އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް އަލަށް އަލަށް އައްޔަންކުރި މެންބަރުން ވެސް ކޮރަޕްޝަން ވާހަކަތައް ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ހަމަޔަށް ދިޔުމުން ހުއްޓާލާނެ ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު ވިދާޅުވެއްޖެ އެވެ.

ޑރ. ޖަމީލު މިހެން ވިދާޅުވީ އޭސީސީއަށް އަލަށް އައްޔަން ކުރި މެންބަރުން ހިމެނޭ ފޮޓޯއެއް ޝެއާ ކުރައްވާ ކުރެއްވި ޓްވީޓެއްގަ އެވެ.

އެމަނިކުފާނު ވިދާޅުވީ ވެންޓިލޭޓަރު ވައްކަމުގެ މައްސަލަ ވެސް އާ މެންބަރުންނަށް ވެސް ނުބެލޭނެ ކަމަށާއި ރައީސް ސޯލިހަށް ތުހުމަތުކުރެވޭ އެމްއެމްޕީއާރްސީ މައްސަލަ ވެސް ނުބެލޭނެ ކަމަށެވެ.

ވަޒީފާގެ ބިރުއޮވެ އެއިން އެއްކަމެއް ވެސް ނުވާނެކަން ފާހަގަކުރައްވާ ޑރ. ޖަމީލް ވިދާޅުވީ ސަރުކާރު ކޯލިޝަނުގެ މައި ޕާޓީ، އެމްޑީޕީގެ ތެރެއިން ވެސް ދައްކަނީ އެ ވާހަކަ ކަމަށެވެ.

ޑރ. ޖަމީލް މިހެން ވިދާޅުވީ އޭސީސީއަށް އަލަށް އައްޔަން ކުރެއްވި ފަސް މެންބަރުން ފުރަތަމަ ފަހަރަށް ނޫސްވެރިންނާ ބައްދަލުކުރައްވާ ވިދާޅުވީ އެންމެ އިސްކަމެއްދީގެން ކުރާނެ ކަމަކީ ދައުލަތަށް ގެއްލިފައިވާ ފައިސާ ހޯދުން ކަމަށް ވިދާޅުވުމުންނެވެ. އަދި މިއަހަރަށް މަސައްކަތްތައް ރާވާފައި ހުރި ގޮތްތައް އޭސީސީން ހިއްސާކުރައްވާފައިވާ ދަނޑިވަޅެއްގަ އެވެ.

އޭސީސީން އެ ތަހުގީގު ކުރިއަށް ގެންދާއިރު އިސްކަންދޭނެ ކަންކަމާއި ގުޅޭގޮތުން ކޮމިޝަންގެ މެމްބަރު ޝިޔާމާ މުހައްމަދު، ވިދާޅުވީ އެންމެ ބޮޑު އިސްކަމެއް ދޭނީ ތަހުގީގުކުރުމުގައި ރިކަވާ ކުރެވޭ ނިޒާމު ހަރުދަނާ ކުރަން ކަމަށެވެ. އަދި ކޮންމެ މައްސަލައެއްގެ ތަހުގީގު ފަށާއިރު ވެސް އެ މައްސަލައަކީ ދައުލަތަށް ލިބެންޖެހޭ ފައިސާއެއް ހިމެނޭ މައްސަލައެއްތޯ ބަލައި ތަހުގީގު މަރުހަލާ ތެރެއިން ވެސް މިކަމަށް ޚާއްސަ އިސްކަމެއް ދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.