އިދިކޮޅު ކޯލިޝަނުން ރާއްޖޭގައި ތިބި އިންޑީއާ ސިފައިން ފޭބުމަށް ގޮވާލައި ކުރިއަށް ގެންދާ "އިންޑިއާ އައުޓް" ހަރަކާތުގެ ބޮޑު ބޭނާއެއް ކުރީގެ ރައީސް ޔާމީންގެ ގެކޮޅުގައި ދެމެމުން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ހިތްހަމަނުޖެހުން ފާޅުކޮށްފި އެވެ.

ރައީސް ނަޝީދު ހިތްހަމަނުޖެހުން މިގޮތަށް ފާޅުކުރެއްވީ އިންޑިއާގެ މުސްލިމުންނަށް ކުރާ އަނިޔާއާއި ގުޅިގެން ދިވެހި ސަރުކާރުން އެކަމާ ދެކޮޅަށް އަޑުއުފުލުމަށް ގޮވާލާ ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ސިޔާމް ހުށައެޅުއްވިކުއްލި މައްސަލައަށް ފުރުސަތު ނުދިނުމަށް ނިންމާ ދެއްކެވި ވާހަކަފުޅުގައި އެވެ.

ރައީސް ނަޝީދު ވިދާޅުވީ މާލޭގެ ބޯޑެތި އިމާރަތްތަކުގައި އިންޑިއާއާއި ގުޅޭގޮތުން ބަދުބަސް ބުނެ ބެނާތައް ހަރުކުރުމަކީ ގާނޫނުލް އުގޫބާތާއި ހިލާފުކަމެއް ކަމަށެވެ. އަދި އެއީ އާންމު މަސްލަހަތާ ވެސް ހިލާފު ކަމެއް ކަމަށާއި، އެމަނިކުފާނު ދެކެވަޑައިގަންނަވާ ގޮތުގައި ވަގުތުން ވަގުތަށް ފުލުހުން އެ ނަގަން ޖެހޭނެ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވެފައި މިވަނީ ރައީސް ޔާމީންގެ އަމިއްލަފުޅު ގެކޮޅުގައި "އިންޑިއާ އައުޓް" ލިޔެފައިވާ ބޮޑު ބެނާއެއް ދެމުމާ ގުޅިގެންނެވެ. ރައީސް ޔާމިން ދިރިއުޅުއްވަމުން ގެންދަވާ ގެކޮޅުގެ އެންމެ މަތިން ތިރިއަށް ވާގޮތަށް ދަމާފައިވާ ބޮޑު ބެނާ ދަމާފައި ވަނީ އިއްޔެ އެވެ.

ޑުތަކުރުފާނު މަގުގައި ހުންނަ ހ.ދޫވެހީގައި (ރައީސް ޔާމީންގެ ގެކޮޅު)ގައި އިންޑިއާ އައުޓް ބެނާ ހަރުކޮށްފައި - ފޮޓޯ: ޕީޕީއެމް

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭރުކުރުމަށް ގޮވާލާ އިދިކޮޅުން މި ހަރަކާތް ފަށާފައިވާއިރު، ޔާމީން ޖަލުން މިނިވަންވުމަށްފަހު މި ހަރަކާތް ވަނީ އިތުރަށް ވަރުގަދަކޮށްފަ އެވެ.

އެގޮތުން ޖަލުން މިނިވަންވެ ވަޑައިގަތުމަށްފަހު އެމަނިކުފާނު ދިޔައީ އަތޮޅުތެރޭގެ ރަށްތަކަށް ވަޑައިގެން އިންޑިއާ ސިފައިން ރާއްޖެއިން ބޭރުކުރުމަށް ގޮވާލަމުންނެވެ. ހަމައެހެންމެ، މި ހަރަކާތުގައި ބައިވެރިވެ، ގައުމުގެ ދިފާއުގައި އެންމެހައި ރައްޔިތުން ނިކުތުމަށް އެމަނިކުފާނު ގޮވާލާފައިވެ އެވެ.

ރައީސް ޔާމީން ވިދާޅުވާގޮތުގައި އިންޑިއާ އައުޓް ހަރަކާތަކީ، ރާއްޖޭގެ މިނިވަންކަމާއި، ސިޔާދަތަށް ނުރައްކާ އޮތް ކަމެކެވެ. އަދި ރައްޔިތުންގެ މަޖިލީހުގައި ސަރުކާރުގެ ބާރު އޮތުމުން، އިންޑިއާ އައުޓް ހަރަކާތެއް ހުއްޓުވަން ގާނޫނެއް ހެދިނަމަވެސް، ދިވެހި ފަސްގަނޑުގައި އިންޑިއާ ސިފައިން ތިބުމަކީ ދިވެހި ރައްޔިތުން އެންމެ އެދޭނެ ގޮތެއް ނުންކަމުގައި ރައީސް ޔާމީން ވިދާޅުވެފައިވެ އެވެ.