ރާއްޖޭގެ ވެރިކަމުގެ ނިޒާމާ ބެހޭ ގޮތުން ބަހުސް ކުރުމަކީ އެއްވެސް މައްސަލައެއް ނޫން ކަމަށާއި އެމްޑީޕީގެ އެންމެ ވަރުގަދަ އަސާސަކީ އެ ޕާޓީގެ ތެރޭގައި އުފެދޭ ހިޔާލު ތަފާތުވުންތަކުގައި ބަހުސްކުރުން ކަމަށް އެ ޕާޓީގެ ޗެއާޕާސަން އަދި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެ އެވެ.
އެމްޑީޕީގެ ހަތަރު ވަނަ ކޮންގްރެސް ފެށުމުގެ ރަސްމިއްޔާތުގައި ފައްޔާޒު ވިދާޅުވީ އެމްޑީޕީއަކީ އަބަދުވެސް ކަންކަން ރަނގަޅު ކުރުމަށް ވަކާލާތުކުރާ އަދި ޕާޓީ ތެރޭގައި ގޯސްކޮށް ހުރި ކަންކަން ރަނގަޅު ކުރުމަށް މިނިވަންކަމާއެކު ވާހަކަ ދެއްކޭ ޕާޓީއެއް ކަމަށެވެ.
ފައްޔާޒް ވިދާޅުވީ އެމްޑީޕީގެ ކާމިޔާބީގެ އެންމެ ބޮޑު ސިއްރަކީ ބަހުސް ކުރުމާއި ޒުވާބު ކުރުމުގެ މިނިވަންކަން އޮވެމެ، ޕާޓީއާއެކު ކުރިއަށް ދެވޭކަން ކަމަށެވެ.
ފައްޔާޒް ވިދާޅުވީ އެމްޑީޕީގެ ފަލްސަފާގެ އަސާސީ ކަންކަމާ މެދު ޕާޓީގެ ތެރޭގައި ދެބަސްވުމެއް ނެތް ކަމަށެވެ. ނަމަވެސް، އެ އަސާސްތައް ހޯދުމުގަ އާއި އޭގެ ތެރޭގައި ކަންކަން ކުރުމުގައި ތަފާތު ހިޔާލުތަކެއް އަބަދުވެސް ހުންނަކަން ފާހަގަކުރައްވައި އޭނާ ވިދާޅުވީ މިހާރު އޮތް ނިޒާމުގެ ބަހުސަކީ ވެސް ހަމަ އެފަދަ ކަމެއް ކަމަށެވެ.
"ރިޔާސީ ނިޒާމުތޯ، ބަރުލަމާނީ ނިޒާމުތޯ. އަޅުގަނޑަށް ހީވަނީ ތާ އަބަދަށް ވެސް އަޅުގަނޑުމެންގެ ތެރޭގައި އެ ވާހަކަތައް ދެކެވޭނެހެން. އެއީކީ އޭގައި އެއްވެސް މައްސަލައެއް އޮތް ކަމެއް ނޫން،" ފައްޔާޒު ވިދާޅުވި އެވެ.
މާދަމާގެ ނިޔަލަށް ބާއްވަން ހަމަޖެހިފައިވާ ކޮންގްރެސް އަށް ރައީސް މުހައްމަދު ނަޝީދު ވަނީ ބަރުލަމާނީއާ ގުޅޭ ގަރާރެއް ވެސް ހުށަހަޅުއްވައިފަ އެވެ. ކޮންގްރެސްގައި އެކަމާ ގުޅޭ މަޝްވަރާތައްކުރަން ހަމަޖެހިފައި ވަނި އެންމެ ފަހު ކަމެއްގެ ގޮތުގަ އެވެ.