މަސައްކަތް އިންޑިއާގެ އެފްކޮންސް ކުންފުންޏާ ހަވާލުކުރީ މިދިޔަ އަހަރުގެ އޮގަސްޓު މަހުގެ 16 ވަނަ ދުވަހު އެވެ. މިހާރު ވެސް މާލެއާއި ވިލިމާލޭގެ ކަނޑުއޮޅިތަކުގައި ޕްލެޓްފޯމްތައް ޖަހާ އަންނަނީ މަސައްކަތް ކުރަމުންނެވެ.

އެފްކޮންސް ކުންފުންޏާ ހަވާލުކޮށްފައިވަނީ އަންނަ އަހަރު ނިމޭއިރު، ގުޅީފަޅާއި ހަމައަށް އަޅަންޖެހޭ ބްރިޖް ކަނެކްޓިވީޓީގެ މަސައްކަތްތައް ނިންމަންޖެހޭ ގޮތަށް ކަމަށެވެ. އަދި 2024 ވަނަ އަހަރުގެ މޭ މަހަށް މުޅި ބްރިޖްގެ ހުރިހާ މަސައްކަތްތައް ނިންމަން ޖެހެ އެވެ.

ތިލަމާލެ ބުރިޖު މަޝްރޫޢުގެ ދަށުން، 6.47 ކިލޯ މީޓަރުގެ ދިގު ބުރިޖަކާއި ކޯޒްވޭއަކުން މާލެ އާއި ވިލިމާލެ އަދި ތިލަފުއްޓާއި، ގުޅީފަޅު ގުޅާލާނެ އެވެ.

ތިލަމާލެ ބްރިޖަކީ އިންޑިއާގެ އެގްޒިމް ބޭންކުގެ ލޯނަކާއި އެ ޤައުމުން ދޭ އެހީއެއް އެއްކޮށްލައިގެން ކުރިއަށް ގެންދަން ނިންމާފައިވާ މި ސަރުކާރުގެ އެންމެ ބިޔަ މަޝްރޫ އެވެ. މި މަޝްރޫޢުއަށް 7.7 ބިލިއަން ރުފިޔާ ވަރު ހަރަދު ކުރާނެ އެވެ.