ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުން ރާއްޖޭގެ ވެރިކަމުގެ ނިޒާމް ރިޔާސީ ނިޒާމަކުން ބަރުލަމާނީއަށް ބަދަލުކުރަން އެމްޑީޕީގެ ކޮންގްރެސް އަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ހުށައެޅުއްވި ގަރާރު އެމްޑީޕީގެ ކޮންގްރެސް އެޖެންޑާގައި ހިމަނާ ކޮންގްރެސް ކުރިއަށްދާނެ ގޮތުގެ އެޖެންޑާ އާންމުކޮށްފި އެވެ.

އެމްޑީޕީގެ ގައުމީ ކޮންގްރެސް އަންނަ ހުކުރު ދުވަހުން ފެށިގެން އަންނަ އާދިއްތަ ދުވަހުގެ ނިޔަލަށް ކުރިއަށްދާއިރު ރައީސް ނަޝީދު ހުށަހެޅި ގަރާރު ހިމަނާފައިވަނީ އެންމެ ފަހު ދުވަހުގެ އެޖެންޑާގަ އެވެ. އެއީ ކޮންގްރެސްގެ އެންމެ ފަހު ނަންބަރެވެ. އޭގެ ފަހުން އެ ރޭ 9:00 އިން 11:00 އަށް ނިންމުމުގެ ޖަލްސާ ބޭއްވުމަށް ވަނީ ނިންމާފައެވެ.

އެމްޑީޕީގެ ކޮންގްރެސް ފަށުމުގެ ގޮތުން ނޫސްވެރިންގެ ބައްދަލުވުމަކާއި ހާއްސަ ޖަލްސާއެއް ބޭއްވުމަށް ވަނީ ނިންމާފަ އެވެ. މިޖަލްސާގައި އެޕާޓީގެ އިސް މަގާމުތަކުގައި ތިބެވި ބޭފުޅުން ވާހަކަ ދެއްކުން އޮންނާނެ އެވެ.

ރައީސް ނަޝީދު ހުށަހެޅުއްވި ގަރާރުގައި ބުނެފައިވަނީ ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލު ކުރުމާއި، އެކު އެ ހުށަހެޅުން ކުރިޔަށް ނުގެންދެވިއްޖެ ނަމަ ރާއްޖޭގެ ވެރިކަމަށް އަންނަ ފަރާތަކީ އެއީ 30 އިންސައްތައިން ކާމިޔާބު ކުރެވޭ ގޮތަށް ބަދަލު ކުރުން ހިމެނެ އެވެ.

ކޮންގްރެސްއަށް ރައީސް ނަޝީދު ހުށައެޅުއްވި ގަރާރުގައި ވަނީ ވެރިކަމުގެ ނިޒާމާއި އިންތިހާބީ އުސޫލުތައް ރޭވިފައި އޮތް ގޮތުން ސަރުކާރުގެ އެންމެ އިސް ފަރާތް ހޮވުމަށް ބާއްވާ އިންތިހާބު ކާމިޔާބު ކުރުމަށް، އެމްޑީޕީން އެހެން ޕާޓީތަކަކާއިއެކު އިންތިހާދުވުމުން ސަރުކާރުން ހިންގުން ގަނޑުބަޑުވެ އެ ޕާޓީން ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދަވާ ނުދެވި ސަރުކާރާއިމެދު އާންމު މެންބަރުން އިތުބާރު ކުޑަވެގެންދާތީ ވެރިކަމުގެ ނިޒާމު ބަދަލުކުރުމަށްޓަކައި ހުށައަޅާކަމަށެވެ.

އެހެންކަމުން ދިވެހިރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލުކުރުމަށްޓަކައި ފެންނަ ނުފެންނަ ވޯޓަކަށް އެހުމަށާއި އެ ވޯޓުގެ ނަތީޖާއަކީ ދިވެހިރާއްޖޭގައި އޮންނަން ފެންނަ ވެރިކަމުގެ ނިޒާމަކީ ބަރުލަމާނީ ނިޒާމުކަމަށް ފާސް ވެއްޖެނަމަ އިސްވެ ދެންނެވި ބަދަލުތައް ގާނޫނު އަސާސީއަށް ގެނައުމަށެވެ.

އެ ގަރާރުގެ ދަށުން ގާނޫނު އަސާސީއަށް ގެންނަން ހުށަހެޅި އިސްލާހުތަކުގެ ތެރޭގައި ސަރުކާރުގެ އެންމެ އިސްވެރިޔަކީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން އިންތިހާބުކުރާ އެ މަޖިލީހުގެ އަޣުލަބިއްޔަތުގެ ތާއީދު އޮންނަ ބޮޑުވަޒީރެއް ކަމުގައި ހަމަޖެއްސުމާއެކު، ދައުލަތުގެ އެންމެ އިސްވެރިޔަކީ ރައީސުލްޖުމްހޫރިއްޔާކަމަށް ކަނޑައެޅުން ހިމެނެ އެވެ.

