މައްސަލަ ބޮޑުވެފައިވާ "ފަޒީސް ހިޖާމާ ތެރެޕީ" އަށް ހިޖާމާ ޖެހުމުގެ ހުއްދަ ނުދޭވޭނެ ކަމަށް ހެލްތު މިނިސްޓްރީން އެންގުމުން އެތަނުން ފޯރުކޮށްދެމުންދިޔަ ހިދުމަތްތައް ހުއްޓާލައިފި އެވެ.

"ފަޒީސް ހިޖާމާ ތެރެޕީ" މައްސަލަ ފެންމަތިވީ ޑައިބެޓީސްއަކީ ހިޖާމާ އިން ކޮންޓްރޯލް ކުރެވޭ ބައްޔެއް ކަމަށާއި ބާރުގަދަ ބޭސްތައް ބޭނުން ކުރުމުގެ ބަދަލުގައި ހިޖާމާ ބޭނުން ކުރުމަށް ފަޒީސް ހިޖާމާ އިން ކުރި ޕޯސްޓަކާ ގުޅިގެންނެވެ.

މިޕޯސްޓާ ގުޅިގެން ގިނަ ބަޔައެއް ފަޒީސް ހިޖާމާއަށް ފާޑުކިޔުންތައް އަމާޒުވެގެންދިޔަ އެވެ. އަދި އެތަނުގެ އިތުރު މައްސަލަތަކެއް ވެސް ފެންމަތިވެގެން ދިޔަ އެވެ.

ފަޒީސް ހިޖާމާ ހިންގަމުން ދިޔައީ ހެލްތް މިނިސްޓްރީން ހުއްދަ ނުނަގަ އެވެ.

ފަޒީސް ހިޖާމާ ތެރަޕީގެ ނަމުގައި ކުލިނިކެއް ހިންގަމުން ދިޔަ ފަޒީލާއަކީ ހިޖާމާ ޖެހުމާ ގުޅޭ އެއްވެސް ކޯހެއް ފުރިހަމަކޮށްފައިވާ މީހެއް ނޫނެވެ. އޭނާ އެކަން ކުރަން ދަސްކުރީ އަމިއްލައަށް މީހުން އެކަންކުރާ ގޮތް ބަލައިގެންނެވެ.

ހެލްތު މިނިސްޓްރީގައި އެ ފަދަ ތަނެއެް ރަޖިސްޓަރީ ކުރެވެނީ އެ ފަދަ ކޯހެއް ފުރިހަމަކޮށްފައިވާ މީހަކަށެވެ.

އެތަން ރަޖިސްޓަރީނުކޮށް ހިންގާތީ، ހެލްތު މިނިސްޓްރީން މީގެ ކުރިން ވަނީ އެތަން ރަޖިސްޓާކޮށް ގަވައިދުގެ ތެރެއަށް ވެއްދުމަށް އެތައް ފަހަރަކު ނަސޭހަތްތެރިވެ އަންގައިފަ އެވެ. ނަމަވެސް ފަޒީލާ ދިޔައީ އެ ހުއްދަ ނުނަގައި ވިޔަފާރިކޮށް ބޮޑު އާމްދަނީއެއް ހޯދަމުންނެވެ.

ފަޒީސް ހިޖާމާއިން ހިޖާމާ ޖެހުން ހުއްޓާލަން ނިންމީ ހެލްތް މިނިސްޓްރީއިން އެތަނަށް ހުއްދަ ނުދޭނަކަން އެނގުމުންނެވެ.

ސިއްހީ ފަރުވާގެ ނަމުގައި، ރާއްޖޭގައި ހިޖާމާ ޖަހަމުންގެންދާ ތަންތަނަކީ ރަސްމީކޮށް ރަޖިސްޓްރީ ކޮށްގެން ހިންގަމުންދާ ތަންތަން ނޫން ކަމަށްވާތީ އެ ހިދުމަތް ހޯދުމުގައި ސަމާލުވާން ހެލްތު މިނިސްޓްރީން ވެސް އިލްތިމާސްކުރި އެވެ.

މިކަމާ ގުޅިގެން ފަޒީލާ ބައެއް މީޑިއާތަކުގައި ބުނެފައިވަނީ ހުއްދަ ނަގައިގެން އެކަން ކުރުން އެއްވެސް މައްސަލައެއް ނެތް ކަމަށް މިނިސްޓްރީން ބުނެފައިވާ ކަމަށެވެ. އެހެންކަމުން ދެން ހިޖާމާ ޖަހާނީ މިނިސްޓްރީގައި ރަޖިސްޓްރީ ކޮށްގެން ކަމަށް ވެސް އޭނާ ބުންޏެވެ.

"މިހާރު ޑިޕްލޮމާ ކޯހެއް ހަދަމުން މި އަންނަނީ. ސެޓްފިކެޓް ހުށަހެޅުމުން ހުއްދަ ލިބޭނެ ކަމަށް މިނިސްޓްރީން ވިދާޅުވި. އަޅުގަނޑު ކޯސް ނިމި ހުއްދަ ލިބުނުހާ އަވަހަކަށް މަސައްކަތް އަލުން ފަށާނަން،،" އޭނާ ބުންޏެވެ.

ފަޒީލާ އޭނާގެ ދިފާއުގައި މީގެ ކުރިން ބުނެފައި ވަނީ ކުލިނިކަށް ހުއްދަ ނުދިން ނަމަވެސް ރާއްޖޭގެ މީހުންނާއި ބޭރުގެ މީހުންވެސް އޭނާ ބަލައިގެންފައިވާ ކަމަށެވެ. އެހެންކަމުން އެ މަސައްކަތް ނުހުއްޓުވޭނެ ކަމަށް ބުނެ ދައުލަތުގެ ވުޒާރާތަކަށާއި އޭނާއާ ދެކޮޅަށް ހިޔާލުފާޅުކުރާ މީހުންނަށް އޭނާ ވަނީ ގޮންޖަހާފަ އެވެ.