ޔޯގާ ދުވަހުގެ ހަރަކާތަށް ހުރަަސް އެޅި ކަމަށް ބުނެ ފުލުހުން ހައްޔަރުކޮށްފައިވާ ޝެއިހް އާދަމް ނިޝާންގެ ބަންދަށް ހައި ކޯޓުން ތާއީދުކޮށްފައިވާތީ އެ ނިންމުން އިސްތިއުނާފުކުރަން ސުޕްރީމް ކޯޓަށް ހުށަހަޅަން ނިންމައިފި އެވެ.

ނިޝާން ބަންދުކޮށްފައި ވަނީ ރަގަޅަށް ކަމަށް ކޯޓުން ނިންމީ މިދިޔަ ބުރާސްފަތި ދުވަހު އެވެ. އެކަމާ ގުޅިގެން މިހާރު އޭނަގެ ގާނޫނީ ޓީމުން ވަނީ ސުޕްރީމް ކޯޓްގައި މައްސަލަ އިސްތިއުނާފުކުރަން ނިންމައިފަ އެވެ.

ޔޯގާ ހަމަނުޖެހުމާ ގުޅިގެން ނިޝާން ހައްޔަރުކޮށްފައިވާއިރު، އޭނާ ހައްޔަރުކުރީ، މިދިޔަ ޖޫން މަހުގެ 21 ވަނަ ދުވަހު އޭނާގެ ދަރިފުޅު ގޮވައިގެން ނަމާދަށް ދަނިކޮށެވެ. އަދި ހަތަރު ފަހަރެއްގެ މަތިން އޭނާގެ ބަންދުގެ މުއްދަތު ވަނީ އިތުރުކޮށްފަ އެވެ.

ޔޯގާ އިވެންޓްގެ ހަމަނުޖެހުމާ ގުޅިގެން ޝައިހް ނިޝާނާ އެކީ ޝެއިގް ފަޒްލޫން އާދަމް ވެސް ހައްޔަރުކުރި އެވެ. އެކަމަކު ޝަރުތުތަކެއް ކުރުމަށް ފަހު އޭނާ ވަނީ މިދިޔަ މަހުގެ 21 ގައި ދޫކޮށްލައިފަ އެވެ.

ޔޯގާ ހަރަކާތާއި ގުޅިގެން ހައްޔަރުކުރި މީހުންގެ މައްޗަށް ކޮށްފައިވާ ތުހުމަތަކީ، މާރާމާރީ ހިންގައި، އެތަނުގައި ހުރި ތަކެއްޗަށް ގެއްލުންދީ، އާންމުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭ ގޮތަށް ހަމަނުޖެހުން ހިންގައި، ފުލުހުންނާ ކުރިމަތިލައި، ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސް އަޅާފައިވާކަމުގެ ތުހުމަތެވެ.

ނިޝާން ބޭއިންސާފުން ހައްޔަރުކޮށް ހައްގު ނޫން އަނިޔާ ދެމުންދާ ކަމަށް ބުނެ ރާއްޖޭގެ ވަރަށް ގިނަ ބަޔަކު އަންނަނީ ކަންބޮޑުވުން ފާޅުކުރައްވަމުންނެވެ.