ސަރުކާރުން ބޭކާރު އިތުރު ކުންފުނިތަކެއް އުފައްދާފައިވާ ކަމަށް ބުނެ އެކަމަށް ރައްޔިތުން މަޖިލީހުގެ މެދު ހެންވޭރު ދައިރާގެ މެންބަރު އަލީ އާޒިމް އިނޮކޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލަށް ފާޑު ވިދާޅުވެއްޖެ އެވެ.
ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހަޅާފައިވާ ކުންފުނީގެ ބިލަށް މިއަދު ބަހުސް ކުރައްވަމުން އާޒިމް ވިދާޅުވީ ސަރުކާރު ހިއްސާވާ 36 ކުންފުނި އެބައޮތް ކަމަށާއި އޭގެ ތެރެއިން ރައްޔިތުންނަށް ހިދުމަތެއްދީ އެއްޗެއް ވިއްކަނީ 10 ކުންފުނިން ކަމަށެވެ. އަނެއް 26 ކުންފުންޏަކީ ކަމެއްކުރާ ބައެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"މި 26 ކުންފުންޏަށް އަޅުގަނޑުމެންގެ ރައްޔިތުން ޓެކްސްޕޭޔަރުން މި ބޯލާ ކަޅު ސައިތައްޓަކުން ވެސް 25 ލާރި ނަމަވެސް ދައްކަމުން އެބަދޭ އެ ކުންފުނިތަކުގެ މުސާރަ އަށް. ކުލި ދައްކަން. އަދި ދެން ތިބި ކަންކަމަށް ވެސް،" އާޒިމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެއްވެސް މަސައްކަތެއް ނުކުރާ 10 ކުންފުނި އުވާލަން ޖެހޭ ކަމަށާއި އަދި ކުންފުނިތަކުގެ ބިލު ކޮމިޓީ މަރުހަލާގައި އެ ކުންފުނިތަކުގެ މަސައްކަތްތައް ބަލަން ޖެހޭ ކަމަށެވެ.
މި ސަރުކާރުން މިހާތަނަށް 12 ކުންފުނި އުފައްދާފައިވާ ކަމަށާއި އޭގެ ތެރޭގައި ޖީބަށް ބޮޑުކުރަން ހިންގާލާ ކުންފުނިތައް ވެސް ހިމެނޭ ކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް "ފަހި ދިރިއުޅުން" ކިޔާފައި ކުންފުންޏެއް އުފެއްދި ނަމަވެސް އެއްވެސް ކަމެއް ނުކުރެވޭ ކަމަށް އާޒިމް ވިދާޅުވި އެވެ
"ހިންގާލަން" އަކީ އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގައި އިނޮކޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ބޭނުން ކުރައްވާ ކެމްޕެއިން ސްލޯގަން އެވެ.
އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގައި އާޒިމް ތާއީދު ކުރައްވަނީ ފައްޔާޒާ ވާދަ ކުރައްވައި، ކެނޑިޑޭޓް މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) އަށެވެ.
އެމްޑީޕީގެ އެތެރޭގެ އިންތިހާބާ ގުޅިގެން އެޕާޓީގެ މަޖިލިސް މެންބަރު ވެސް ވަނީ ދެ ބަޔަކަށް ބެހިފަ އެވެ. އަދި މަޖިލީހުގެ ބަހުސް މަރުހަލާގައި އެއް ބަޔަކު އަނެއް ބަޔަކަށް ބޮޑެތި ތުހުމަތުތަކެއް ވެސް ކުރަމުން ގެންދެ އެވެ.