ކުނި ވަކިކޮށްފައި ބެހެއްޓުމަށް ބޭނުންވާ ސާމާނު ސަރުކާރުން ފޯރުކޮށްދޭން ޖެހޭ ކަމަށް މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

މޭޔަރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ "ރީސައިކަލް" ކުރުމާއި ތިމާވެށި ހިމާޔަތް ކުރުމަކީ މުހިއްމު ކަމެއް ކަމަށާއި އެހެންނަމަވެސް ރައްޔިތުންގެ މައްޗަށް ކަންކަން ލާޒިމު ކުރަންވާނީ ޕްލޭން ކުރުމަށްފަހު ކަމަށެވެ. އަދި ރައްޔިތުންނާއި ކަމެއް ކުރުމަށް ހަވާލުކުރާއިރު ރައްޔިތުންނަށް އުފުލޭވަރުގެ ބުރައެއް ހަވާލު ކުރުމަކީ މުހިއްމު ކަމެއް ކަމަށްވެސް މޭޔަރު ވިދާޅުވި އެވެ.

މޭޔަރު މުއިއްޒު ވަނީ ކުނި ވަކިކޮށް ބެހެއްޓުމަށް ބޭނުންވާ ސާމާނު ސަރުކާރުގެ ޚަރަދުގަ ރައްޔިތުންނަށް ފޯރުކޮށްދިނުމަށް އެދިވަޑައިގެންފަ އެވެ.

މޭޔަރު މުއިއްޒު މިފަދައިން އެދިވަޑައިގެންފައިވާއިރު މިއަދުން ފެށިގެން ގޭބިސީތަކުން އުކާލާ ކުނި ނެރޭއިރު ބައިބަޔަށް ވަކިކުރުމަށް ވެމްކޯއިން ވަނީ އެދިފަ އެވެ.

ކުނި ވަކިކުރުމަށް ނިންމާފައި ވަނީ ތިން ބަޔަކަށެވެ. އެެއީ ކުނިވާ ޒާތުގެ ކުންޏާއި، ޕްލާސްޓިކް ފުޅި ކުނި އަދި އެހެނިހެން ކުންޏެވެ.

ކުނިވާ ޒާތުގެ ކުނީގެ ތެރޭގައި، ހިމެނެނީ ބޭނުންކޮށްފައި އުކާލާ ޓިޝޫފަދަ ތަކެއްޗާއި، ކުނިވެފައި ހުންނަ ކާނާގެ ބާވަތްތަކާއި ފަތްކުނި އަދި، ނެޕީއާއި ޕެޑު ފަދަ ތަކެއްޗެވެ. ޕްލާސްޓިކް ކުނީގެ ތެރޭގައި ހިމެނެނީ ޕްލާސްޓިކް ފުޅިއާއި ދަޅުފަދަ ތަކެއްޗެވެ.

އެހެނިހެން ކުނީގެ ތެރޭގައި، ގެއިން އުކާލާ ފޮށިގަނޑުތަކާއި، ދަގަނޑުގެ އެކި ބާވަތްތަކާއި، ބިއްލޫރި، އަދި ޕްލާސްޓިކްގެ ބައެއް ބާވަތްތައް ހިމެނެ އެވެ. ބިއްލޫރި އުކާއިރު ހުންނަންވާނީ އޭގެ ސަބަބުން މީހުންނަށް ގެއްލުން ނުވާނޭހެން ބަންދުކުރެވިފައި ކަމަށް ވެމްކޯއިން ވަނީ ބުނެފަ އެވެ.