ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ގެކޮޅުގައި ހުރި އިންޑިއާ އައުޓް ބެނާ ފުލުހުން ނެގި މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ނުކުރުމަށް ނިންމައިފި އެވެ.
ކްރިމިނަލް ކޯޓުގެ އަމުރަކަށް ފުލުހުން އެ ބެނާ ނެގީ މިދިޔަ މަހު ފަހުކޮޅު އެވެ. އެ ކޯޓުން އަމުރު ނެރެދިނީ ބެނާ ހަރުކުރުމުން އާންމު މަސްލަހަތައް ގެއްލުންވާ ކަމަށް ފުލުހުން ކޯޓުގައި ބުނެފައިވާތީ އެވެ.
ރައީސް ޔާމީންގެ ފަރާތްޕުޅުން ހުށަހެޅުއްވި އިސްތިއުނާފު މައްސަލަ ބެލުމަށްފަހު މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުރި ހުކުމްގައި ވަނީ ޔާމީންގެ ގެކޮޅަށް ވަނުމަށް ކޯޓު އަމުރު ނެރެންޖެހޭ އެކަށީގެންވާ ސަބަބެއް އޮތްކަން ކްރިމިނަލް ކޯޓުގެ އަމުރުގައި ނެތް ކަމަށެވެ.
އެ ބެނާ ނެގުމުގެ އަމުރަކަށް ފުލުހުން އެދުނީ އާންމު މަސްލަހަތަށް ގެއްލުންވާ ފަދަ އަމަލެއްގެ ކުރުމުގެ ތުހުމަތުގައި ކަމަށްވާއިރު، އެ ބެނާ ހަރުކުރުމުން އާންމު މަސްލަހަތަށް ގެއްލުންވާ ގޮތެއް ފުލުހުންނަށް ބުނެނުދެވޭ ކަމަށެވެ.
އިންޑިއާ އައުޓް ބެނާ ނެގުމަށް ރައީސް ޔާމީނަށް ފުލުހުން އެންގީ ކޮން ހަމައަކުންކަން ވެސް އެނގެން ނެތް ކަމަށް ހައިކޯޓުގެ ހުކުމުގައިވެ އެވެ.
މި މައްސަލައިގަ ޕީޖީ އޮފީހުން ބުނީ ހައި ކޯޓުގެ ނިންމުން އިސްތިއުނާފު ނުކުރާނެ ކަމަށެވެ. އެގޮތަށް ނިންމީ ހައި ކޯޓުގެ ހުކުމް އޮތްގޮތުން، ބެނާ އަތުލަން އާ އަމުރަކަށް އެދި ހުށަހެޅުމުގެ ފުރުސަތު އޮތުމުން ކަމަށެވެ.