އިންޑިއާގެ މުސްލިމުންނާ ދެކޮޅަށް ހިންގަމުންގެންދާ ލާއިންސާނީ އަމަލުތަކާދެކޮޅަށް ދިވެހި ސަރުކާރުން އަޑުއުފުލާ ބައިނަލް އަގުވާމީ ސަމާލުކަމަށް ގެނައުމުގައި ދިވެހި ސަރުކާރުން އިސްނެގުމަށް ގޮވައިލާ ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމް ހުށަހެޅުއްވި ކުއްލި މައްސަލަ މަޖީލީހުގެ ރިޔާސަތުން ބޭރުކޮށްލައިފި އެވެ.

އިދިކޮޅު ޕީޕީއެމްގެ ނައިބު ރައީސް ސިޔާމް ހުށައެޅުއްވި އެމައްސަލާގައި ވަނީ އިންޑިޔާގެ މުސްލިމުންނާ ދެކޮޅަށް ހިންގަމުންގެންދާ ލާއިންސާނީ އަނިޔާވެރި އަމަލުތައް ހިންގުމުގައި އިންޑިއާގައި ވެރިކަންކުރާ ބީޖޭޕީ އަދި ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ސަރުކާރުން އެކަމަށް ހިތްވަރުދެމުންދާކަމެވެ. އަދި އެކަންކަމުގައި އިންޑިއާގެ ފުލުހުން ވެސް ބައިވެރިވާކަން ފާހަގަކުރައްވާ އެ މައްސަލާގައި ވަނީ އިންޑިއާގެ މުސްލިމުންނަށް އަނިޔާކޮށް އެމީހުންގެ އަސާސީ ހައްގުތަކުން މަހުރޫމުކުރާއިރު އެކަމާމެދު ދިވެހި ސަރުކާރުން ބަހެއް ނުބުނެ ހަނު އޮތުމަކީ ދިވެހިން ރުހޭ ކަމެއް ނޫން ކަމަށެވެ. އަދި އިންޑިއާގެ މުސްލިމު އަޚުންނާއި އުޚުތުންނަށް ކުރާ އަނިޔާއަކީ ދިވެހިން ބަލައިގަންނާނެ ކަންތައްތަކެއް ނޫން ކަމަށް އެ މައްސަލާގައި ބުނެފައިވެ އެވެ.

އިންޑިއާގައި މުސްލިމުންނަށް އަނިޔާކުރާކުރުން ކުށްވެރިކޮށް އެކަމުގައި ދިވެހި ސަރުކާރުން ހައްގު ބަސް ބުނުމަށެވެ އަދި އެ މައްސަލަ ބައިނަލްއަގުވާމީ މުޖުތަމަޢުގެ ސަމާލުކަމަށް ގެނައުމަށް ރާއްޖެއިން އިސްނެގުމަށް ވެސް ސިޔާމް ހުށައެޅުއްވި މައްސަލާގައި ގޮވާލައްވާފައިވެ އެވެ

އެ މައްސަލައާއި ގުޅިގެން މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވީ، އަވައްޓެރި ގައުމުތަކުގެ ދާހިލީ ކަންކަމާ ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހުގައި ބަހުސްކުރުމުގެ ފުރުސަތު ދިނުމަކީ ފެނިވަޑައިގަންނަވާ ކަމެއް ނޫން ކަމަށެވެ. އަދި މަޖިލީހުގެ ގަވާއިދާއި ޑިމޮކްރެޓިކް އުސޫލުތަކުގެ ތެރެއިން ވެސް އެކަމެއް ނުކުރެވޭނެ ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވި އެވެ.

"އާންމު މަސްލަހަތާއި ހިލާފު ކަމެއް. އަޅުގަނޑު ދެކޭގޮތުގައި ވަގުތުން ވަގުތަށް ފުލުހުން އެ ނަގަން ޖެހޭނެ،" ނަޝީދު ވިދާޅުވި އެވެ.

ކުއްލި މައްސަލަ މަޖިލީހަށް ބަލައި ގަތުމާއި ގުޅޭ ގޮތުން ވޯޓަށް އަހަނީ މަޖިލީހުގެ ތަޅުމަށް އެމައްސަލައެއް ހުށަހެޅުމުގެ ފުރުސަތު މެންބަރަށް ދެއްވުމަށް ފަހު އެވެ. ނަމަވެސް މައްސަލަ ހުށަހަޅުއްވަން ޝިޔާމަށް ފުރުސަތު ދީފައިނުވާކަން ވެސް ފާހަގަކޮށްލެވެ އެވެ.