ރާއްޖޭގައި މަރުގެ ހުކުމް ތަންފީޒުނުކުރމުގެ ބާރެއް ސަރުކާރަކަށް ނޯނާނެ ކަމަށް ކުރީގެ ނައިބް ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެ އެވެ.

މަރުގެ ހުކުމް ތަންފީޒުކުރުމާ މެދު މި ސަރުކާރުގެ ވެސް އޮތީ ކުރިން ރާއްޖޭގައި ދަމަހައްޓަމުން އައި އުސޫލު ކަމަށް މިއަދު ރައްޔިތުންގެ މަޖިލީހުގައި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެފައިވާތީ އެކަމަށް ރައްދު ދެއްވާ ޑރ. ޖަމީލް ކުރެއްވި ޓުވީޓްގައި ވިދާޅުވީ ހޯމް މިނިސްޓަރު އިމްރާނަށް މުހިއްމީ ދީނަށްވުރެން މަގާމުކަން ހާމަވެގެން ގޮސްފައިވާ ކަމަށެވެ. އަދި މަރުގެ ހުކުމް ތަންފީޒުނުކުރުމުގެ ބާރު ސަރުކާރަކަށް ނޯނާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

"ދީނަށް ވުރެ އިމްރާނަށް އަށް މަގާމު މުހިންމުވީ މިންވަރު މިއަދު ހާމަވެއްޖެ، މާތްﷲގެ ޙުކުމަށް ގޮންޖެހީ؟ ސުޕްރީމް ކޯޓުން ދަމަހައްޓާ މަރުގެ ހުކުމްތައް ތަންފީޒު ނުކުރުމުގެ ބާރު ސަރުކާރަކަށް ނޯންނާނެ. އެ މީހުން ޖަލުގައި ގެންގުޅެނީ ކޮން ޤާނޫނަކުން ބާރުލިބިގެން؟" ޑރ. ޖަމީލް ވިދާޅުވި އެވެ.

މި މައްސަލާގައި އިމްރާނަށް ޖަމީލު ފާޑު ވިދާޅުވި އިރު، ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވެސް ވަނީ އިމްރާން ދެއްކެވި ވާހަކަތަކަށް ރައްދު ދެއްވައިފަ އެވެ.

މަރުގެ ހުކުމް ތަންފީޒު ކުރުމުގައި ސަރުކާރުގެ ސިޔާސަތު ސާފު ކުރުމަށް، ހޯމް މިނިސްޓަރު އިމްރާނާ މިއަދުގެ މަޖިލީހުގައި ސުވާލު ކުރައްވާފައިވަނީ މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގު އެވެ.

ތޯރިގު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު އިމްރާން ވިދާޅުވީ މީގެ 800 އަހަރު ކުރިން ދިވެހިން އެއިރު ތިބި ދީން ދޫކޮށް އިސްލާމްދީނަށް ވަނީ އިސްލާމްދީނުގެ ފުރިހަމަކަމާއި މާތްކަން ތެދުހިތުން ގަބޫލުކޮށްގެން ކަމަށެވެ. އަދި ޝަރުއީ ހުކުމްތައް ބާވައިލައްވާފައިވަނީ އިސްލާމީ ޝަރީއަތުގެ މަގްސަދުތައް ހިމާޔަތްކުރުމުގެ މަތިވެރި މަގްސަދުގައި ކަމަށާއި، އީމާންކަމުގެ ރުކުންތަކާއި އިސްލާމްކަމުގެ ރުކުންތައް ގާއިމުކުރާހާ ހިނދަކު، އަދި އީމާންކަން އޭނާގެ ކިނބައިން ކެނޑޭނެކަމެއް ނުކުރާހާ ހިނދަކު ކޮންމެ މުސްލިމަކީ އިސްލާމީ ޖަމާއަތުގެ ފުރިހަމަ ހިމާޔަތާއި ރައްކާތެރިކަން ލިބިފައިވާ މީހެއް ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