މިދުވަސްވަރު ޑެންގީހުމުގެ ކޭސްތައް އިތުރުވަމުންދާތީ މާލެ ސިޓީގައި މަދިރި ކޮންޓްރޯލް ކުރުމުގެ މަސައްކަތް މާލެ ސިޓީ ކައުންސިލުން ފަށައިފި އެވެ.

މާލެ ސިޓީ ކައުންސިލުން ބުނީ މިމަހުގެ 24 ވަނަ ދުވަހުން ފެށިގެން މާލެ އާއި، ވިލިމާލެ ހިމެނޭހެން އެކި ސަރަހައްދުތަކަށް ބަހާލައިގެން ފޮގް ކުރުމާއި، މަދިރި އުފެދޭގޮތަށް ހުންނަ ތަންތަން ނައްތާލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި ކޮންމެ ދުވަހަކުވެސް އެފަދަ ތަންތަން ބަލާ ޗެކު ކުރަމުން އަންނަ ކަމަށް ވެސް ކައުންސިލުން ބުނެ އެވެ.

މިއީ މާލޭގައި މިދުވަސްވަރު ޑެންގީ ހުމުގެ ކޭސްތައް އިތުރުވަމުންދާތީ ހާއްސަ ސަމާލުކަމެއް ދީގެން ކުރަމުން އަންނަ މަސައްކަތެއް ކަމަށް ވެސް އެކައުންސިލުން ބުނެ އެވެ.

މި ދުވަސްވަރު ރާއްޖޭގައި ޑެންގީ ހުން ޖެހިގެން ރިޕޯޓުކުރާ އަދަދު އިތުރުވާތީ އެކަމަށް ސަމާލުވާން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިންވެސް ވަނީ އެދިފަ އެވެ.