ދައުލަތުގެ ރިޒާވް ހުސްވެ، އަނގަވަތަށް ވެއްޓޭ އިރު ވެސް އޮޅުވާލައިގެން ލިބޭނީ އިތުރު ގެއްލުމެއް ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެ އެވެ.

ޑރ. ޖަމީލް މިހެން ވިދާޅުވެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ފާޑުވިދާޅުވީ ރާއްޖޭގެ އިގްތިސާދީ ހާލަތާ ގުޅޭގޮތުން ހަގީގަތް އޮޅޭ ގޮތަށް ބައެއް ފަރާތްތަކުން ވާހަކަ ދައްކަނީ ސިޔާސީ މަންފާއެއް ހޯދުމަށް ކަމަށް ވިދާޅުވާ ގުޅިގެންނެވެ.

ނުވަ މަސް ދުވަސް ފަހު މިދިޔަ ބުދަ ދުވަހު ނޫސްވެރިންނާ ބައްދަލުކުރައްވާ ރައީސް ސޯލިހު ވިދާޅުވީ ރާއްޖޭގެ ރިޒާވާމެދު ކަންބޮޑުވުންތަކެއް ނެތް ކަމަށާއި ދަރަނިތައް ދެއްކޭނެ ކަމަށެވެ. ރާއްޖޭގެ އިގްތިސާދީ ހާލަތާ ގުޅޭގޮތުން ހަގީގަތް އޮޅޭގޮތަށް ވާހަކަތައް ދެކެވެމުންދާ ކަމަށާއި އޭގެ ސަބަބުން ރައްޔިތުން ކަންބޮޑުވެ ހާސްކަމެއްގެ ތެރެއަށްދާ ކަމަށް ވެސް ރައީސް ސޯލިހު ވިދާޅުވި އެވެ.

"މިއީ ސިޔާސީ ބޭނުމެއްގައި ދައްކަންޖެހޭ ވަރުގެ ވާހަކައެއް ނޫން. އެއަށް ވުރެ ސީރިއަސްކޮށް އެންމެން އެކީގައި މަސައްކަތްކޮށް އަޅުގަނޑުމެން ކުރިމަތީގައި މިއޮތްކަމުން އަރައިގަންނަން މަސައްކަތް ކުރަންޖެހޭ،" ރައީސް ވިދާޅުވި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު 2022 ވަނަ އަހަރުގެ ތެރޭގައި ފުރަތަމަ ބޭއްވި ފުރަތަމަ ނޫސްކޮންފަރެންސްގައި އިއްޔެ (8 ޖޫން 2022) ނޫސްވެރިއެއްގެ ސުވާލު އަޑުއައްސަވަނީ. ފޮޓޯ: ރައީސް އޮފީސް

މިވާހަކަތަކަށް ރައްދު ދެއްވައި ޑރ. ޖަމީލް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ދައުލަތުގެ ރިޒާވް ހުސްވެ، އަނގަވަތަށް ވެއްޓޭ އިރު ވެސް ފަރުވާ ހޯދަން އުޅެނީ ކެންސަރު ޖެހުމުން ފަރުވާ ހޯދަން އުޅޭ ގޮތަށް ކަމަށެވެ.

"އިތުރުވި ދަރަނި، އިންފްލޭޝަން، ސިޔާސީ މަގާމް، ކޮރަޕްޝަން، ޣައިރު ގާނޫނީ ގަރާރު ހަމަ ބަރާބަރު،" ޑރ. ޖަމީލް ވިދާޅުވި އެވެ.

ރާއްޖޭގެ ރިޒާވް ހުސްވެ ބޭރުގެ ދަރަނި އަދާނުކުރެވި، ރާއްޖެ ބަނގުރޫޓުވެދާނެކަމަށް ދުނިޔޭގެ އެންމެ ބޮޑު އިންވެސްޓުމެންޓު ބޭންކުތަކުގެ ތެރޭގައި ހިމެނޭ ޖޭޕީ މޯގަން ޗޭސްއިން ވެސް ވަނީ އިންޒާރު ދީފަ އެވެ. ނަމަވެސް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެފައި ވަނީ ދަރަނި ނުދެއްކޭނެ ހާލަތަކަށް ރާއްޖެ ނުދާނެ ކަމަށެވެ.