ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން އިތުރު ނުވާ ގޮތަށް ގާނޫނު އަސާސީގައި ކަނޑައެޅުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ތާއީދު ކުރައްވާ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާން މިއުވާން މުހައްމަދު ވިދާޅުވެއްޖެ އެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މިއުވާން ވިދާޅުވީ މަޖިލިސް މެމްބަރުން އިތުރުނުވާނެ ގޮތަށް މާމިނގިލި ދާއިރާގެ މެމްބަރު އަދި ޖުމްހޫރީ ޕާޓީގެ ލިޑަރު ގާސިމް އިބްރާހިމް މަޖިލީހަށް ހުށައަޅާފައިވާ އިސްލާހަށް ރައީސް ސޯލިހު ތާއީދު ކުރައްވާ ކަމަށެވެ.

"ރައީސްގެ ވިސްނުންފުޅަކީ ކޮންމްވެސް ވަރެއްގެ ލިމިޓެއް އިނުން. ވަކި ގޮތެއް ރިކޮމެންޑެއް ނުކުރައްވާ. ޕާޓީތަކާ ވެސް މަޝްވަރާކުރުމަށް ފަހު ގޮތެއް ނިންމަވާނީ،" މިއުވާން ވިދާޅުވި އެވެ.

މެމްބަރުންގެ އަދަދު ލިމިޓެއްގައި ބެހެއްޓުމަށް ވިސްނެވި ނަމަވެސް މަޖިލީހުގެ މެމްބަރުންގެ އަދަދަކީ ކިހާވަރެއްކަން އެއީ ސިޔާސީ ޕާޓީތަކާއި ހުރިހާ ފަރާތްތަކާ މެދު މަޝްވަރާ ކުރެވިގެން ނިންމަންޖެހޭ ނިންމުމެއް ކަމަށް މިއުވާން ވިދާޅުވި އެވެ.

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ޤާސިމް އިބްރާޙިމް އިސްލާހު ހުށަހަޅުއްވާފައިވަނީ ޤާނޫނުއަސާސީގެ 71 އަދި 72 ވަނަ މާއްދާ އިސްލާހު ކުރުމަށެވެ. އެގޮތުން ހުށަހަޅާފައިވާ އިސްލާހުގައި ވަނީ، ރައްޔިތުންގެ މަޖިލީޙުގެ މެމްބަރުންގެ އަދަދަކީ 87 ކަމުގައި ކަނޑައެޅުމަށެވެ. އަދި މެމްބަރުން އިންތިހާބު ކުރާނި 87 އިންތިހާބީ ދާއިރާގެ ތެރެއިން ކޮންމެ އިންތިހާބީ ދާއިރާއަކުން އެއް މެމްބަރު އިންތިހާބު ކުރުމަށެވެ.

ގާނޫނުއަސާސީގައި މިހާރު ބުނާ ގޮތުން ކޮންމެ އިދާރީ ދާއިރާއެއްގައި ރަޖިސްޓަރީ ކޮށްފައިވާ އާބާދީގެ ފުރަތަމަ 5،000 މީހަކަށް ނުވަތަ 5،000 މީހުން ހަމަނުވާ ކޮންމެ އިދާރީ ދާއިރާއަކަށް ދެ މެމްބަރުން ތިބެން ޖެހެ އެވެ. އަދި އިދާރީ ދާއިރާއެއްގައި ރަޖިސްޓަރީ ކޮށްފައިވާ އާބާދީ 5،000 އަށް ވުރެ އިތުރުވާ ނަމަ އާބާދީގެ ފުރަތަމަ 5،000 މީހުންނަށް ވުރެ އިތުރުވާ ކޮންމެ 5،000 މީހަކަށް މެމްބަރަކު އިންތިހާބު ކުރަން ޖެހެ އެވެ.