ސިޔާސީ ރޭހުގައި ކާމިޔާބު ލިބޭނީ އަމިއްލަ މަސްލަހަތަށްވުރެ ގައުމާއި ދީން އިސްކޮށްގެން ކަމަށް އަދާލަތު ޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.

ހޯމް މިނިސްޓަރު އިމްރާން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ސިޔާސީ ރޭހުގައި ދުރު ރާސްތާ ކާމިޔާބީއެއް ހޯދޭނީ ތިމާގެ އަމިއްލަ މަސްލަހަތަށް ވުރެ ދީނާ ގައުމު އިސްކޮށްގެން ކަމަށެވެ.

އޭގެ އިތުރަށް އެ ކާމިޔާބީ ލިބޭނީ ތިމާގެ މަސްލަހަތަށް ވުރެ އެހެން މީހުން އިސްކުރާ މީހަކަށް ނުވަތަ ބަޔަކަށް ކަމަށް ވެސް އިމްރާން ވިދާޅުވި އެވެ.

ފަހަކަށް އައިސް އަދާލަތު ޕާޓީގެ ދިފާއުގައި ގިނަ ޓްވީޓްތަކެއް އިމްރާން ވަނީ ކޮށްފަ އެވެ. އެގޮތުން އަދާތަލު ޕާޓީ އުފައްދާފައިވަނީ ރާއްޖޭގައި އިސްލާމްދީނުގެ މަތިވެރި އުސޫލުތައް ދަމަހައްޓަން މަސައްކަތްކުރަން ކަމަށާއި، އެމަސައްކަތް އެޕާޓީން ޒިންމާދާރު ކަމާއެކު ކުރައްވަމުން އަންނަ ކަމަށް ވެސް އިމްރާން ވަނީ ވިދާޅުވެފަ އެވެ.

އިމްރާންގެ މިފަދަ ޓްވީޓްތަކާ ގުޅިގެން ގިނަ ބަޔަކު އަންނަނީ ފާޑު ކިޔަމުންނެވެ. އަދި އިމްރާންގެ މިފަދަ ވާހަކަތައް ބައެއް ފަރާތްތަކުން ސިފަކުރަމުން ގެންދަނީ 2023 ގެ ރިޔާސީ އިންތިހާބުގެ ތާރީހް ކައިރިވަމުންދާތީ ސަމާލުކަން ހޯއްދެވުމަށް ދެއްވާ މެސެޖްތަކެއްގެ ގޮތުގަ އެވެ.