ސަރުކާރުން ކުރިއަށް ގެންދާ ތަރައްގީގެ މަޝްރޫއުތައް އެމްޓީސީސީއާ ހަވާލުކުރާތީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ކަންބޮޑުވުން ފާޅުކޮށްފި އެވެ.

ރައްޔިތުން މަޖިލީހުގެ މިއަދުގެ ޖަލްސާގައި ޕްރޮޖެކްޓްތައް އެމްޓީސީސީއާ ހަވާލުކުރާ ސަބަބާ ގުޅޭގޮތުން ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވީ މަޝްރޫއުތައް އިއުލާނު ކުރުމުން އެކަމަށް އެއްވެސް ބަޔަކު ކުރިމަތިނުލުމުން އެ މަޝްރޫއުއެއް ޑައިރެކްޓް އެވޯޑު އުސޫލުން އެމްޓީސީއާ ހަވާލު ކުރަމުން އަންނަ ކަމަށެވެ. އަދި މަޖިލީހުގެ ބައެއް މެންބަރު އެދާއިރާތަކުގެ ރަށްތަކުގައި ކުރިއަށް ގެންދާ މަޝްރޫއުތައް ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ހަވާލުކުރުމަށް އެދޭ ކަމަށާއި އެގޮތަށް އެދުމުން ބައެއް މަޝްރޫއުތައް ހަވާލުކޮށްފައިވާނެ ކަމަށްވެސް އަސްލަމް ވިދާޅުވި އެވެ.

"އެހެންވީމަ އަޅުގަނޑުމެން އެ ޑައިރެކްޓް އެވޯޑު އެމްޓީސީސީއަށް ދިނުމުގައި ބައެއް ފަހަރު މިހާރު ވިސްނާލަން ޖެހޭ. އެ މަސައްކަތް ހަވާލުކުރިއަކަސް ވާނެހެއްޔޭ. އަޅުގަނޑަށް މަސައްކަތް ހަވާލުކޮށްފީމޭ ބުނަން މަސައްކަތް ހަވާލުކުރެވިދާނެ،" މިނިސްޓަރު ވިދާޅުވި އެވެ.

ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް

އަސްލަމް ދެއްވި ޖަވާބާ ގުޅިގެން ރައީސް ނަޝީދު ވިދާޅުވީ އެ މަނިކުފާނުގެ ވެރިކަމުގައި 2010 ގައި ބިން ހިއްކާ ހަތަރު ކުންފުންޏާއި ބަނދަރު ހަދާ އެތައް ކުންފުންޏެއް ހުރި ކަމަށެވެ. ނަމަވެސް ސަރުކާރުން ހުރިހާ ޕްރޮޖެކްޓެއް އެމްޓީސީސީއާ ހަވާލުކުރުމުން އަމިއްލަ ކުންފުނިތައް ބަނގުރޫޓުވެއްޖެ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.

''ތަކުރާރުކޮށް ހަމައެކަނި ސަރުކާރުން އެމްޓީސީސީއަށް ޕްރޮޖެކްޓްތައް ދެމުން ގެންދިއުމުން މި ކުންފުނިތައް މިހާރު ވަނީ ބަނގުރޫޓުވެފައި. އަދި އެ ކުންފުނިތަކަށް އެއް ގޮތަކަށް ވެސް މިދަނީ މަސައްކަތްތައް ނުލިބި. އަޅުގަނޑަށް ފެންނަ ތަނުގައި މި މަގަށް މަސައްކަތްތައް ގެންދިއުމަކީ ސަރުކާރުގެ އެމްޑީޕީ ސިޔާސަތާ ވެސް މުޅިން ފުށުއަރާކަމެއް،" ރައީސް ނަޝީދު ވިދާޅުވި އެވެ.

ރާއްޖޭގެ އެކި ރަށްތަކުގައި ތަފާތު އެކި މަޝްރޫއުތައް ކުރިއަށްދާއިރު އެ މަޝްރޫއުތައް އެންމެ ބާރުމިނުގައި ކުރިއަށްނުދާތީ މަޖިލިސް މެންބަރު ކަންބޮޑުވުން ފާޅުކުރެ އެވެ. އަދި އަމިއްލަ ކުންފުނިތަކާއި ހަވާލުކޮށްފައިވާ ބައެއް މަޝްރޫއުތައް ލަސްކަން ފާހަގަ ކޮށްލެވެ. އެހެން ނަމަވެސް ސަރުކާރު ހިއްސާވާ ކުންފުނިތަކުން ކުރިއަށް ގެންދާ މަޝްރޫއު ބާރު މިނުގައި ކުރިއަށްދެ އެވެ.