އަންނަ އަހަރު ތެރޭގައި ރާއްޖެއަށް ބަރުލަމާނީ ނިޒާމެއް ގެނެއުމުގެ މަސައްކަތް ފެށިގެންދާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ރައީސް ނަޝީދު މިގޮތަށް ވިދާޅުވީ މިއަދު އެމްޑީޕީ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ.
މިހާރު ރާއްޖޭގައި އޮތް ރިޔާސީ ނިޒާމް ބަރުލަމާނީ ނިޒާމަށް ބަދަލުކުރުމަށް އަންނަ ހުކުރު ދުވަހު ބޭއްވުމަށް ނިންމާފައިވާ އެމްޑީޕީ ކޮންގްރެސްއަށް ރައީސް ނަޝީދު ވަނީ ހުށަހަޅާފަ އެވެ.
މިކަމާ ގުޅޭ ގޮތުން ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީގެ ކޮންގްރެސްއިން ވެސް ބަރުލަމާނީ ނިޒާމަށް ތާއީދު ކުރައްވާނެ ކަމަށެވެ. އަދި ގިނަ ދިވެހި ރައްޔިތުންވެސް ރާއްޖެއަށް ބަރުލަމާނީ ނިޒާމެއް ގެނައުމަށް ތާއީދު ކުރައްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީ ކޮންގްރެސް އިން ފާސްވެއްޖެ ނަމަ، މި އަހަރުގެ ތެރޭގައި ފެންނަ ނުފެންނަ ވޯޓެއް ނެގޭނެ ކަމަށް ބެލެވޭ ކަމަށެވެ. އަދި އަންނަ ފެބްރުއަރީ މަހުން ފެށިގެން ބަރުލަމާނީ ނިޒާމުގެ އިންތިގާލީ މަރުހަލާ ފެށިގެން ދާނެ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.
މި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ނަޝީދު ވަނީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލަށް ވަރަށް ތައުރީފު ކުރައްވާ ވާހަކަ ދައްކަވާފަ އެވެ. އަދި އެމްޑީޕީގެ ޗެއާޕާސަން މަގާމުވެސް ފުރުއްވާ މިނިސްޓަރު ފައްޔާޒު ވެސް ބަރުލާނީ ނިޒާމަށް ތާއީދު ކުރައްވާނެ ކަމަށް ގަބޫލުކުރައްވާ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.