އަންނަ ހޮނިހިރު ދުވަހު ބާއްވާ އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގައި ވާދަކުރައްވާ ރައްޔިތުންގެ މަޖިލިހުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) ކެމްޕެއިން ކުރުމަށް ރާއްޖޭގެ ހުރިހާ ރަށަކަށް ޒިޔާރަތް ކޮށްފި އެވެ.
އިންތި މިއަދު ކެމްޕޭން ކުރުމަށް އެންމެ ފަހު މަންޒިލަކަށް ދިޔައީ ހދ. މަކުނުދޫ އަށެވެ. އިންތި ވަނީ ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ގޮސް އެމްޑީޕީގެ އާންމު މެމްބަރުންނާ ބައްދަލުކޮށްފަ އެވެ.
މަކުނުދޫގައި ބޭއްވި ކެމްޕޭން ޖަލްސާގައި ވާހަކަ ދައްކަވަމުން އިންތި ވިދާޅުވީ މިދަތުރުތަކުގައި އެމްޑީޕީގެ އާންމު މެންބަރުގެ ކަންބޮޑުވުންތައް ސާފުވެފައިވާ ކަމަށެވެ.
ދަތުރުތަކުން ލިބިގެންދިޔަ އެންމެ ބޮޑު ހިންހަމަ ޖެހުމަކީ އިންތިޚާބު ކާމިޔާބު ކުރެވޭނެ ކަމުގެ އުންމީދު ލިބުންކަމަށް އިންތި ވިދާޅުވި އެވެ.
"މަކުނުދޫއަށް މިއައި ދަތުރާއި ހަމައިން މިރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ޗެއާޕާސަން ކަމުގެ އިންތިޚާބުގައި އަރާ މިނިމުނީ. ހުރިހާ ރަށެއްގެ ރައްޔިތުންނާއި ބައްދަލު ކުރެވުނީ. އެމްޑީޕީ މެމްބަރުންނާއި ހަމައަށް ދެވުނީ. އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ މޮޅުވާނީ މާރަސްކަލާންގެ ރަހުމަތްފުޅުން ރަނގަޅު ނަތީޖާއަކުން،" އިންތި ވިދާޅުވި އެވެ.
ކެމްޕޭން ދަތުރުތައް މިދިޔަ ފެބްރުއަރީ މަހުގެ 25 ވަނަ ދުވަހު އިންތި ފެއްޓެވީ ފުވައްމުލަކު ސިޓީންނެވެ.
އިންތިގެ ކެމްޕެއިން ޓީމުން ކުރި ދަތުރުތަކުގައި މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ، އާއި ޕާޓީގެ ކުރީގެ ޗެއާޕާސަން ހަސަން ލަތީފް، ރައީސް އޮފީހުގެ މިނިސްޓަރު އަދި އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒާއި ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބް، އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު، މަޑަވެލި ދާއިރާގެ މެމްބަރު ފިރުޝާން ފާހަގަ ކުރެވެ އެވެ.
އިންތިއާއެކު ޗެއާޕާސަންގެ މަގާމަށް ވާދަކުރައްވަނީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް އެވެ. އިންތިހާބުގެ ފޯރިގަދަވެ އެމްޑީޕީ ދެ ފެކްޝަނަކަށް ބެހި އެއް ބަޔަކު އަނެއް ބަޔަކަށް ދަނީ ބޮޑެތި ތުހުމަތުތައްކޮށް ވަރަށް ބޮޑަށް ފާޑުވެސް ކިޔަމުންނެވެ.