ރާއްޖެއަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ނުރައްކަލަކީ ތަންދޮރު ނުދަންނަ ވެރިޔަކު ހުރުން ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެ އެވެ.

ޑރ. ޖަމީލު މިހެން ވިދާޅުވީ އިދިކޮޅު ކޯލިޝަނުން ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމަށް ގޮވާލާ ކުރިއަށް ގެންދާ "އިންޑިއާ އައުޓް" ހަރަކާތްތައް ހުއްޓުވުމަށް ރައީސް ސޯލިހު ގަރާރެއް ނެރުމާއި ގުޅިގެން އެކަމަށް ފާޑުވިދާޅުވެ ކުރެއްވި ޓްވީޓެއްގައި އެވެ.

ޑރ. ޖަމީލް ވިދާޅުވީ، ރައީސް ސޯލިހު ނެރުނު ގަރާރުން އެނގިގެން ދިޔައީ އެމަނިކުފާނަކީ އެއްވެސް އިލްމީ ފޭރާމެއް ނެތް، ތަންދޮރު ނޭނގޭ ބޭފުޅެއް ކަމަށެވެ.

"މިއަދުވެސް އެނގިގެން މިދިޔައީ ރައީސް ޞާލިހަކީ އެއްވެސް ޢިލްމީ ފޭރާމެއް ނެތް، ތަންދިރު ނޭނގޭ ބޭފުޅެއްކަން. މީހަކު ދޭ ކޮންމެ އެއްޗެއްގައި ސޮއިކުރާއިރު، ތިމާއަށް ލިބިގެންވާ ބާރެއްތޯ ވެސް ބަލަން ނޭނގުނު. އެންމެ ނުރައްކަލަކީ މިފެންވަރުފެ ވެރިޔަކު ހުރުން،" ޑރ. ޖަމީލް ވިދާޅުވި އެވެ.

ރައީސް ނެރުއްވި ގަރާރުގައި ވިދާޅުވެފައިވަނީ ސިޔާސީ ބޭނުމެއްގައި ވަކި ގައުމަކާ ދެކޮޅަށް ހިންގާ ކެމްޕޭނުތަކަކީ ގައުމީ ސަލާމަތަށް ނުރައްކާ އޮތް ކަމެއް ކަމަށާއި، ވަކި ގައުމުތަކާ މެދު ނަފްރަތު އުފެއްދުމަށް ރާވައިގެން ހިންގާ ޙަރަކާތުގެ ސަބަބުން ގައުމީ ސަލާމަތަށް ނުރައްކާވާނެ ކަމެއްކަމަށް ގައުމީ ސަލާމަތާބެހޭ މަޖިލީހުން ކަނޑައަޅާފައިވާ ކަމަށެވެ.

އިތުރަށް އެ ގަރާރުގައި ރައީސް ވިދާޅުވީ ސަރުކާރުގެ ސިޔާސަތަކީ ގާނޫނު އަސާސީން ކަށަވަރުކޮށްދީފައިވާ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި އެއްވެއުޅުމުގެ މިނިވަންކަން ދެވެން އޮތް އެންމެ ފުޅާ މިނެއްގައި ފޯރުކޮށްދީ ޑިމޮކްރެޓިކް މުޖުތަމައުތަކުގައި އަމަލުކުރާ އަސާސްތައް ނެގެހެއްޓުން ކަމަށެވެ.

ނަމަވެސް އިންޑިއާ އައުޓް ހަރަކާތަކީ ގާނޫނު އަސާސީން ކަށަވަރުކޮށްދޭ ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ނާޖާއިޒު ފައިދާ ނަގައިގެން، ރާއްޖޭގެ ސުލްހަމަސަލަސްކަން ނަގައިލާ، ރާއްޖެއާއި އިންޑިއާގެ ގުޅުމަށާއި، ރާއްޖޭގެ ތަރައްގީއަށާއި މި ސަރަހައްދުގެ ސަލާމަތާއި ހަމަޖެހުމާއި އަމާންކަން ދެމެހެއްޓުމަށް ބަިއނަލްއަޤުވާމީ ފެންވަރުގައި ކުރާ މަސައްކަތްތަކަށް ހުރަސްއެޅުމަށް ހިންގާ ހަރަކާތެއް ކަމަށްވެސް އެ ގަރާރުގައި ބުންޏެވެ.

ރައީސްގެ ގަރާރާއެކު ގިނަ ބަޔަކު އަންނަނީ ފާޑުކިޔަމުންނެވެ. އަދި މިކަމުންވެސް ދޭހަވަނީ ރާއްޖޭގައި އިންޑިއާ ނުފޫޒު އޮތް މިންވަރުކަމަށްވެސް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.