ރައްޔިތުން ލައްވާ ކުނި ވަކިކޮށްގެން ނެރެނީ ބޮޑު އޮޅުވާލުމެއްގެ ތެރެއިން ކަމަށް މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

މޭޔަރު މުއިއްޒު މިހެން ވިދާޅުވީ ވެމްކޯގެ މުވައްޒަފުން ގޭގޭއިން ނެރެފައިވާ ކުނިތައް އެއް ޕިކަޕަށް އަރުވާ މަންޒަރު ފެންނަ ވީޑިއޯއެއް ހިއްސާ ކުރައްވަމުންނެވެ.

މުއިއްޒު ވިދާޅުވީ ކުނި ވަކިކޮށްގެން ނެރެން ރައްޔިތުންނަށް މަޖުބޫރު ކުރުވީމަ، އެއްގޮތަކަށް ވެސް އެއީ ބޮޑު އޮޅުވާލުމެއް ކަމަށް ހީނުކުރާ ކަމަށާއި އެއީ ޒިންމާދާރު ކަމެއްނެތި ކުރާ ކަމެއް ކަމަށްވެސް ހީނުކުރާ ކަމަށެވެ. އަދި މިގޮތަށް ކަންތައް ނުކުރުމަށް ވެމްކޯ އަށާއި ސަރުކާރަށް މުއިއްޒު ވަނީ ގޮވާލާފަ އެވެ.

"ވަކި ކުރާ ކުނި އަޅާލަނީ ކުރިން ވެސް އެޅި ލޮރީއަށް އެއްކޮށް،" މުއިއްޒު ވިދާޅުވި އެވެ.

ކުނި ވަކިކުރުގެ މައްސަލާގައި މީގެ ކުރިން މާލެ ސިޓީގެ މޭޔަރު މުއިއްޒު ވިދާޅުވީ "ރީސައިކަލް" ކުރުމާއި ތިމާވެށި ހިމާޔަތް ކުރުމަކީ މުހިއްމު ކަމެއް ކަމަށާއި އެހެންނަމަވެސް ރައްޔިތުންގެ މައްޗަށް ކަންކަން ލާޒިމު ކުރަންވާނީ ޕްލޭން ކުރުމަށްފަހު ކަމަށެވެ. އަދި ރައްޔިތުންނާއި ކަމެއް ކުރުމަށް ހަވާލުކުރާއިރު ރައްޔިތުންނަށް އުފުލޭވަރުގެ ބުރައެއް ހަވާލު ކުރުމަކީ މުހިއްމު ކަމެއް ކަމަށްވެސް މޭޔަރު ވިދާޅުވި އެވެ.

މޭޔަރު މުއިއްޒު ވަނީ ކުނި ވަކިކޮށް ބެހެއްޓުމަށް ބޭނުންވާ ސާމާނު ސަރުކާރުގެ ޚަރަދުގަ ރައްޔިތުންނަށް ފޯރުކޮށްދިނުމަށް އެދިވަޑައިގެންފަ އެވެ.

މޭޔަރު މުއިއްޒު މިފަދައިން އެދިވަޑައިގެންފައިވާއިރު މިއަދުން ފެށިގެން ގޭބިސީތަކުން އުކާލާ ކުނި ނެރޭއިރު ބައިބަޔަށް ވަކިކުރުމަށް ވެމްކޯއިން ވަނީ އެދިފަ އެވެ.

ކުނި ވަކިކުރުމަށް ނިންމާފައި ވަނީ ތިން ބަޔަކަށެވެ. އެެއީ ކުނިވާ ޒާތުގެ ކުންޏާއި، ޕްލާސްޓިކް ފުޅި ކުނި އަދި އެހެނިހެން ކުންޏެވެ.

މުއިއްޒު ވިދާޅުވީ، މާލެ ސިޓީ ކައުންސިލްގެ ސެޕްގައި ހުރި ތިމާވެއްޓާއި ގުޅޭ އެކިއެކި ކަންކަމުގެ ތެރެއިން، ރައްޔިތުންނަށް ކުނި ވަކިކުރުމުގައި ކައުންސިލްގެ ދައުރެއް އަދާ ކުރެވޭނެ ގޮތެއް ބެލުމަކީ ކައުންސިލުން ކުރުން ރަނގަޅު ކަމެއް ކަމަށެވެ.