ތ. އަތޮޅުން ފެށިގެން އައްޑޫއާ ހަމައަށް ހިމެނޭ ރަށްތަކުގައި 32 ގޭންގު ހަރަކާތްތެރިވަމުން އަންނަ ކަމަށާއި މީގެ ތެރެއިން އެންމެ ގިނަ ގޭންގު ހަރަކާތްތެރި ވަނީ އައްޑޫގައި ކަމަށް ފުލުހުން ބުނެފި އެވެ.
ދެކުނުގެ އަތޮޅުތަކަށް އަމާޒުކޮށްގެން މިހާރު ލ. ގަމުގައި ކުރިއަށް ގެންދާ ވިއަވަތި ރާއްޖެ ކޮންފަރެންސްގައި ފުލުހުން ދެއްކި ޕްރެޒެންޓޭޝަންގައި ބުނެފައި ވަނީ ދެކުނުގެ އަތޮޅުތަކުގައި 32 ގޭންގެއް ހަރަކާތެރިވާއިރު އޭގެ ތެރެއިން 13 ގޭންގު ނިސްބަތް ވަނީ އައްޑުއަށް ކަމަށެވެ.
މީގެ އިތުރުން ފުލުހުން ބުނީ ގޭންގުތަކުގައި ހަރަކާތެރިވާ 605 މީހުންނަކީ ދެކުނަށް ނިސްބަތްވާ ފަރާތްތައް ކަމަށެވެ. ފުލުހުން އާންމުކުރި ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިހާތަނަށް ގޭންގު ކުށްތަކުގައި 32 މީހަކު ވަނީ މަރުވެފަ އެވެ.
މި މައްސަލަތަކުގައި 185 މީހަކު ހައްޔަރުކުރެވުފައިވާއިރު މީގެ ތެރެއިން އެންމެ ގިނައީވެސް ދެކުނަށް ނިސްބަތްވާ ފަރާތްތައް ކަމަށް ފުލުހުން ހާމަކުރެ އެވެ.
ގޭންގުތަކަށް މީހުން ރެކްރޫޓްކުރުމަށް ކުރާ ގޮތުގެ ތަފްސީލް ހާމަކުރައްވަމުން ފުލުހުން ވިދާޅުވީ، ސޯޝަލް މީޑިއާ ބޭނުންކޮށްގެން މީހުން ރެކްރޫޓްކުރުމުގެ މަސައްކަތާއި، މަގުތައްމަތީގައި ވެސް މީހުން ރެކްރޫޓްކުރުމުގެ މަސައްކަތްކުރާ ކަމަށެވެ.
ފުލުހުން އިތުރަށް ބުނީ މާލޭގައި ހަރަކާތްތެރިވާ ނުރައްކާތެރި ގޭންގުތަކުގެ ލީޑަރުން އައްޑޫ ސިޓީގައި ވިޔަފާރި ކުރަމުން އަންނަކަން ފާހަގަ ކުރެވޭ ކަމަށެވެ. އެގޮތުން ގެސްޓް ހައުސް އާއި އޮޑި ދޯނި ފަހަރު އެ ފަރާތްތަކުން ގަނެފައިވާ ކަމަށް ވެސް ފުލުހުން ބުނެ އެވެ.
ދެކުނުގައި ހަރަކާތްތެރިވާ ގޭންގުތަކުގެ އަދަދު
- ތ. އަތޮޅުގައި 2 ގޭންގު
- ލ. އަތޮޅުގައި 5 ގޭންގު
- ހުވަދު އަތޮޅުގައި 3 ގޭންގު
- ފުވައްމުލަކުގައި 8 ގޭންގު
- އައްޑޫ ސިޓީގައި 13 ގޭންގު
މީގެ އިތުރުން ފުލުހުން ވަނީ ދެކުނުގައި މަސްތުވާތަކެތީގެ މައްސަލަތައް ވެސް އިންތިހާއަށް އިތުރުކަން ހާމަކުރައްވާފަ އެވެ. އެގޮތުން މިސަރަހައްދުގައި މަސްތުވާތަކެތި ބޭނުންކުރާ އެންމެ ގިނަ މީހުން ދިރިއުޅެނީ އައްޑޫގަ އެވެ. މީގެ އިތުރުން 18 އަހަރުން ދަށުގެ ކުދިން މަސްތުވާތަކެތި މައްސަލާގައި ގިނަކަން ވެސް ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކާ އެވެ.