ރައީސް އިންތިހާބުކުރާނީ ރައްޔިތުންގެ މެދުގައި ނަގާ ވޯޓަކުން އެންމެ ގިނަ ވޯޓު ލިބިވަޑައިގަންނަވާ ބޭފުޅަކު އެ މަގާމަށް އިންތިހާބުކޮށްގެން ކަމަށްވެސް ނަޝީދު ހުށަހެޅުއްވި އެވެ. އަދި ދައުލަތުގެ އެންމެ މަތީ ވެރިޔާގެ ހައިސިއްޔަތުން ރައީސަށް ލިބިދޭ ބާރުތަކާއި ބޮޑުވަޒީރު ސަރުކާރު ހިންގަވާއިރު ރައީސަށް ލިބިވަޑައިގަންނަވާ ބާރުތައް ގާނޫނު އަސާސީގައި ކަނޑައެޅުމަށް އެމަނިކުފާނު ހުށަހެޅުއްވި އެވެ.

އޭގެ އިތުރަށް މަޖިލީހުގެ ދާއިރާތަކުގެ މެންބަރުން ތަމްސީލުވާނެ ގޮތްތަކާއި، މަޖިލިސް އިންތިހާބުގައި ޕާޓީތަކަށް ލިބޭ ވޯޓަށް ބިނާކޮށް "ނޭޝަނަލް ލިސްޓު"ގެ މެންބަރުން ހިމެނޭ އުސޫލު ކަނޑައެޅުމަށްވެސް އެ ގަރާރުގައި ބަޔާންކުރެ އެވެ. އަދި މަޖިލީހުގެ މެންބަރުންގެ އަދަދު 87 މެންބަރުންނަށްވުރެ އިތުރުނުވާނެ ގޮތަކަށް މެންބަރުންގެ އަދަދު ހިފަހައްޓަން ހުށަހެޅުއްވި އެވެ.

އޭގެ އިތުރަށް ސަރުކާރު ހިންގާނީ މަޖިލީހުގެ މެންބަރުންގެ ތެރެއިން އެކުލަވައިލެވޭ ވަޒީރުންގެ މަޖިލީހަކުން ކަމަށް ކަނޑައަޅައި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ފަސް ފަނޑިޔާރުންނަށް މަދުކޮށް، ޖުޑީޝަލް ސާވިސް ކޮމިޝަން އެކުލެވޭ ގޮތަށް ބަދަލުތަކެއް ގެނެސް، ލާމަރުކަޒީ އުސޫލުން އިދާރީ ދާއިރާތައް ހިންގުމުގެ ސިފަތައް ގާނޫނު އަސާސީގައި ކަނޑައަޅައި ބަޔާންކުރަން އެ ގަރާރުގައި ހުށަހަޅުއްވާފައިވެ އެވެ.

ރައީސް ސާލިހު ވަނީ، އެމްޑީޕީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އެމްޑީޕީގެ ހަތަރުވަނަ ކޮންގްރެސްއަށް ހުށަހެޅުއްވި ގަރާރު އަނބުރާ ގެންދެވުމަށް އެދިވަޑައިގަންނަވާފަ އެވެ.

ރައީސް ސާލިހު ވިދާޅުވީ މިވަގުތަށް ރާއްޖެއަށް މުހިންމީ، ގައުމަށް ދިމާވެފައިވާ މައްސަލަތައް ހައްލު ކުރުން ކަމަށާއި، މިވަގުތަކީ ނިޒާމު ކަނޑައެޅުމަށް މަސައްކަތް ކުރައްވަންވީ ވަގުތު ނޫން ކަމަށެވެ. އަދި ރާއްޖޭއަށް ބަރުލަމާނީ ނިޒާމެއް ގެނައުމަށްވުރެ އަދި އޮތީ މާ ޅަފަތުގައި ކަމަށާއި، އެހެންނަމަވެސް، ބަރުލަމާނީ ނިޒާމް ގެންނަން މަސައްކަތް ކުރާ ނަމަ އެ މަސައްކަތް ކުރެއްވިދާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

"ކުރުގޮތަކަށް ދަންނަވާނަމަ އަޅުގަނޑަށް ތާއިދުކުރެވެނީ މިހާރުވެސް މި އޮތްގޮތް އެއީ ތިންބާރު ވަކިކުރެވިފައިވާ ރިޔާސީ ނިޒާމެއްގެ ތެރެއިން ސަރުކާރުން ހިންގުން،" ރައީސް ވިދާޅުވި އެވެ.

އެހެންނަމަވެސް ރައީސް ނަޝީދު ވަނީ އެގަރާރު އަބުރާ ނުގެންދަވާނެ ކަމަށާއި ބަރުލަމާނީއަށް ތާއިދު ނުކުރާ ނަމަ ރައީސް ސޯލިހަށް ތާއީދުކުރާ ބަޔަކު ނުވާނެ ކަމަށް ވިދާޅުވެފަ އެވެ.

ގަރާރާއިމެދު ނިންމާ ގޮތަކުން އެމްޑީޕީގައި މިހާރު އޮތް ބައިބައިވުން އިތުރަށް ބޮޑުވާނެ ކަމަށް ބެލެވެ އެވެ. ބެލެވޭ ގޮތުން ނަޝީދުގެ ގަރާރު، ކޮންގްރެސްގެ އެންމެ ފުލުގައި ހިމެނީވެސް މަސްލަހަތު ގެއްލިދާނެ ކަމަށް ބަލާފަ އެވެ.