ނުރައްކާތެރި ކުށްވެރިން މޮނިޓަ ކުރަން، އެ މީހުންގެ ފައިގައި އެޅުމަށް ބޭނުންވާ 100 ޓެގް ރާއްޖެ ގެނެސްފި އެވެ.

ހޯމް މިނިސްޓްރީން ބުނީ އެއްފަހަރާ 100 ކުށްވެރިން މޮނިޓާ ކުރެވޭ ގޮތަށް ނިޒާމް ބައްޓަންކުރުމަށް ބޭނުންވާ މޮނިކޮން ޓެގް ރާއްޖެ ގެނެސްފައިވާ ކަމަށެވެ. އަދި އެ ޓެގްތައް ކުށްވެރިން ފައިގައި އެޅުވުމަށްޓަކައި ކުރަން ޖެހޭ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.

ކުށްވެރިންގެ ފައިގައި އެޅުވުމަށް ބޭނުންވާ ޓެގް ރާއްޖެ ގެނެސްފައިވަނީ އަމިއްލަ ބަޔަކާ ހަވާލުކޮށްގެންނެވެ. މޮނިކޮން ޓެގް ރާއްޖެ ގެނައުމަށް ބަޔަކު ހޯދުމަށް ހޯމް މިނިސްޓްރީން އިއުލާންކޮށްފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 15 ވަނަ ދުވަހު އެވެ.

ކުށްވެރިންގެ ފައިގައި ޓެގް އަޅުވަނީ ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ ދަށުން ނެރޭ މޮނިކޮން އަމުރުގެ ދަށުންނެވެ. އެ އަމުރަކީ ބޮޑެތި ކުށުގެ ތުހުމަތު ކުރެވޭ މީހުން އުޅޭ ނޫޅޭ ގޮތް ބަލައި، ފާރަލުމަށް ހޯމް މިނިސްޓަރު ހުށަހަޅާ ހުށަހެޅުމަކަށް ބިނާކޮށް، ހައި ކޯޓުން ނެރޭ އަމުރެކެވެ. ކުށްވެރިއެއްގެ ފައިގައި ޓެގް އެޅުވުމުން އެ މީހަކު ރަށެއްގައި ނުވަތަ ހުރި ތަނެއްގައި، ނުވަތަ ކުށުގެ އެއްވެސް މާހައުލެއްގައި ކުރެވޭ ކަންކަން ދެނެގަނެވޭނެ އެވެ.

މީގެ ކުރިން ވެސް ބޮޑެތި ކުށްތައް ކޮށްފައިވާ ބައެއް މީހުންގެ ފައިގައި ޓެގް އަޅުވާފައިވެ އެވެ.

ކުށްވެރިންގެ ފައިގައި ޓެގް އެޅުވުމަށްފަހު މުޖުތަމައުއަށް ދޫކޮށްލިނަމަވެސް އެމީހުން މޮނިޓަކުރަމުން ގެންދާނެ އެވެ. އަދި ޓެގް އަޅުވާފައިވާ މީހުން، އެކަމުގެ ޝަރުތުތަކާ ހިލާފުވެއްޖެ ނަމަ އެމީހުން އަނބުރާ ޖަލަށް ބަދަލުކުރާނެ އެވެ.